ކުޅިވަރު
އެމްބައްޕޭގެ އަވަސް ހެޓްރިކާއެކު، އޮލިމްޕިއާކޯސްގެ ކިބައިން ރެއާލް ސަލާމަތްވެއްޖެ
އޮލިމްޕިއާކޯސްއާ ދެކޮޅަށް އެމްބައްޕޭ ކާމިޔާބުކުރި ގޯލުތަކުގެ ތެރެއިން ވިނީސިއަސް ވަނީ ދެ ގޯލަށް އެސިސްޓްކޮށްދީފައި / ފޮޓޯ: ރޮއިޓާސް
ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކާމިޔާބުކުރި ދެވަނައަށް އެންމެ އަވަސް ހެޓްރިކާއެކު، ކީލިއަން އެމްބައްޕޭ ކާމިޔާބުކުރި ހަތަރު ގޯލުން ގްރީސްގެ އޮލިމްޕިއާކޯސްގެ ކިބައިން ރެއާލް މެޑްރިޑް ސަލާމަތްވެއްޖެއެވެ.
ގްރީސްގެ ކެރައިސްކަކިސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން 4-3އިން ރެއާލް މޮޅުވިއިރު، އެމްބައްޕޭ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ 8 މިނެޓުގެ ތެރޭގައެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ އޮލިމްޕިއާކޯސްއެވެ. އެ ޓީމުގެ މިޑްފީލްޑަރ ޗިކުއިނޯޒް 8 ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލާއެކު ނެގި ލީޑު ގެއްލުވާލީ، މެޗުގެ 22 ވަނަ މިނެޓުގައި ވިނީސިއަސް ޖޫނިއަރ ދިން ބޯޅައަކުން އެމްބައްޕޭ ކާމިޔާބުކުރި ގޯލުންނެވެ.
އޭގެ ދެ މިނެޓުފަހުން ރެއާލްއަށް އެމްބައްޕޭ ލީޑު ނަގައިދިނީ، އާރދަ ގޫލާ ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ހެޓްރިކް ފުރިހަމަކޮށް، އެމަބައްޕޭ ވަނީ ރެއާލްއަށް ލީޑު ފުޅާކޮށްދީފައެވެ.
ދެވަނަ ހާފުގައި ވެސް ފުރަތަމަ ގޯލެއް ކާމިޔާބުކުރީ އޮލިމްޕިއާކޯސްއެވެ. މެހެދީ ތެރޭމީ ބޯލުން ކާމިޔާބު ކުރި މި ގޯލާއެކު މެޗުގެ އޮއިވަރަށް ބަދަލެއް ގެނައުމުގެ ކުރިން، 60 ވަނަ މިނެޓުގައި އެމްބައްޕޭ ކާމިޔާބުކުރި އޭނާގެ ހަތަރު ވަނަ ގޯލާއެކު ރެއާލް އަނެއްކާ ވެސް ހަމަޖެހިލިއެވެ.
އޮލިމްޕިއާކޯސްއަށް ފަރަގު ކުޑަކުރެވުނީ މެޗު ނިމެން 9 މިނެޓަށް ވެފައިވަނިކޮށް އައްޔޫބު އަލް ކާބީގެ ގޯލުންނެވެ. އެ ގޯލަށްފަހު އޮލިމްޕިއާކޯސް އިތުރު ގޯލެއް ކާމިޔާބުކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް، ރެއާލް ޕްރެޝަރަށް ދުއްވާލި ނަމަވެސް، ތިން މެޗުން މޮޅުނުވެ އޮތްއޮތުން ނިމުމަކަށް ގެނަސް، ރެއާލްއިން މި މެޗުން 3 ޕޮއިންޓު ޔަޤީންކޮށްފައެވެ.
މި ނަތީޖާއާއެކު ރެއާލް އޮތީ 12 ޕޮއިންޓާއެކު ޗެމްޕިއަންސް ލީގުގެ ގްރޫޕް-ފޭސްގެ 5ވަނައިގައެވެ. އަދި 2 ޕޮއިންޓާއެކު އޮލިމްޕިއާކޯސް އޮތީ 33ވަނައިގައެވެ.