ދުނިޔެ
ބާރުގަދަ ތޫފާން ދިތުވާ ޓެމިލްނާޑޫއަށް އަރައިފި ، މިހާތަނަށް ތިން މީހުން މަރުވެއްޖެ!
ތޫފާން ދިތުވާގެ އަސަރު ޓެމިލްނާޑޫއަށް ފޮޓޯ: އިންޓަނެޓް
ދެކުނު އޭޝިޔާ ސަރަޙައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން، ދިތުވާ، މިއަދު ހެނދުނު އިންޑިޔާގެ އިރުދެކުނު އައްސޭރިފަށުގެ ސަރަޙައްދުތަކަށް އެރުމާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކެއްގައި ތިން މީހުން މަރުވެއްޖެއެވެ. ސްރީ ލަންކާގެ ސަރަޙައްދުތަކަށް ވަދެ ބޮޑެތި ގެއްލުންތަކެއް ދިނުމަށް ފަހު، މި ތޫފާން ވަނީ އިންޑިޔާގެ ސަރަޙައްދުތަކަށް އަރާފައެވެ.
ތަމިލް ނާޑޫގެ އައްސޭރިފަށުގެ ސަރަޙައްދަށް ތޫފާން ދިތުވާ އެރުމާ ގުޅިގެން ހިނގި ހާދިސާތަކުގައި މިހާތަނަށް ތިން މީހަކު މަރުވެފައިވާ ކަން އެ ސްޓޭޓްގެ ކާރިސާތަކާ ބެހޭ ވަޒީރު ކޭކޭއެސްއެސްއާރް ރާމްޗަންދްރަން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. މި މީހުންގެ ތެރެއިން ދެ މީހަކު މަރުވީ ތަންޖާވުރާއި ތޫތުކުޑީގައި ފުރާޅުތަކެއް ވެއްޓި، އޭގެ ދަށުވެގެންނެވެ. ތިންވަނަ މީހާ މަރުވީ މައިލާދުތުރައީގައި ކަރަންޓުގައި ޖެހިގެންނެވެ.
ވަޒީރު ރާމްޗަންދްރަން ވިދާޅުވީ، ތޫފާނާ ގުޅިގެން ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި 149 ނައަމްސޫފި މަރުވެފައިވާ ކަމުގައެވެ. އަދި، ފެންބޮޑުވުމާ ގުޅިގެން 57,000 ހެކްޓަރުގެ ދަނޑުބިން ހަލާކުވެފައިވާ ކަމަށް ވެސް އޭނާ ހާމަކުރެއްވިއެވެ. ބާރު ވަޔާ އެކު މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހެމުން ދިޔުމާ ގުޅިގެން ގެދޮރުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ. ރާމްޗަންދްރަން ވިދާޅުވީ، މިހާތަނަށް 2,300އަށްވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައިވާ ކަމުގައެވެ.
ތަމިލް ނާޑޫގެ އިތުރުން އިންޑިޔާގެ އިރުދެކުނުގައި އޮތް ޕުދުޗެރީގެ ސަރަޙައްދުތަކާއި އަންދްރަ ޕްރަދޭޝް ސްޓޭޓްގެ ދެކުނުގެ ސަރަޙައްދުތަކަށް ވެސް ތޫފާނުގެ އަސަރު ދަނީ ކުރަމުންނެވެ. ތޫފާނުގެ ނުރައްކާ އިތުރުވަމުން ދިޔުމާ އެކު ތަމިލް ނާޑޫ ސްޓޭޓްގެ ވެރިރަށް ޗެންނައިގައި އޮރެންޖު ސަމާލު އިޢުލާނު ކޮށްފައިވާއިރު، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުންނަށް އިރުޝާދު ދީފައެވެ. ތަމިލް ނާޑޫން މި ވަގުތު ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ވޭދާރާނިޔަމްގައި އޮތް ކޯޑީއާކްރާއީ ގޮނޑުދޮށް އޮތް ސަރަޙައްދަށެވެ. މީގެ ކުރިން ސްރީ ލަންކާއަށް ތޫފާނުގެ އަސަރު ކުރުމާ ގުޅިގެން އެ ޤައުމުން މަރުވި މީހުންގެ އަދަދު ވަނީ 190ށްވުރެ މައްޗަށް އަރާފައެވެ.