ޚަބަރު
މިހާތަނަށް 200 ދިވެހި ސީމަނުންނަށް ސީފެއަރަސް އައިޑެންޓިޓީ ޑޮކިއުމަންޓް ދޫކޮށްފި!
ރާއްޖޭގެ މުދާ އުފުލާ ބޯޓެއް ފޮޓޯ: އެމްއެސްއެސް
ދިވެހި ސީމަނުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި، މިދިޔަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 200 ދިވެހި ސީމަނުންނަށް ސީފެއަރަސް އައިޑެންޓިޓީ ޑޮކިއުމަންޓް (އެސް.އައި.ޑީ ނުވަތަ ސިޑް) ދޫކޮށްފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އެ ވުޒާރާއިން މިހާރު ވަނީ، ފާއިތުވި 2 އަހަރު ހޯދި ކާމިޔާބީތައް ހިމަނައި ޚާއްސަ ފޮތެއް ނެރެފައެވެ. އެ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، 2016 ވަނަ އަހަރުން ފެށިގެން އައި.އެލް.އޯގެ މެރިޓައިމް ލޭބަރ ކޮންވެންޝަނުން ސީމަނުންނަށް ދޫކުރުން ލާޒިމްކުރާ އެސް.އައި.ޑީ 2024 ވަނަ އަހަރުގެ ޖޫން މަހާއި ހަމައަށް ދިވެހި ސީމަނުންނަށް ދޫކޮށްފައިނުވާތީ، މި ސިނާޢަތުގައި މަސައްކަތްކުރާ ގިނަ ދިވެހިންނަށް ބޯޓު ދަތުރުކުރާ ލައިނަރތަކުގެ ވަޒީފާތަކަށް ދިއުމުގެ ފުރުޞަތު ގެއްލިފައި އޮތެވެ.
މިކަމުގެ ސަބަބުން ދިވެހި ސީމަނުންނަށް ވަނީ ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހިފައެވެ. ބައެއް ޤައުމުތަކުން "ސިޑް" ނެތުމުގެ ސަބަބުން ދިވެހި ސީމަނުން އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލާފައިވާއިރު، ބައެއް ޙާލަތްތަކުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާވެސް ކޮށްފައިވެއެވެ. މީގެއިތުރުން 2023 ވަނަ އަހަރުގެ ފަހުކޮޅު "ސިޑް" ނެތުމުގެ ސަބަބުން ސީމަނުން ރެކްރޫޓް ކުރާ ކުންފުނިތަކުން ދިވެހިންނަށް ވަޒީފާ ދިނުން ހުއްޓާލުމުގެ ނަތީޖާއެއްގެ ގޮތުން ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދިޔައެވެ.
މި މައްސަލައަށް ޙައްލެއް ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމާއެކު، 2024 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުން ފެށިގެން ދިވެހި ސީމަނުންނަށް އައި.އެމް.އޯއާއި އައި.އެލް.އޯ ޤަބޫލުކުރާ ފެންވަރުގެ އެސް.އައި.ޑީ ދޫކުރަން ވަނީ ފަށާފައެވެ. މިގޮތުން މިހާތަނަށް 200 ސީމަނުންނަށް އެސް.އައި.ޑީ ދޫކޮށްފައިވާ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ބަދަލާއެކު ދިވެހި ސީމަނުންނަށް ރާއްޖެއިން ބޭރުގެ ބޯޓުފަހަރުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިވެ، އާމްދަނީ ހޯދޭނެ އިތުރު ފުރުޞަތުތައްވެސް ހުޅުވިގެންދާނެއެވެ.
މީގެއިތުރުން، ނިއަރ ކޯސްޓަލް އޭރިޔާގައި ދަތުރުކުރާ އާގު ބޯޓުފަހަރުގައި މަސައްކަތްކުރާ މީހުންނަށް ފުރުޞަތު އިތުރުކޮށް ކުރިއަށް ދެވޭނެ ގޮތް ހޯދައި ދިނުމަށްޓަކައި ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ (ސީ.އޯ.ސީ)ވެސް ދޫކުރަން ފަށާފައިވާކަން ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. މި ބަދަލުގެ ތެރެއިން ސެޓްފިކެޓް 3 އިން މެރިން އޮޕަރޭޝަންސް އަދި ސެޓްފިކެޓް 3 އިން މެރިން އިންޖިނިއަރިންގ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އޯރަލް އިމްތިހާނަށްފަހު ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ ދޫކުރާނެއެވެ. މި ފުރުޞަތުގެ ދަށުން މިދިޔަ 2 އަހަރުގެ ތެރޭގައި 14 ޑެކް ސީ.އޯ.ސީ ސެޓްފިކެޓް ދޫކޮށްފައިވެއެވެ. މި ފުރުޞަތު ހުޅުވާލުމުން ކޯސްޓަލް ބަނދަރުތަކަށް ދަތުރުކުރާ ބޯޓުފަހަރުގެ އޮފިސަރުންގެ ވަޒީފާގެ ފުރުޞަތުތައް ދިވެހި ސީމަނުންނަށް ލިބޭނެ ކަމަށްވެސް ވުޒާރާއިން ވިދާޅުވިއެވެ.
ނެތެމުންދިޔަ މި ސިނާޢަތަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރައްވައި، އަލުން ދިރުމެއް ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި މަސައްކަތްޕުޅުން، މިއަދު މިވަނީ ދިވެހި ސީމަނުންނަށް އައު އުއްމީދުތަކެއް ގެނެސްދީފައެވެ.