ދުނިޔެ
މިޔަރު ދައިގަތުމުގެ ސަބަބުން އޮސްޓްރޭލިއާގައި ޒުވާން އަންހެން މީހަކު މަރުވެއްޖެ
އޮސްޓްރޭލިއާގެ ކްރައުޑް ބޭ ގޮނޑުދޮށް ސަރަޙައްދު
ފަރުދުން
27 ނޮވެމްބަރު 2025، 02:35
27 ނޮވެމްބަރު 2025، 02:35
މިޔަރެއް ދައިގަތުމުގެ ސަބަބުން، އޮސްޓްރޭލިއާގައި މިއަދު ޒުވާން އަންހެން މީހަކު މަރުވެ، ޒުވާން ފިރިހެން މީހަކަށް ޒަޚަމްވެއްޖެއެވެ.
ދެ މީހުންގެ ވެސް ސީދާ ޢުމުރު ހާމަކޮށްފައި ނުވާއިރު، މި ޙާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު، އޮސްޓްރޭލިއާގެ ނިއު ސައުތް ވޭލްސް ސްޓޭޓުގެ ކަރައުޑީ ބޭ ނެޝަނަލް ޕާކުގެ ކައިލީސް ބީޗުގައެވެ.
މިއަދު ހެނދުނު ހިނގި މި މިޔަރު ޙަމަލާއާ ވިދިގެން، ގޮނޑުދޮށުގައި ތިބި މީހުން ޞިއްޙީ ފަރުވާގެ ޚިދުމަތަށް ވަނީ ގުޅާފައެވެ. ޞިއްޙީ ފަރުވާ ދޭ މީހުން އަތުވިއިރު، އަންހެން މީހާ އޮތީ މަރުވެފައެވެ. ނަމަވެސް ޒަޚަމްވެފައިވީ ފިރިހެން މީހާގެ ވިންދު ހުރުމުން، އޭނާއަށް ފަރުވާ ދިނުމަށް ނިއުކާސަލްގައި ހުންނަ ހަސްފަތާލަކަށް ވައިގެ މަގުން ގެންދިޔައީއެވެ.
ގޮނޑުދޮށުގައި މަންޒަރު ބަލަން ހުރި މީހަކު، ޒަޚަމްވެފައިހުރި ފިރިހެން މީހާގެ ފައިގައި ފޮތިގަނޑެއް ބަނދެދީ، އޭނާގެ ފައިން އޮހޮރެމުން ދިޔަ ލޭތައް މަނާވާ ގޮތަށް ހަދައިދިނުމުގެ ސަބަބުން، ޞިއްޙީ މާހިރުންގެ ތަޢުރީފު އޭނާއަށް ލިބުނެވެ. މިއީ ޒަޚަމްވި މީހާގެ ފުރާނަ ސަލާމަތްވާން މެދުވެރިވި ސަބަބެއް ކަމަށް ބެލެވޭ ކަމަށް ޞިއްޙީ ޚިދުމަތްތެރީން ވަނީ ބުނެފައެވެ.
އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ޕްރައިމަރީ އިންޑަސްޓްރީޒްއިން ހާމަކުރި ގޮތުގައި، މި ޙާދިސާގައި ޙަމަލާ ދިން މިޔަރަކީ ބޮޑު "ބުލްޝާކް"އެއް ކަމަށް ލަފާކުރެވެއެވެ. މި އަހަރުގެ ކުރީކޮޅު ދިވެހިބަހުގެ އެކެޑަމީން ވަނީ "ބުލްޝާކް"އަށް ކިޔާ ދިވެހި ނަމަކީ "ގެރިމިޔަރު"ގެ ގޮތުގައި ކަނޑައަޅާފައެވެ.
ތާޒާ ފެނާއި ލޮނު ފެނުގައި ވެސް އުޅޭ ގެރިމިޔަރަކީ، އިންސާނުންނަށް ނުރައްކާ ކުރިމަތިކުރުވާ މިޔަރުގެ މަދު ބާވަތްތަކުގެ ތެރެއިން ބާވަތެއް ކަމަށް އޮސްޓްރޭލިއަން މިއުޒިއަމްއިން ބުނެއެވެ. ބައިނަލްއަޤުވާމީ މިޔަރުގެ ޙަމަލާތަކުގެ ރެކޯޑުތަކުން ދޭހަވާ ގޮތުގައި، ގެރިމިޔަރަކީ ދުނިޔޭގެ ތިންވަނައަށް އެންމެ ނުރައްކާތެރި މިޔަރުގެ ބާވަތެވެ.
މިއަދު ހެނދުނު ހިނގި މި ޙާދިސާއާ ގުޅިގެން، ސަރަޙައްދުގެ ރައްކާތެރިކަން ކަށަވަރުވުމަށްދާންދެން، ކައިލީސް ބީޗަށް ޢާންމުން ނުދިޔުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ޙާދިސާއަކީ، މި އަހަރު އޮސްޓްރޭލިއާގައި ފުރާނައެއް ގެއްލެން މެދުވެރިވި ފަސްވަނަ މިޔަރު ޙަމަލާކަން ފާހަގަކުރެވެއެވެ.