ޚަބަރު
"ސިލޯނާއެކު ދިވެހީން" ޓެލެތޯން މިއަދުގެ 2 ޖެހުމާ ހަމައަށް ކުރިޔަށް ގެންދިއުމަށް ނިންމައިފި
"ސިލޯނާއެކު ދިވެހީން" ޓެލެތޯންގެ ތެރެއިން---
ފަރުދުން
01 ޑިސެމްބަރު 2025، 07:41
01 ޑިސެމްބަރު 2025، 07:41
ސްރީ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ ތޫފާނާއި ގުޅިގެން، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕިއެސްއެމް)އިން އިސްނަގައިގެން ރާއްޖޭގެ މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯން މިއަދުގެ 2 ޖެހުމާ ހަމައަށް ކުރިޔަށް ގެންދިއުމަށް ނިންމައިފިއެވެ.
ކުރިން ރޭވިފައި އޮތް ގޮތުން، މި ހަރަކާތް އޮތީ ރޭގެ މެންދަމު 1 ޖެހުމާ ހަމައަށް ކުރިޔަށް ގެންދިއުމަށެވެ. ނަމަވެސް މި ފަންޑަށް އެހީވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމުގެ ގޮތުން، ޓެލެތޯންގެ މުއްދަތު އިތުރުކުރަން ނިންމާފައިވާކަން ރޭ ވަނީ އިޢުލާންކޮށްފައެވެ.
މި ޓެލެތޯންގައި މިހާތަނަށް ވަނީ 5.4 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިފައެވެ.
އެގޮތުން ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ހޯމަ ދުވަހުގެ ފަތިހު 4:00 ޖެހުމާއި ހަމައަށް 5,406,937.25 ރުފިޔާ ވަނީ ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ 4،767،219.89 ރުފިޔާއާއި 41،486.21 ޑޮލަރެވެ.
މީޑިއާ ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް އަދި ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
#CeylonaaEkuDhiveheen pic.twitter.com/ivMHft6Fg9
— PSM News (@psmnewsmv) November 30, 2025
ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ.