ޚަބަރު
ސަރުކާރުގެ މަޝްރޫޢުތަކަށް ބީއެމްއެލްއިން ގާނޫނާ ޚިލާފަށް ފައިނޭންސް ދޫކުރާކަމަށް ދެކެވޭ ވާހަކަތަކުގެ އަސާސެއް ނެތް : ބީއެމްއެލް ތަރުޖަމާނު
ބީއެމްއެލް ބިޒްނަސް ސެންޓަރ ފޮޓޯ: އަވަސް
ސަރުކާރުން ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސޮއިކުރި މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފައިނޭންސް ދޫކުރަނީ ބޭންކިންގ ގާނޫނާ ޚިލާފަށް ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، އަދި ސައްޙަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައެއް ނޫން ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ތަރުޖަމާނު މުޙައްމަދު ސަޢީދު ވިދާޅުވީ، މިފަދަ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، ބޭންކުން ލޯނު ދޫކުރަމުން ދަނީ ދިވެހިރާއްޖޭގެ ބޭންކިންގ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. މުޙައްމަދު ސަޢީދު މިހެން ވިދާޅުވީ، ފަހަކަށް އައިސް ބައެއް ފަރާތްތަކުން ބީއެމްއެލްގެ ލޯނު ދިނުމުގެ ސިޔާސަތުތަކާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް އިން ފައިނޭންސް ދޫކުރަނީ ބޭންކިންގ ގާނޫނާ ޚިލާފަށްކަމަށް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތި، އަދި ސައްހަ މައުލޫމާތުގެ މައްޗަށް ބިނާކޮށް…
— Mohamed Saeed (@BMLSpokesperson) November 26, 2025
އޭނާ އިތުރަށް ވިދާޅުވީ، ބޭންކުން ލޯނު ދޫކުރަމުން ދަނީ އަދި ކުރިޔަށް އޮތްތާގައި ލޯނު ދޫކުރަމުން ދާނީވެސް ދިވެހިރާއްޖޭގެ ބޭންކިންގ ގާނޫނާއި ގަވާއިދުތަކާ އަދި ބައިނަލްއަގުވާމީ މިންގަޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލެވިފައިވާ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާ އެއްގޮތަށް ކަމަށެވެ. މީގެ އިތުރުން، މިނިވަންކަމާއެކު ބޭންކުގެ ބޯޑުން ނިންމާ ނިންމުންތަކުގެ ދަށުން މިކަންކަން ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މުޙައްމަދު ސަޢީދު ވަނީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި، ބޭންކުގެ ކަސްޓަމަރުންނަށާއި ހިއްސާދާރުންނަށް އޮޅޭގޮތަށް ހަގީގަތާ ޚިލާފު މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ސިފަކުރައްވާފައެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.