Ads by Stelco

ޚަބަރު

ވެލިދޫގައި އެކްސްރޭގެ ޚިދުމަތް ފަށައިފި، މިއީ ޞިއްޙީ މަރުކަޒެއްގައި މި ޚިދުމަތް ފެށި ފުރަތަމަ ފަހަރު

ވެލިދޫގައި އެކްސްރޭގެ ޚިދުމަތް ފަށައިފި، މިއީ ޞިއްޙީ މަރުކަޒެއްގައި މި ޚިދުމަތް ފެށި ފުރަތަމަ ފަހަރު

ވެލިދޫ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާ ދެއްވުން / ފޮޓޯ: ފަރުދުން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

28 ނޮވެމްބަރު 2025، 07:52

28 ނޮވެމްބަރު 2025، 07:52

ވެލިދޫ، ދިވެހިރާއްޖެ - ނ. ވެލިދޫ ޞިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފަށައިފިއެވެ. މިއީ ޞިއްޙީ މަރުކަޒެއްގައި މި ޚިދުމަތް ޤާއިމް ކުރެވުނު ފުރަތަމަ ފަހަރެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވާ ދެއްވީ، މި ރަށު ޞިއްޙީ މަރުކަޒުގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ. ޚިދުމަތް ފައްޓަވާ ދެއްވުމަށްފަހު އެ މަނިކުފާނު ވަނީ އެކްސްރޭ ރޫމް ބައްލަވާލައްވާފައެވެ.

ވެލިދޫ ޞިއްޙީ މަރުކަޒުގެ ފަރާތުން ފާހަގަ ކުރި ގޮތުގައި، މިއީ މި މަރުކަޒުގެ 24 އަހަރުވީ ޚިދުމަތުގައި އެންމެ ތާރީޙީ އެއް ދުވަހެވެ. އެއީ ޞިއްޙީ މަރުކަޒަކުން މުޅިން އަލަށް ދޭންފެށި ޚިދުމަތެއް މި ރަށުގައި ޤާއިމް ކުރެވިގެން ދިއުމާއި، އެ ކަމުގެ ސަބަބުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަ ވެގެން ދިއުމުން ކަމަށެވެ.

އެކްރޭގެ ޚިދުމަތް ފައްޓަވާދެއްވުމަށްފަހު ވަޒީރު ނާޡިމް އެކްރޭ ރޫމް ބައްލަވާލައްވަނީ / ފޮޓޯ: ފަރުދުން

މި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ވެލިދޫ ރައްޔިތުންނަށް އުފާވެރި ދުވަހަކަށްވީ ފަދައިން، މިއީ ޞިއްޙީ ވުޒާރާއަށް ވެސް އުފާވެރި ދުވަހެއް ކަމަށެވެ. އެއީ، މިއަދަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޞިއްޙީ ސިޔާސަތުގެ ތެރެއިން، އިތުރު މަރުހަލާއެއް ފުރިހަމަ ކުރެވިގެން ދިޔަ ދުވަހަކަށް ވުމުން ކަމަށެވެ.

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޞިއްޙީ ސިޔާސަތުތަކުގެ ތެރެއިން، އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްތައް ރަނގަޅު ކުރެއްވުމަށް  ނިންމަވާފައިވާ ކަންތައްތަކުގެ ތެރެއިން އިތުރު މަރުޙަލާއެއް މިއަދު އަޅުގަނޑުމެން މި ރަށުގައި މި ކަނޑައްތު ކުރަނީ. އާދެ، އެކްސްރޭގެ ޚިދުމަތް މި ޞިއްޙީ މަރުކަޒުގައި ޤާއިމްވެ އެ ޚިދުމަތް މިއަދުން ފެށިގެން ރަސްމީ ސިފައެއްގައި މި ރަށުން ލިބޭނެ ގޮތް ހަމަޖެހިގެން މި ދިޔައީ.

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާޙިމް ވިދާޅުވިއެވެ.

މި ޚިދުމަތާއެކު މި ރަށުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތުގެ އިތުރުން، މާލީ ގޮތުން ވެސް ލިބިގެން މި ދިޔައީ ވަރަށް ބޮޑު ފަސޭހައެކެވެ. މީގެ ކުރިން މި ރަށުގެ ރައްޔިތުން މި ޚިދުމަތް ހޯދަމުން ދިޔައީ މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލުންނާއި، އަދި ބައެއް ޙާލަތްތަކުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުންނެވެ. އާރުޓީއެލް ފެރީގެ ޚިދުމަތާއެކު މަނަދޫއަށް ޞިއްޙީ ޚިދުމަތްތައް ހޯދުމަށް ޓިކެޓު ގަތުމަށް ހޭދަކުރަން ޖެހޭ މިންވަރު ނިސްބަތުން ކުޑަ ނަމަވެސް، ވަގުތަށް ބަލާނަމަ، ދުވަހުގެ ބޮޑު ބައެއް މި ދަތުރަށް ހޭދަވުމަކީ، ގިނަ ބަޔަކަށް ތަކުލީފެކެވެ. އެހެންކަމުން އެ ކަމަށް ލިބިގެން މި ދިޔައީ ބޮޑު ލުޔެކެވެ.

ވެލިދޫ ޞިއްޙީ މަރުކަޒުގައި ޤާއިމް ކުރެވުނު އެކްސްރޭ ރޫމް ހުންނަނީ ޞިއްޙީ މަރުކަޒުގެ އިމާރާތާ ވަކިންނެވެ. އަދި މި ދެ އިމާރާތް ގުޅުވާލުމަށް ހަދާފައިވާ ވޯކްވޭއަކީ، އެ މަރުކަޒުގެ މުވައްޒަފުންގެ މަސައްކަތުން ހަދާފައިވާ ވޯކްވޭއެކެވެ. މިކަމާ ގުޅިގެން ޞިއްޙީ މަރުކަޒުގެ ފަރާތުން ބުނީ، މިކަމުން ރަމްޒުކޮށްދެނީ އެ މަރުކަޒުގެ މުވައްޒަފުންގެ ހިތުގައި ރަށުގެ ޞިއްޙީ ޚިދުމަތް އެއް ހަރުފަތުން އަނެއް ހަރުފަތަށް ގެންދިއުމަށް އޮތް އަޒުމާއި ލޯބިކަމެވެ. 

ވެލިދޫގައި މި އަހަރުގެ އެޕްރީލް 15ވަނަ ދުވަހުން ފެށިގެން އަންނަނީ ޑަޔަލިސިސްގެ ޚިދުމަތް ވެސް ފޯރުދެމުންނެވެ. ވެލިދޫ ޞިއްޙީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ސީނިއާރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލާ އާމިނަތު ރުއުފާ "ފަރުދުން" އަށް ދެއްވި އިންޓަވިއުއެއްގައި  އޭރު ވިދާޅުވީ، އެ ސެންޓަރުން ޑަޔަލިސިސްގެ ޚިދުމަތް ފޯރުކޮށްދެނީ މާލެއެކޭ އެއް ފެންވަރަށް ކަމަށެވެ. އެގޮތުން އެ ސެންޓަރުގައި ބޭނުންކުރަމުން ދަނީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭނުންކުރާ ފެންވަރުގެ މެޝިންތައް ކަމަށް ވިދާޅުވިއެވެ. 

ވެލިދޫ ޑަޔަލިސިސް ސެންޓަރު / ފޮޓޯ: ފަރުދުން

ވެލިދޫ ޑަޔަލިސިސް ސެންޓަރުގައި ތިން އެނދާއި ތިން މެޝިން ވަނީ ބަހައްޓާފައެވެ. މީގެ ތެރެއިން އެއް އެނދަކީ އެކަހެރިކޮށްގެން ފަރުވާ ދޭންޖެހޭ ފަރާތްތަކަށް ޙާއްސަ އެނދެކެވެ. އަދި ބާކީ ދެ އެނދު ކަނޑައަޅާފައިވަނީ އާންމު ކޭސްތަކަށެވެ. 

މި ސަރުކާރުން ދަނީ އައު ޚިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކާ އެކުއެކީގައި ޞިއްޙީ ނިޒާމަކީ ދެމެހެއްޓެނިވި ނިޒާމެއްކަން ކަށަވަރުކުރުމަށްޓަކާ މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން