ދުނިޔެ

މުސްލިމުންނަށް ހަޖޫޖެހުމަށް މޫނުބުރުގާ އަޅައިގެން އައި އޮސްޓްރޭލިއާ ސެނެޓަރ ހަފްތާއަކަށް ސަސްޕެންޑްކޮށްފި

މުސްލިމުންނަށް ހަޖޫޖެހުމަށް މޫނުބުރުގާ އަޅައިގެން އައި އޮސްޓްރޭލިއާ ސެނެޓަރ ހަފްތާއަކަށް ސަސްޕެންޑްކޮށްފި

ވާތް ފަރާތުގައި: ސެނެޓަރ ފާޠިމާ ޕޭމެން. ކަނާތް ފަރާތުގައި: މަޖިލިހަށް މޫނުބުރުގާ އަޅައިގެން އައި ސެނެޓަރ ޕޯލީން ހެންސަން.

farudhun logo

ފަރުދުން

25 ނޮވެމްބަރު 2025، 03:07

25 ނޮވެމްބަރު 2025، 03:07

މުސްލިމުންނަށް ހަޖޫޖެހުމަށް މޫނުބުރުގާ އަޅައިގެން މަޖިލިހަށް އައި އޮސްޓްރޭލިއާ ސެނެޓަރ، އެއް ހަފްތާގެ މުއްދަތަކަށް މަޖިލިހުން ސަސްޕެންޑްކޮށްފިއެވެ.

އޮސްޓްރޭލިއާގެ ކުއީންސްލޭންޑްގެ ސެނެޓަރ ޕޯލީން ހެންސަން، އިއްޔެ އޮސްޓްރޭލިއާގެ މަޖިލިހަށް މޫނުބުރުގާ އަޅައިގެން އައުމުން، އެހެން ސެނެޓަރުންގެ ފަރާތުން އޭނާއަށް ފާޑުކިޔުން ރައްދުވިއެވެ. 

ސެނެޓަރ ޕޯލީން ހެންސަންގެ މަޤުޞަދަކީ، އޮސްޓްރޭލިއާގައި މޫނުބުރުގާ އެޅުން މަނާކުރާ ބިލެއް މަޖިލިހަށް ވެއްދުމެވެ. މި ކަމަށް އޭނާ އަޑުއުފުލާތާ ވަރަށް ގިނަ ދުވަސް ވަނީ ވޭތުވެފައެވެ. އަދި މިއީ އޭނާ ވައްތަރު ދެއްކުމަށް މަޖިލިހުގައި މޫނުބުރުގާ އަޅައިގެން އައި ދެވަނަ ފަހަރުކަން ފާހަގަކުރެވެއެވެ. އޭނާ ބުނީ، މިއީ، އޭނާގެ ބިލު މަޖިލިސް ތަޅުމުން ބަލައިނުގަތުމުން، އެ ކަމާ ދެކޮޅަށް އަޑުއުފުލުމަށް ކުރި ޢަމަލެއް ކަމަށެވެ.

"މިއީ ޢުންޞުރީ (ރޭސިސްޓް) ސެނެޓަރެއް. މީނާ މި ދައްކަނީ ފާޅުކަން ބޮޑު ޢުންޞުރިއްޔަތު." ގްރީންސްއަށް ނިސްބަތްވާ މުސްލިމް ސެނެޓަރެއް ކަމުގައިވާ މެހްރީން ފާރޫޤީ ބުންޏެވެ. މެހްރީންއަކީ ހެންސަންގެ ފަރާތުން ޢުންޞުރީ ތަފާތުކުރުން ތަޙައްމަލުކޮށްފައިވާ ސެނެޓަރެއް ކަމަށް، އޮސްޓްރޭލިއާގެ ފެޑެރަލް ކޯޓުން މިދިޔަ އަހަރު ކަނޑައެޅިއެވެ.

ހުޅަނގު އޮސްޓްރޭލިއާ ތަމްޘީލުކުރާ މުސްތަޤިއްލު ސެނެޓަރެއް ކަމަށްވާ ފާޠިމާ ޕޭމެން ބުނީ، ހެންސަންގެ ޢަމަލަކީ "ލަދުކުޑަ" ޢަމަލެއް ކަމަށެވެ.

އޮސްޓްރޭލިއާގެ ސެނޭޓުގައި ސަރުކާރުގެ އިސްވެރިޔާގެ ދައުރު އަދާކުރައްވާ އެ ޤައުމުގެ ޚާރިޖީ ވަޒީރު ކަމުގައިވާ ޕެނީ ވޮންގް މިއަދު ވަނީ، ހެންސަން މަޖިލިހުން ބޭރުކޮށްލުމަށް ގޮވާލައްވާފައެވެ. ހެންސަންގެ ޢަމަލުތަކަކީ މުސްލިމުންނާ ދެކޮޅަށް ކުރި ބޭއިޙުތިރާމު ޢަމަލުތަކެއް ކަމަށް ބުނެފައިވާ ވަޒީރުގެ އެ ހުށަހެޅުން، 60 ސެނެޓަރުންގެ ތެރެއިން 55 ވޯޓާއެކު ކާމިޔާބުވިއެވެ.

ވުމާ އެކު، ހެންސަން ވަނީ އެއް ހަފްތާގެ މުއްދަތަކަށް މަޖިލިހުން ސަސްޕެންޑުކޮށްފައެވެ.

2017ވަނަ އަހަރު ވެސް، ހެންސަން މޫނުބުރުގާ އަޅައިގެން މަޖިލިހަށް އައިސް، މުސްލިމުންނަށް މާލާމާތް ރައްދުވާ ފަދަ ބޭއަދަބީ ޢަމަލުތައް ވަނީ ދައްކުވާފައެވެ. އޭނާގެ ބަދުއަޚުލާޤުގެ ސަބަބުން، އޭނާއަކީ އޮސްޓްރޭލިއާގެ ސެނެޓަރަކަށް ވުމަށް ނާޤާބިލު މީހެއް ކަމަށް، ޚާރިޖީ ވަޒީރު ވޮންގް ވެސް ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން