ޚަބަރު
ނޫރަލިޔާއަށް ދިޔަ ދިވެހި އާއިލާއެއްގެ ހަބަރެއް ނުވެގެން ހޯދަނީ!
ސްރީލަންކާގައި ދިރިއުޅޭ ބައެއް ދިވެހިން ފޮޓޯ: ސަމަރީ އެމްވީ
ސްރީ ލަންކާއަށް ކުރިމަތިވެފައިވާ ތޫފާން ޑިޓުވާގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބިފައިވާ މި ދަނޑިވަޅުގައި، ލަންކާގެ ނުވަރަ އެލިޔާއަށް ދަތުރުކުރި ދިވެހި އާއިލާއެއްގެ ހަބަރެއް ނުވެގެން، ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ރިޕޯޓުކޮށްފި އެވެ. މިކަމާ ގުޅިގެން އެމްބަސީން ދަނީ ވަރަށް ގާތުން ކަންކަން ބަލަމުންނެވެ.
ތޫފާން ޑިޓުވާގެ ސަބަބުން ލަންކާއަށް މިހާތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. މިގޮތުން، މިހާތަނަށް 56 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ. ލަންކާގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހި ރައްޔިތުންގެ ސަލާމަތީ ކަންކަން ދިވެހި އެމްބަސީއިން ދަނީ ގާތުން ބަލަމުންނެވެ.
ނޫރަލިޔާއަށް ތޫފާން ޑިޓުވާގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށް ހަބަރުތައް ބުނެ އެވެ. އެގޮތުން ބިންގަނޑު ކަނޑައިގެން ގޮސް މަގުތައް ބެދިދާނެކަމުގެ އިންޒާރު ނުވަރަ އެލިޔާއަށް ވަނީ ނެރެފަ އެވެ. ބޯ ވާރެއާއެކު ކޯރުތައް ބަންޑުންވެ، ވަރަށް ގިނަ ގެތައް ހަލާކުވެފައިވާއިރު، އެ ހިސާބުގަނޑުގައި ދިރިއުޅޭ މީހުން ސަލާމަތް ކުރަން ލަންކާގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެ ވަނީ ތޫފާނުގެ ސަބަބުން އާންމުންނަށް އެހީތެރިވެދިނުމަށް އެމަޖެންސީ އިންތިޒާމްތަކެއް ހަމަޖައްސަވައި، އެކަމަށް ބޭނުންވާ ފަންޑު ވެސް ހަމަޖައްސަވައިފަ އެވެ.
ލަންކާގައި ދިރިއުޅޭ އެއްވެސް ދިވެއްސަކު އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ، ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ހޮޓްލައިން ނަންބަރު 94761886666+ އަށް ގުޅުމަށް އެމްބަސީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.