ޚަބަރު
ރައީސްގެ ބައްދަލުވުންތަކުގައި ދުރާލާ ސުވާލު ހުށައަޅަންޖެހޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް : ހީނާ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިލިމާލެ ރައްޔިތުންނާ ބައްދަލުކުރެއްވުން ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ބައްދަލުވުންތަކުގައި، ސުވާލު ނުވަތަ ޚިޔާލު ހުށަހެޅުމަށް ދުރާލާ އެކަން އަންގަންޖެހޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުން މިއަދު ދޮގުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ބާއްވަވާ ބައްދަލުވުންތަކަކީ، މިނިވަންކަމާއެކު އެބޭފުޅެއްގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށައެޅުމުގެ ފުރުޞަތު ފަހިކޮށްދެއްވާ ބައްދަލުވުންތަކެއް ކަމަށެވެ. މިއީ މިއަދު ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ދެކެވުނު އަޑުތަކަކަށް ސަރުކާރުން ދިން ރަސްމީ ރައްދެކެވެ.
ހީނާ ވަލީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ބޭއްވި މިފަދަ ހުރިހާ ބައްދަލުވުންތަކެއްގައިވެސް ބައިވެރިވި ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ ޚިޔާލާއި ކަންބޮޑުވާކަންކަމާއި ބެހޭގޮތުން މިނިވަންކަމާއެކު ވާހަކަ ދެއްކެވުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ. އަދި ކުރިއަށްހުރި ބައްދަލުވުންތަކުގައިވެސް ޢަމަލުކުރައްވާނީ ހަމަ މި އުޞޫލުން ކަމަށް ހީނާ ވިދާޅުވިއެވެ. އެއްވެސް ބޭފުޅަކު ދުރާލާ ސުވާލު ނުވަތަ ޚިޔާލު އެއްވެސް ފަރާތަކާ ޙިއްސާ ކުރައްވާކަށް ޖެހިވަޑައެއްނުގަންނަވާނެ ކަމުގެ ޔަޤީންކަންވެސް ހީނާ ދެއްވިއެވެ.
ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެ ބައްދަލުވުމުގެ ކުރިން ސުވާލު ނުވަތަ ޚިޔާލު ހުށައަޅަންޖެހޭކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ…
— Heena Waleed (@MvSpokesperson) November 28, 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން، އަތޮޅުތެރޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާފައެވެ. އަދި މިހާރު އެމަނިކުފާނު ވަނީ މާލޭގެ އެކި އަވައްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާފައެވެ.
އެގޮތުން އެ މަނިކުފާނު އެންމެ ފުރަތަމަ މާލޭގައި ބައްދަލުކުރެއްވީ ވިލިނގިލީގެ ރައްޔިތުންނާއެވެ. އެއަށްފަހު މައްޗަންގޯޅީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވިއެވެ. މި ބައްދަލުވުންތަކުގައި، އެއްވެސް ހުއްޓުމެއްނެތި ރައްޔިތުން ބޭނުންވާ ސުވާލެއް ނުވަތަ ޚިޔާލެއް ހުށަހެޅުމުގެ ފުރުޞަތު ފުޅާކޮށް ފޯރުކޮށްދެއްވާފައިވާކަން ފާހަގަކުރެވެއެވެ.