ކުޅިވަރު

ޗެމްޕިއަންސް ލީގު: ޗެލްސީން ބާސެލޯނާ ލަދުގަންނަވާލިއިރު، ސިޓީ ވެސް މެންޗެސްޓަރގައި ބަލިވެއްޖެ

ޗެމްޕިއަންސް ލީގު: ޗެލްސީން ބާސެލޯނާ ލަދުގަންނަވާލިއިރު، ސިޓީ ވެސް މެންޗެސްޓަރގައި ބަލިވެއްޖެ

ޗެލްސީގެ އެސްތަވާއޯ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައި / ފޮޓޯ: ރޮއިޓާސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 ނޮވެމްބަރު 2025، 07:58

26 ނޮވެމްބަރު 2025، 07:58

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ދުނިޔޭގެ ޗެމްޕިއަން، ޗެލްސީން، ޔޫރަޕްގެ ގަދަބާރު ބާސެލޯނާ ލަދުގަންނަވާލައިފިއެވެ. މީގެ އިތުރުން، އަންގާރަ ދުވަހުގެރޭ ޖަރުމަނުގެ ބެޔާ ލެވަކޫސެންއިން ވަނީ މެންޗެސްޓަރގައި މެންޗެސްޓަރ ސިޓީ ބަލިކޮށްފައެވެ.

ޗެލްސީގެ ސެޓެމްފޯޑް ބުރިޖުގައި އެ ޓީމުން ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ލެމީން ޔަމާލް ފުރިހަމަ ފިޓްނަސްގައި ނިކުމެ ތަފާތު ކުޅުމެއް ދައްކާނެކަމަށް ބެލެވުނު ނަމަވެސް، އޭނާގެ ވިދުމަށް ހުރަސްއެޅީ ޗެލްސީ ހަމަލާތަކުގައި މުހިންމު ދައުރެއް އަދާކުރި އުމުރުން 18 އަހަރުގެ އެސްޓަވާއޯއެވެ.  

މެޗު ފެށިގެން ޗެލްސީން މޮޅަށް ކުޅެމުން ދިއުމުގެ ނަތީޖާއަކަށްވީ އެ ޓީމަށް ގިނަ ފުރުސަތުތައް ފަހިވެގެން ދިއުމެވެ. އެގޮތުން މެޗުގެ ކުރީކޮޅު އެންޒޯ ފެނާންޑޭޒް ކާމިޔާބުކުރި ދެ ގޯލެއް ނުގުނުމަށް ރެފްރީ ނިންމިއެވެ. އެއީ ފުރަތަމަ ގޯލުގައި ޗެލްސީގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުންނާއި ދެވަނަ ގޯލުގައި އެންޒޯ އޮފްސައިޑުގައި ހުރިކަމަށް ނިންމުމަށްފަހުއެވެ. 

އެ ޓީމަށް ރަސްމީކޮށް ލީޑު ލިބުނީ މެޗުގެ 27ވަނަ މިނެޓުގައި ކޯނަރަކުން އުފެއްދި ފުރުސަތެއްގައި، މާރކް ކުކުރޭލާ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޕެޑްރޯ ނޭޓޯ ގޯލަށް ފޮނުވާލި ނަމަވެސް، އެ ބޯޅަ ބްލޮކްވި ވަގުތު ބާސެލޯނާގެ ފަހަތަށް ކުޅޭ، ޖޫލްސް ކުންޑޭ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. 

މުޅި މެޗުގައި ވެސް ކުކުރެލާ ވަނީ ޔަމާލް ހިފެހެއްޓުމުގައި ކާމިޔާބީ ހޯދާފައި / ފޮޓޯ: ގެޓީ އިމޭޖަސް

ބާސެލޯނާއަށް މެޗުގެ ނަތީޖާ އަނބުރާލުމަށް އުނދަގޫވީ، ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް އެ ޓީމުގެ ކެޕްޓަނެއްގެ ޒިންމާ ނަގަމުންދިޔަ ރޮނާލްޑް އަރައުހޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ.

ދެވަނަ ހާފު ފަށައިގެން ފަސް މިނެޓުގެ ތެރޭގައި ޗެލްސީގެ ޕެޑްރޯ ނޭޓޯ އެ ޓީމަށް ގޯލެއް ކާމިޔާބުކުރިއެވެ. ނަމަވެސް އޭނާ ގޯލަށް ފޮނުވާލި ބޯޅަ ގޯލު ކުރިމައްޗަށް ހުރަސްކުރުމުގެ ކުރިން، އަލެހާންޑްރޯ ގަނާޗޯ އޮފްސައިޑުގައި ހުރުމުން ނުގުނުމަށް ނިންމިއެވެ.

ޗެލްސީން މެޗުގައި ލީޑު ފުޅާކުރީ 55ވަނަ މިނެޓުގައި ޒުވާން އެސްޓަވާއޯ ކާމިޔާބުކުރި ރީތި ގޯލަކުންނެވެ. އޭނާ ހާމަކޮށްދިނީ، ޔަމާލް ނޫނަސް އޭނާއަކީ ވެސް ހުނަރުވެރި ޒުވާން ކުޅުންތެރިއެއް ކަމެވެ. އެސްޓަވާއޯ ބާސެލޯނާގެ ޕެނަލްޓީ އޭރިއާ ބޭރުން ހޯދި ބޯޅަ ގޯލުގެ ދާގަނޑަށް ފޮނުވާލީ، ބާސެލޯނާގެ ފަހަތަށް ކުޅުނު ޕައު ކުބާސީ އާއި އަލެހާންޑްރޯ ބަލްޑޭ ކައިރިން ނައްޓާލުމަށްފަހުއެވެ.

އޭގެ ފަހުން އެންޒޯގެ އެސިސްޓަކުން ޗެލްސީއިން ލީޑު ފުޅާކުރީ ލިއާމް ޑިލެޕް ކާމިޔާބުކުރި ގޯލަކުންނެވެ. 

މެންޗެސްޓަރގައި ސިޓީ ބަލިވި ނަމަވެސް އެ ޓީމުން ވަނީ ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން ހިފުނީ ލެވަކޫސަންއަށެވެ.

ލެވަކޫސެންގެ ދެވަނަ ގޯލު ކާމިޔާބުކުރުމަށްފަހު ޕެޓްރިކް ޝިކް އުފާފާޅުކުރަނީ / ފޮޓޯ: ރޮއިޓާސް

ލެވަކޫސެންއަށް މި މެޗުގައި ލީޑު ނަގައިދިނީ 23 ވަނަ މިނެޓުގައި އެލެކްސް ގްރިމާލްޑޯ ކާމިޔާބުކުރި ގޯލަކުންނެވެ. ދެވަނަ ހާފުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ޕެޓްރިކް ޝިކްއެވެ. 

މި ނަތީޖާތަކާއެކު، ޗެލްސީ އޮތީ 10 ޕޮއިންޓާއެކު ލީގު-ފޭސްގެ ފަސްވަނައިގައެވެ. އަދި 10 ޕޮއިންޓު ލިބިފައިވީނަމަވެސް، ގޯލު ތަފާތުން ހަވަނައިގައި އޮތީ ސިޓީއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން