ޚަބަރު
ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ 20 އަހަރަށް ޖަލަށް !
މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ފޮޓޯ: އަވަސް
އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމަކީ ޖިނާއީ ކުށަކަށް ހަދައި، އެ ކުށުގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ ކުށްކުރި މީހާ 20 އަހަރަށް ޖަލަށް ލެވޭ ގޮތަށް "އެއްގަމު ދަތުރުފަތުރުގެ ގާނޫނު" އަލުން އެކުލަވާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި، އެ ބިލާ މެދު ބަހުސް ފަށައިފި އެވެ.
ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާމިން ހަބީބް މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އެ ބިލުގެ (88) ވަނަ މާއްދާ
މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގައި "އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ފަރުވާކުޑަކޮށް، ނުވަތަ ނުރައްކާތެރިކޮށް ދުއްވުމަކީ" ޖިނާއީ ކުށެކެވެ.
އެ މާއްދާގެ (ށ) ގައިވާ ގޮތުން، މިފަދަ ކުށެއްގެ ސަބަބުން މީހަކު މަރުވެއްޖެނަމަ ކުށްކުރި ފަރާތް 20 އަހަރަށް ޖަލަށް ލެވޭނެ އެވެ. އަދި އެ ކުށުގެ ސަބަބުން މީހަކަށް ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ، 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާން ވެސް ބިލުގައި ވަނީ ހުށަހަޅައިފަ އެވެ. މީގެއިތުރުން، ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކަށް ލިބޭ އަނިޔާ އަކީ ބޮޑު އަނިޔާއަކަށް ނުވި ނަމަވެސް، ކުށްކުރާ މީހާ ފަސް އަހަރު ދުވަހާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ގޮތަށް ވެސް މި ބިލުގައި ހިމަނާފައިވެ އެވެ.
މިހާރު އަމަލުކުރަމުން އަންނަ ގާނޫނުތަކުގެ ދަށުން، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވުމަކީ ސީދާ ޖިނާއީ ކުށެއް ކަމަކަށް ކަނޑައަޅާފައި ނުވެ އެވެ. އެފަދަ އަމަލުތަކުގެ ސަބަބުން ހިނގާ އެކްސިޑެންޓެއްގައި މީހަކު މަރުވުން ނުވަތަ ބޮޑު އަނިޔާއެއްވުން ފަދަ ކަމެއް ހިނގައިފި ނަމަ ދައުވާކުރެވެނީ އެހެން ގާނޫނުތަކުގެ ދަށުންނެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ކުރެވެނީ ހަމަ އެކަނި ޖުރިމަނާ އެވެ. މި ބިލުގެ މަގްސަދަކީ މި ހުސްކަން ފިލުވައި، މިފަދަ ކުށްތަކަށް ހަރުކަށި އަދަބުތައް ކަނޑައެޅުމެވެ.
އާ ބިލުގައި ހިމެނޭ އެހެން މުހިންމު ކަމެއްގެ ގޮތުން، އެހެން ފަރާތަކާ އުޅަނދުގެ ކޮންޓްރޯލް ހަވާލުކުރުމުގެ ސަބަބުން ހިނގާ ހާދިސާއެއްގައި މީހަކު މަރުވެއްޖެ ނަމަވެސް 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ގޮތަށް ބިލުގައި ކުށާއި އަދަބު ވަނީ ކަނޑައަޅައިފަ އެވެ. އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަށް ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލުން ވެސް ވަނީ ހިމަނައިފަ އެވެ.
މި ބިލުގައި މިނޫން ވެސް ގިނަ ބަދަލުތަކެއް ހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުނު ލިޔުންތަކުން ދައްކަ އެވެ. މިފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި ފަހަކަށް އައިސް ހިނގާ އެކްސިޑެންޓްތައް ގިނަވެފައި ވާއިރު، އެކްސިޑެންޓްތަކުގައި މީހުން މަރުވުމާއި ބޮޑެތި އަނިޔާތައް ލިބުން ވެސް އިތުރުވެފައިވާތީ، އެކަމަށް ހައްލެއް ހޯދައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމެވެ.