Ads by Stelco

ޚަބަރު

ސިޒޭރިއަން ހަދަނިކޮށް ނިޔާވި އަންހެން މީހާގެ ދަރިފުޅުގެ ޙާލު ދެރަ

ސިޒޭރިއަން ހަދަނިކޮށް ނިޔާވި އަންހެން މީހާގެ ދަރިފުޅުގެ ޙާލު ދެރަ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް. ފޮޓޯ: މިހާރު.

farudhun logo

ފަރުދުން

25 ނޮވެމްބަރު 2025، 02:21

25 ނޮވެމްބަރު 2025، 02:21

އައްޑޫ ސިޓީ ހިތަދޫގައި އަމިއްލަ ފަރާތަކުން ހިންގާ އިންޓަރނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައި.އެމް.ޑީ.ސީ.)ގައި ވިއްސަން ބާއްވާފައި އޮތް ދިވެހި ޒުވާން އަންހެން މީހާ ސިޒޭރިއަން ހެދި ފަހުން އިއްޔެ ހެނދުނު ނިޔާވެފައިވާއިރު، އޭނާގެ ދަރިފުޅުގެ ޙާލު ދެރަ ކަމުގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

ސިޒޭރިއަން ހެދަމުން ދަނިކޮށް ނިޔާވީ، އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ސެކްޝަނުގައި މަސައްކަތް ކުރަމުން އައި ޢުމުރުން 28 އަހަރުގެ ޢާއިޝަތު ނަޒާހަތު އަޙުމަދު އެވެ.

އައްޑޫ ސިޓީ ކައުންސިލުގެ މެންބަރަކު މަޢުލޫމާތު ދެއްވި ގޮތުގައި، ވިހެއުމަށް އައި.އެމް.ޑީ.ސީ.އަށް އެޕޮއިންޓްމަންޓް ހައްދާފައި އޮތުމުން، ވިހެއުމުގެ އެއް ދުވަސް ކުރިން ނަޒާހަތު އެޑްމިޓުވިއެވެ. އަދި މައްސަލައެއް ދިމާވެގެން ވިހަން އޮތް ދުވަހުގެ ވަޤުތެއްގައި ސިޒޭރިއަން ހެދުމަށް ފަހު، ކުއްޖާގެ ޙާލު ގޯސްވުމުން، އެ ކުއްޖާ ފޮނުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ކަމަށް ކައުންސިލް މެންބަރު ވިދާޅުވިއެވެ.

އޭގެ ފަހުން އަންހެން މީހާ ވެސް ފޮނުވީ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ކަމަށާއި، އެކަމަކު އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ ނިޔާވެފައި ކަމަށް މެންބަރު ކިޔައިދެއްވިއެވެ.

އައިއެމްޑީސީއަކީ ގިނަ އަންހަނުން ވިހެއުމަށް ދާ ތަނެއް ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ނިޔާވި އަންހެން މީހާގެ ޢާއިލާއިން ވެސް މި މައްސަލަ އިތުރަށް ގެންދަން ބޭނުން ނުވާތީ އެ މަރާ ގުޅުވައިގެން ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށް ކައުންސިލު މެންބަރު ވިދާޅުވިއެވެ.

އެ މައްސަލަ ޞިއްޙަތާ ބެހޭ ވުޒާރާ އާއި، ކަމާ ގުޅޭ އެހެން އިދާރާތަކުން ވެސް އަންނަނީ ބަލަމުންނެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އިބްރާހީމް ޔާސިރު މިއަދު ވިދާޅުވީ، ނިޔާވި އަންހެން މީހަގެ ދަރިފުޅުގެ ޙަލު ވަރަށް ދެރަ ކަމަށާއި ވިހޭއްސުރެ ފަރުވާދެމުން އަންނަނީ ކުޑަކުދީންނަށް ޚާއްޞަ އެން.އައި.ސީ.ޔޫ.ގައި ކަަމަށެވެ.

އެ ކުއްޖާގެ ހާލަތު ވަރަށް ކްރިޓިކަލް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އިބްރާހީމް ޔާސިރު

އައި.އެމް.ޑީ.ސީ.އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ވިހެއުމުގެ ކަންތައް ކުރިއަށް ގެންދިޔަ މާބަނޑު މީހާ އިއްޔެ ހެނދުނު ވިއްސަން ޝެޑިއުލް ކޮށްފައި ވަނިކޮށް، ފަތިހު ކުއްލިއަކަށް ޙާލު ގޯސްވި ކަމަށެވެ. ވިހެއުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން އައި ނަޒާހަތުގެ ޙާލު އެ ޙާދިސާއާ ހަމައަށް ވެސް ރަނގަޅު ކަމަށް ހޮސްޕިޓަލުގެ ބަޔާނުގައި ބުންޏެވެ.

އައި.އެމް.ޑީ.ސީ.އިން ބުނި ގޮތުގައި، ނަޒާހަތުގެ ޙާލަތު ކުއްލިއަކަށް ކުރިން ރޭ ފަތިހު ގޯސްވިއިރު އެއީ ކުރިން ބަލިމީހާގެ ފަރާތުން ފެނިފައި ނެތް ޙާލަތެކެވެ. ވީމާ، އިމަރޖެންސީގައި ވަޤުތުން ފަރުވާދޭން ފެށިއެވެ. އެކަމަކު މާބަނޑު މީހާގެ އިމަރޖެންސީ އޮޕަރޭޝަނުގައި ސަލާމަތް ކުރެވުނީ ހަމައެކަނި ދަރިފުޅު ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މި ކަމުގައި ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ހުރިހާ ކަމެއްގައި ވެސް އެހީ ފޯރުކޮށްދޭނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން