ޚަބަރު
މިއަދުން ފެށިގެން، ސުޕްރީމް ކޯޓު އެއްމަސް ދުވަހަށް ރިސެސްއަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު.
ފަރުދުން
30 ނޮވެމްބަރު 2025، 03:08
30 ނޮވެމްބަރު 2025، 03:08
މިއަދުން ފެށިގެން އެއްމަސް ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައި ކަމަށް އެ ކޯޓުން ހާމަކޮށްފިއެވެ.
ސުޕްރީމް ކޯޓުން ބުނީ، ކޯޓުތަކުގެ ޤާނޫނުގެ 7ވަނަ މާއްދާގައި ބާޔަންކޮށްފައިވާ ގޮތުގެ މަތީން، 2025ވަނަ އަހަރުގެ ނޮވެންބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، 2026ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.
ކޯޓުތަކުގެ ޤާނޫނުގެ 7ވަނަ މާއްދާގެ (ނ) އަދި (ރ)ގައި ބަޔާންކޮށްފައިވާ ޙާލަތުގެ އިތުރަށް، ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، ރިސެސްގެ މުއްދަތުގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ނުބޭއްވޭނެއެވެ.
ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސުޕްރީމް ކޯޓު ރިސެސްގައި ވަނިކޮށް ޤާނޫނުއަސާސީގެ 253ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެވިއްޖެ ނަމަ، އެ ހިނދުން ފެށިގެން ސުޕްރީމް ކޯޓުގެ ރިސެސް ނިމުމަކަށް ގެނެވި، ރިސެސްގެ ކުރީން ހިނގަމުން އައި ދައުރު އަލުން ފެށޭނެއެވެ.
އެކަށީގެންވާ ދުވެއްޔެއްގައި ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލަތައް ނިންމުމުގެ މަޤުޞަދުގައި، އެ ކޯޓުގެ އަޣުލަބިއްޔަތު ލިބިގެން ކަނޑައަޅާ ކަނޑައެޅުމެއްގެ މައްޗަށް، އެ އަހަރެއްގެ ދައުރު ނިމުމަށް ފަހު އަނެއް އަހަރުގެ ދައުރު ފެށުމާ ދެމެދުގެ ރިސެސްގައި، ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އަޑުއެހުންތައް ބޭއްވުމަށް ހުރަސް ނާޅާ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް، މި އަހަރު ސުޕްރީމް ކޯޓުން އެ ފަދަ ގޮތަކަށް ނިންމާފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުގެ ރިސެސް މުއްދަތުގައި ޝަރީޢަތުގެ އަޑުއެހުންތައް ނުބޭއްވި ނަމަވެސް، ކޯޓަށް މައްސަލަ ބަލައިގަތުމާއި، އެ ނޫން ވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކޯޓުގައި ކުރިއަށް ދާނެއެވެ.