ކޮލަމް
ބޭނުންކުރާ ލައިޓުގެ ބާވަތުން ކަރަންޓު ބިލަށް ބޮޑު އަސަރެއް ކުރޭ!
އާންމުކޮށް ބޭނުންކުރާ 3 ބާވަތުގެ ލައިޓު ފޮޓޯ: އިންޓަނެޓް
ކޮންމެ ގެއަކަށް ކަރަންޓަކީ ވަރަށް މުހިންމު އަދި ނުހަނު ބޭނުންތެރި ހިދުމަތެކެވެ. ދިރިއުޅުމުގެ ކޮންމެ ކަމަކަށްވެސް ކަރަންޓު ބޭނުންވެއެވެ. ނަމަވެސް ކަރަންޓު ބިލު ބޮޑުވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. މިކަންކަމަށް ހައްލެއްގެ ގޮތުން މިހާރު ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ އެއް އެއްޗަކީ "ލައިޓް އެމިޓިންގ ޑަޔޯޑް" ނުވަތަ ކުރުކޮށް ކިޔާނަމަ އެލް.އީ.ޑީ. ލައިޓުތަކެވެ. މި ލައިޓުތަކަކީ ކުރީގެ ބޮކިތަކަށްވުރެ ކަރަންޓު ބޭނުންކުރުން އެތައް ގުނައެއް މަދު އަދި މާ ރަނގަޅު ބާވަތެކެވެ. އެލް.އީ.ޑީ. ލައިޓުތަކުން ތަފާތު ސްމާޓް ފީޗާޒްތައް ލިބިދޭއިރު، ކަރަންޓު ބިލު ކުޑަކޮށްދީ، އެތައް އަހަރަކަށް ދެމިހުންނާނެކަމަށް ބުނެވެއެވެ.
އެލް.އީ.ޑީ. ލައިޓުތަކުން ފައިސާ ސަލާމަތްކުރަނީ ކިހިނެއް؟
ޔޫ.އެސް. ޑިޕާޓްމަންޓް އޮފް އެނަރޖީއިން ބުނާގޮތުގައި ގެއެއްގައި ބޭނުންކުރާ ކަރަންޓުގެ ތެރެއިން ގާތްގަނޑަކަށް 15 އިންސައްތަ ހޭދަވަނީ އަލިކުރުމަށެވެ. މިއީ އެއަރ ކޮންޑިޝަނާއި އެހެނިހެން ބޮޑެތި އިލެކްޓްރޯނިކް ސާމާނު ފަދަ ތަކެއްޗަށްވުރެ މަދު އަދަދެއް ނަމަވެސް، މިއީ އެހާމެ މުހިންމު އަދަދެކެވެ. އެހެންކަމުން، ބޭނުންކުރާ ލައިޓުގެ ބާވަތުން ކަރަންޓު ބިލަށް ވަރަށް ބޮޑު އަސަރެއް ކުރެއެވެ.
ހޯދުންތަކުން ދައްކާގޮތުގައި، ކުރީގެ ބޮކިތައް އަހަރަކު ބޭނުންކުރުމަށް 7.23 ޑޮލަރު (ދިވެހި ރުފިޔާއިން ނަމަ 2,000 ރުފިޔާއަށްވުރެ ގިނަ) ހޭދަވާއިރު، އެލް.އީ.ޑީ. ބޮތްކަކަށް އަހަރަކު ހޭދަވަނީ އެންމެ 1.08 ޑޮލަރު (ގާތްގަނޑަކަށް 508 ރުފިޔާ) އެވެ. މީގެ މާނައަކީ، ހަމައެކަނި އެއް އެލް.އީ.ޑީ. ބައްތިން އަހަރަކު ގާތްގަނޑަކަށް 1,500 ރުފިޔާ ސަލާމަތްކުރެވޭނެއެވެ. އާންމުކޮށް ގެއެއްގައި މަދުވެގެން 4 ނުވަތަ 5 ބޮކި ބޭނުންކުރާއިރު، މިހެން ކަންތައްކޮށްފިނަމަ ޖުމްލަ އަހަރަކު 6,000 ރުފިޔާއިން 10,000 ރުފިޔާއާ ދެމެދުގެ އަދަދެއް ސަލާމަތްކުރެވިދާނެއެވެ. އަދި ގިނަ އެލް.އީ.ޑީ. ބޮކި ބޭނުންކުރާ ވަރަކަށް ސަލާމަތްކުރެވޭ އަދަދު އިތުރުވާނެއެވެ.
އެލް.އީ.ޑީ. ބޮކިތަކުން ކަރަންޓު އަލިކަމަށް ބަދަލުކުރުމަށް ރިއެކްޓިވް ޑަޔޯޑްސް ބޭނުންކުރެއެވެ. އަދި ކުރީގެ ބޮކިތަކެކޭ އެއްގޮތަށް ގަދަ ހޫނެއް މީގެން ނުއުފައްދައެވެ. މިއީ ކަރަންޓު ބޭނުންކުރާވަރު މަދުވާ އެއް ސަބަބެވެ. މީގެ އިތުރުން އެލް.އީ.ޑީ. ލައިޓުތައް ކުރީގެ ބޮކިތަކަށްވުރެ މާ ގިނަސދުވަހު ހުރެއެވެ. މީގެ ސަބަބުން ދިގު މުއްދަތަށް އިތުރު ފައިސާ ސަލާމަތްކުރެވޭނެއެވެ.
އެލް.އީ.ޑީ. ބޮކިތަކުން އެނަރޖީ ސޭވަރ ނުވަތަ ޓިއުބް ލައިޓަށްވުރެ ކަރަންޓު ބޭނުންކުރާވަރު މަދުކުރޭތަ؟
ޒަމާނެއްގައި މީހުން ގަބޫލުކޮށްފައިވަނީ ޓިއުބް ލައިޓު ނުވަތަ އެނަރޖީ ސޭވަރ ބޮކިތަކުން ކަރަންޓު ބިލު ކުޑަކުރުމަށް އެހީތެރިވާނެ ކަމަށެވެ. ނަމަވެސް މިހާރު އެލް.އީ.ޑީ. ލައިޓުތަކުން ވަނީ މި ދެ ބާވަތުގެ ލައިޓުތަކަށްވުރެ ހުރިހާ ގޮތަކުންވެސް ކުރިއަރާފައެވެ. އޭގެތެރޭގައި ކަރަންޓު ސަލާމަތްކުރުން ހިމެނެއެވެ. މިހާރުވެސް ޓިއުބް ލައިޓު ނުވަތަ އެނަރޖީ ސޭވަރ ބޭނުންކުރާނަމަ، އެލް.އީ.ޑީ.އަށް ބަދަލުކުރުމުން އިތުރަށް ފައިސާ ސަލާމަތްކުރުމަށް އެހީތެރިވެދޭނެއެވެ.
ޔުނިވަރސިޓީ އޮފް މިޗިގަންއިން ކުރި ދިރާސާއަކުން ހާމަވާގޮތުގައި، އެލް.އީ.ޑީ. ލައިޓުތަކުން ޓިއުބް ލައިޓުތަކަށްވުރެ 45 އިންސައްތަ އިތުރު ފައިސާ ސަލާމަތްކޮށްދެއެވެ. އަދި ދެމިހުންނަ މުއްދަތުވެސް އެތައް ގުނައެއް އިތުރެވެ.
ކުރުކޮށް ބުނާނަމަ، އެލް.އީ.ޑީ. ލައިޓުތަކަކީ ހަމައެކަނި ކަރަންޓު ބިލު ކުޑަކޮށްދޭ އެއްޗެއް ނޫނެވެ. އެއީ ދިގު މުއްދަތަށް ފައިސާ ސަލާމަތްކޮށްދޭ، ތިމާވެއްޓާ ރަހުމަތްތެރި އަދި މުޅި ދުނިޔެއަށްވެސް ފައިދާހުރި ހައްލެކެވެ.