ދުނިޔެ
ސޫދާނުގެ ހުޅަނގާއި ދެކުނު ކުރުދުފާނަށް ބޮން އަޅައިފި
ސޫދާނުގައި ކުރިއަށްދާ ހަނގުރާމައިގެ ތެރެއިން
ސޫދާނުގެ ސިފައިންގެ ހަނގުރާމަވެރި މަތިންދާބޯޓުތަކުން ހުޅަނގު ކުރުދުފާނު ސްޓޭޓްގެ އަލްފޫލާ އަދި އަލްނަހޫދު ސިޓީގައި ހުންނަ އަސްކަރީ މަރުކަޒުތަކަށާއި، ދެކުނު ކުރުދުފާނު ސްޓޭޓްގެ ކާވުދާ ސަރަހައްދަށް ބޮން އަޅައިފި ކަމަށް ސޫދާނުގެ ސިފައިންގެ އިސް މަސްދަރަކާ ހަވާލާދީ އަލްޖަޒީރާ އިން ބުނެފިއެވެ.
މި ހަމަލާތައް ދީފައި ވަނީ ސޫދާނުގެ ސަރުކާރުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ތައްޔާރުކަން ހާމަކުރި ފަހުންނެވެ.
އަސްކަރީ މަސްދަރު ބުނި ގޮތުގައި، މި ބޮން އެޅުމުގެ އަމާޒަކީ ޚާއްސަކޮށް ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އަށް ދޭން ހުރި ތެލާއި އަސްކަރީ ސާމާނު ހުއްޓުވުމެވެ. އަދި މި ހަމަލާތަކުގެ ސަބަބުން "ދެކޮޅު ޖަމާއަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ" ކަމަށް ވެސް އެ މަސްދަރު ބުނެ އެވެ. މީގެ އިތުރުން، ދެކުނު ކުރުދުފާނު ސްޓޭޓްގެ ކާވުދާ ސަރަހައްދުގައި ހުރި ޢަބްދުލްޢަޒީޒް އަލްޙިލޫގެ ޤައުމީ ޙަރަކާތުގެ މަރުކަޒަށް ވެސް ވައިގެ މަގުން ހަމަލާ ދީފައިވެ އެވެ. މި ހަމަލާގައި އަސްކަރީ ވެހިކަލްތަކެއް ހިމެނޭ ލަޝްކަރަކަށް އަމާޒުކޮށްފައި ވެ އެވެ.
އިއްޔެ ވެސް ސޫދާނުގެ ސިފައިން ވަނީ އުތުރު އަދި ހުޅަނގު ކުރުދުފާނު ސްޓޭޓްގައި ހަރަކާތްތެރިވާ އާރްއެސްއެފްގެ މަރުކަޒުތަކަށް ހަމަލާ ދީ، ކުރިއެރުން ހޯދާފައި ކަމަށް އަސްކަރީ މަސްދަރުތަކުން ބުނެ އެވެ.
އުތުރު ކުރުދުފާނުގެ ވެރިރަށް އަލްއަބްޔަޟް ސިޓީގެ ހުޅަނގު ސަރަހައްދުގައި ހުންނަ އާރްއެސްއެފްގެ މަރުކަޒުތަކަށް ބަރު ބަޑީގެ ހަމަލާތަކާއެކު ބިމުން ވެސް ހަމަލާ ދީފައި ވެ އެވެ. މި ހަމަލާތަކުގެ ސަބަބުން އާރްއެސްއެފްގެ ގިނަ އަދަދެއްގެ މީހުން މަރުވެ، ހަނގުރާމަވެރި ވެހިކަލްތަކެއް ހަލާކުވެފައިވާ ކަމަށް މަސްދަރުތަކުން ބުނެ އެވެ.
އަދި ޑްރޯން ބޭނުންކޮށްގެން ހުޅަނގު ކުރުދުފާނުގެ ނަހޫދު އަލްޚަވީ ސަރަހައްދުގައި ހުރި އާރްއެސްއެފްގެ ތެޔޮ ޓްރަކްތަކަށް ވެސް ހަމަލާ ދީފައި ވެ އެވެ.
ސިޔާސީ ގޮތުން ބަލާއިރު، ސޫދާނުގެ ސަރުކާރުން ވަނީ ޤައުމުގައި ޞުލްހަ މަސަލަސްކަން ޤާއިމުކޮށް، ބޭނުންވާ ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އ.ދ. އާއި އެކު މަސައްކަތްކޮށް، އެއްބާރުލުން ދިނުމަށް ތައްޔާރުކަން ހާމަކޮށްފަ އެވެ.
ސޫދާނުގެ ނިއުސް އެޖެންސީ (ސޫނާ) އިން ރިޕޯޓުކުރި ގޮތުގައި، މިކަން ހާމަކޮށްފައި ވަނީ ބޯޓް ސޫދާނުގައި ބޭއްވި ބައްދަލުވުމެއްގައި ބޮޑުވަޒީރު ކާމިލް އިދްރީސް އާއި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަންދޫބު ރަމްޓާން ލަޢްމާމްރާ އާއި ދެމެދު ބޭއްވި ބައްދަލުވުމެއްގަ އެވެ.
އެ އެޖެންސީ ބުނި ގޮތުގައި، މި ބައްދަލުވުމުގައި ވަނީ ފާއިތުވި މަހު އާރްއެސްއެފްގެ މިލީޝިއާ އިން އަލްފާޝިރުގައި ހިންގި ހިތާމަވެރި ކަންތައްތަކަށް ފަހު، ގައުމުގެ ސިޔާސީ، އަސްކަރީ އަދި އިންސާނީ ހާލަތާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ. ސޫދާނުގެ ބޮޑުވަޒީރު ވަނީ، އ.ދ. އާއި އޭގެ އެޖެންސީތަކާ ގުޅިގެން ޤައުމުގައި ސަލާމަތާއި އަމަން އަމާންކަން ޤާއިމުކުރުމަށާއި، އިންސާނީ އެހީ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ސަރުކާރު ތައްޔާރުކަން ހާމަކުރައްވާފަ އެވެ.
2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސޫދާނުގެ ސިފައިންނާއި އާރްއެސްއެފްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ، 13 މިލިއަނާ ގާތްކުރާ އަދަދެއްގެ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. އާރްއެސްއެފްގެ ކޮމާންޑަރު މުޙައްމަދު ޙަމްދާން ދަގްލޫ (ޙިމައިދަތީ) ވަނީ އާރްއެސްއެފްގެ ފަރާތުން "ހައްދުފަހަނަޅާފައިވާ" ކަންކަން ހިނގާފައިވާކަން އެއްބަސްވެ، އެކަން ބެލުމަށް ކޮމިޓީތައް އެކުލަވާލާފައިވާ ކަމަށް ބުނެފަ އެވެ.