ކުޅިވަރު

ބެޔާންއަށް އާސެނަލްގެ ގޯލު ފޫއަޅުވާ ލެވުނަސް، އެ ޓީމު ބައްޔެއް ނުކުރެވުނު

ބެޔާންއަށް އާސެނަލްގެ ގޯލު ފޫއަޅުވާ ލެވުނަސް، އެ ޓީމު ބައްޔެއް ނުކުރެވުނު

މާޓިނެލީ، އާސެނަލްގެ ތިން ވަނަ ގޯލު ކާމިޔާބު ކުރަނީ / ފޮތޯ: ރޮއިޓާސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

27 ނޮވެމްބަރު 2025، 08:31

27 ނޮވެމްބަރު 2025، 08:31

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މި ސީޒަންގައި ކުޅުނު ހަތަރު މެޗުގައި އެއްވެސް ޓީމަކަށް ފޫއަޅުވާ ނުލެވުނު އާސެނަލްގެ ޑިފެންސް ބެޔާން މިއުނިކަށް ފޫއަޅުވާ ލެވުނު ނަމަވެސް، އެ ޓީމުން މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ދަމަހައްޓަމުން އަންނަ ފުރިހަމަ ރެކޯޑު ގުޑުވައެއް ނުލެވުނެވެ. 

ޔޫރަޕްގެ އެންމެ ވާދަވެރި މުބާރާތުގައި މިހާތަނަށް 5 މެޗު ކުޅެފައިވާއިރު، އެއްވެސް މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ މިހާރު އާސެނަލްއެވެ.

އަދި އާސެނަލް އެމިރޭޓްސްގައި 3-1އިން ބެޔާންގެ މައްޗަށް މި ހޯދި ކާމިޔާބަކީ، ފާއިތުވި 10 އަހަރުގެ ތެރޭގައި އެ ޓީމަށް ބެޔާން ބަލިކުރެވުނު ފުރަތަމަ ފަހަރު ވެސް މެއެވެ.

މެޗުގައި އާސެނަލްއަށް ލީޑު ނަގައިދިނީ، 22ވަނަ މިނެޓުގައި ބުކާޔޯ ސަކާ ނަގައިދިން ކޯނަރަކުން ޔޫރިއެން ޓިމްބަރއެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން، ސަސްޕެންޝަންގައި ލުއިޒް ދިއާޒްގެ ބަދަލުގައި ކުޅެން ނިކުތް 17 އަހަރުގެ ލެނަޓް ކާރލް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ އާސެނަލްއިންނެވެ. އެގޮތުން ވަރުގަދަ ސްކޮޑެއް އޮތް އާސެނަލްއިން މެޗު އަނބުރާލީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ފުރަތަމަ ހާފު ކުޅެން ނިކުތް، ނޮނީ މަޑުއެކެ އާއި ފަހު ހާފުގައި ނިކުތް ގެބްރިއެލް މާޓިނެލީގެ ގޯލުތަކުންނެވެ. 

މިވަގުތު ޔޫރަޕްގައި އެންމެ ފޯމުގައި ކުޅެމުންދާ ދެ ޓީމުގެ ކުރިމަތިލުމުން އާސެނަލް ކުރި ހޯދިއިރު، މިއީ މި ސީޒަންގައި ބެޔާން ބަލިވި ފުރަތަމަ މެޗެވެ.

މި ދެ ޓީމު ވެސް އޮތީ އެ ގައުމެއްގެ ޑޮމެސްޓިކް ލީގުގައި 6 ޕޮއިންޓުގެ ފަރަގަކުން ލީގުގެ އެއްވަނައިގައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން