ޚަބަރު
ކުރީގެ ރައީސުންގެ އިނާޔަތްތަކަށް ބަދަލުގެންނަށް ހުށަހަޅައިފި
ރާއްޖޭގެ ރައީސްކަންކުރައްވާފައިވާ ރައީސުން ފޮޓޯ: އިންޓަނެޓް
ދައުލަތަށް ކުރާ ޚަރަދު ކުޑަކުރުމުގެ ގޮތުން، ކުރީގެ ރައީސުންނަށް ދެމުން އަންނަ ބައެއް އިނާޔަތްތައް އުނިކޮށް، ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ގާނޫނު އިސްލާހުކުރުމުގެ ބިލެއް ހުށަހަޅައިފިއެވެ.މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ސަރުކާރުގެ ފަރާތުންނެވެ.
މި ބިލުގެ ދަށުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ޤާނޫނަށް ބަދަލުތަކެއް ހުށަހަޅާފައިވެއެވެ. އެގޮތުން، ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދައުލަތުން ކޮންމެ މަހަކު ދޭ 175،000 ރުފިޔާ ދޭން ނުޖެހޭގޮތަށް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.
މީގެ އިތުރުން ރައީސްކަން ކުރެއްވި ބޭފުޅަކު ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖަނަމަ ނުވަތަ ދައުލަތުގެ އެ ނޫންވެސް މަޤާމަކަށް އައްޔަން ކުރެވިއްޖެނަމަ އެ މަގާމެއްގެ މުއްދަތުގައި ޤާނޫނުން އެ ބޭފުޅަކަށް ދޭ އިނާޔަތްތައް މެދުކަނޑާލަންޖެހޭނެ ކަމަށްވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. މިހާރު ޤާނޫނު އޮތްގޮތުން އިނާޔަތް މެދުކަނޑާލަން ޖެހޭނީ ދެވަނަ ދައުރަކަށް އިންތިޚާބުވުމުން އެކަންޏެވެ.
ކުރީގެ ރައީސުންގެ އިނާޔަތްތަކަށް ބަދަލު ގެނައުމުގެ އިތުރުން، ދައުލަތަށް ޚިދުމަތްކުރެއްވި ނައިބު ރައީސުންނަށް އިނާޔަތް ދިނުމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. މި އިސްލާހުތަކާއެކު ދައުލަތަށް އަންނާނެ ޚަރަދުގެ ބަދަލުތަކުގެ އެސްޓިމޭޓެއްވެސް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.
އެ އެސްޓިމޭޓްގައިވާގޮތުން ކުރީގެ ރައީސުންގެ އޮފީސް ހިންގަން ދޭ ފައިސާ އުނިކޮށްފިނަމަ އަންނަ އަހަރު 10،500،000 ރުފިޔާ ޚަރަދު ކުޑަވާނެއެވެ. މީގެ ސަބަބުން އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުން ކުރީގެ ރައީސުންނަށް އިނާޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ 19.7 މިލިޔަން ރުފިޔާ 10.2 މިލިޔަން ރުފިޔާއަށް ކުޑަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ނައިބު ރައީސުންނަށް އިނާޔަތް ދިނުމަށް ހިމެނުމުން އަންނަ އަހަރު އެކަމަށް 300,000 ރުފިޔާ އަދި ނައިބުންނަށް ދޭ ބޭސްފަރުވާގެ ޚަރަދަށް 700,000 ރުފިޔާ ޚަރަދުވާނެ ކަމަށްވެސް އެސްޓިމޭޓްގައި ވަނީ ލަފާކޮށްފައެވެ.މި އިސްލާހުތަކުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ޚަރަދުތައް ހެޔޮވަރުކޮށް، އިންސާފުވެރިކަން ޤާއިމުކުރުން ކަމަށް ސަރުކާރުން ބުނެއެވެ.