Ads by Stelco

ޚަބަރު

ދޮގު މަޢުލޫމާތު ދެނެގަންނާނެ ގޮތާ ބެހޭ ޚާއްޞަ ފޯރަމެއް އެމް.އެން.ޔޫ.ގެ ފަރާތުން ބާއްވަނީ

ދޮގު މަޢުލޫމާތު ދެނެގަންނާނެ ގޮތާ ބެހޭ ޚާއްޞަ ފޯރަމެއް އެމް.އެން.ޔޫ.ގެ ފަރާތުން ބާއްވަނީ

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ފޯރަމްގެ ފްލަޔަރ

farudhun logo

ފަރުދުން

30 ނޮވެމްބަރު 2025، 02:42

30 ނޮވެމްބަރު 2025، 02:42

ދޮގު މަޢުލޫމާތު ފެތުރުމާ ގުޅޭ ގޮތުން ޒުވާނުން ހޭލުންތެރިކުރުވުމަށް، ރާއްޖެގޭ ޤައުމީ ޔުުނިވަރސިޓީގެ ބެޗެލަރޒް އޮފް އާޓްސް އިން މީޑިޔާ އެންޑް ޕަބްލިކް ރިލޭޝަންސް ކޯހުގެ ދަރިވަރުން، މާދަމާ ޚާއްޞަ ފޯރަމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މަދަރުސާތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންގެ އިތުރުން ޢާންމުންނަށް މި ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކުރެވިފައިވާއިރު، މި ފޯރަމްގައި ދޮގު މަޢުލޫމާތާ ބެހޭ މުހިންމު ޙަޤީޤަތްތަކެއް ބައިވެރީންނަށް ކިޔައިދެވޭނެއެވެ. މި ގޮތުން، އޮޅިގެން ފެތުރޭ ދޮގު މަޢުލޫމާތާއި ޤަޞްދުގައި ފަތުރާ ދޮގު މަޢުލޫމާތުގެ ތަފާތާއި، އަދި އެ ފަދަ މަޢުލޫމާތު ދެނެގަންނާނެ ގޮތްތައް މި ފޯރަމްގެ ތެރެއިން އޮޅުން ފިލައިގެން ދާނެއެވެ.

"ނޯ ކެޕް، ޖަސްޓް ފެކްޓްސް"ގެ ނަން ދެވިފައިވާ މި ފޯރަމްގައި ޕެނަލިސްޓުންގެ ގޮތުގައި ހަތަރު ބޭފުޅަކު ހިމެނިވަޑައިގަންނަވާނެއެވެ. އެ ހަތަރު ބޭފުޅުންނަކީ ނޫސްވެރިކަމުގެ ދާއިރާ، ޓެކްނޮލޮޖީގެ ދާއިރާ، ތަޢޫލީމީ ދާއިރާ، ޤާނޫނީ ދާއިރާ: މިއިން ކޮންމެ ދާއިރާއަކުން މާހިރެކެވެ.

ނޭނގި ފެތުރޭ ދޮގު މަޢުލޫމާތާއި ޤަޞްދުގައި ފަތުރާ ދޮގު މަޢުލޫމާތުގެ ސަބަބުން ދިމާވާ ގެއްލުންތަކާއި، އެ ކަމަށް ގެނެވޭނެ ޙައްލުތަކުގެ މައްޗަށް އެ ތަޖުރިބާކާރު ހަތަރު ޕެނަލިސްޓުން އަލިއަޅުއްވައިލައްވާނެއެވެ.

ފޯރަމް އިންތިޒާމުކުރާ ދަރިވަރުން ބުނި ގޮތުގައި، ފޯރަމްގައި ރަޖިސްޓްރީވެ، އޭގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ޤުރުޢަތަކުން ހޮވޭ ނަޞީބުވެރިއަކަށް ލެޕްޓޮޕެއް ހަދިޔާކުރެވޭނެއެވެ.

ވީހައި ވެސް އިންޓަރެކްޓިވްކޮށް މި ފޯރަމް ގެންދާނީ. އޯޑިއަންސްއަށް ސުވާލުކުރުމުގެ ފުރުޞްތު ވެސް ލިބޭ ގޮތަށް މިކަން ރާވާފައިވަނީ.

ފޯރަމް އިންތިޒާމުކުރާ ދަރިވަރުން

ގޫގުލް ފޯމެއް މެދުވެރިކޮށް މި ފޯރަމްގައި ރެޖިސްޓަރވުމަށް ވަނީ ހުޅުވާލައިފައެވެ.

އެއް ގަޑިއިރުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ފޯރަމް އަކީ، ޑިޖިޓަލް މީޑިޔާ ކުރިއަރަމުން އަންނަ މި ޒަމާނުގައި، ކޮންމެހެން ވެސް އެނގެން ޖެހޭ މުހިއްމު މަޢުލޫމާތު ލިބޭނެ ފޯރަމެއް ކަމަށް ދަރިވަރުން ބުންޏެވެ. ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ، އެމް.އެން.ޔޫ. ބީ-ބްލޮކް އޮޑިޓޯރިއަމްގައި، މާދަމާ ހަވީރު 4:00ގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން