ޚަބަރު
ރިއަލްއެސްޓޭޓް ބިލު ވީދާލި މައްސަލަ: މައުރޫފާއި ނާޒިލަށް ސުލޫކީ ފިޔަވަޅު އެޅުމަށް އެދިއްޖެ
ކެންދޫ ދާއިރާގެ މެމަބަރު މައުރޫފު ޒާކިރު ބިލު ވީދާލަނީ - ފޮޓޯ: ވަގުތު
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ރިއަލްއެސްޓޭޓް ވިޔަފާރިއާ ބެހޭ ބިލުގެ ކޮޕީތަކެއް ވީދާލި މައްސަލައިގައި، އިދިކޮޅު އެމްޑީޕީގެ ދެ މެންބަރަކަށް ސުލޫކީ ފިޔަވަޅު އެޅުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ރިޔާސަތުގައި އެދިވަޑައިގެންފިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ސަރުކާރުގެ ފަރާތުން ހުށަހެޅި ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ބިލުގެ ބަހުސް މަރުހަލާގެ ތެރެއިންނެވެ. މި ބަހުސްގައި ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އޭނާ ވާހަކަދައްކަވަމުން ގެންދަވަނިކޮށް މައިކް ކެނޑުމުން، ޕީއެންސީގެ މެންބަރުން ވާހަކަދެއްކުމަށް ހުރަސްއަޅަމުންދާ ކަމަށް ތުހުމަތުކުރައްވައި، މޭޒުމަތީގައި އޮތް ބިލުގެ ކަރުދާސްތައް މަޖިލީހުގެ ތަޅުމުގައި ވީދާލެއްވިއެވެ.
މައުރޫފްގެ މި އަމަލާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެއީ މަޖިލީހުގެ ގަވާއިދާ ސީދާ ހިލާފު، ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެފަދަ ކަންކަން ތަކުރާރު ނުކުރެއްވުމަށް އޭނާއަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
މީގެއިތުރުން، އެ ބަހުސްގައި ވާހަކަދައްކަވަމުން އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވަނީ އެ ބިލަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު ބިލެއް ކަމަށް ސިފަކުރައްވައި، މަޖިލީހުގެ ހުރިހާ މެންބަރުން ވެސް އެ ބިލު ވީދާލަންޖެހޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ނާޒިލް އަމަލީ ގޮތުން ކަރުދާސް ވީދާލައްވާފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ، މައުރޫފްގެ އެ އަމަލަކީ އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ކުށެއް ކުރުމަށް ނާޒިލް ވެސް ހިތްވަރު ދެއްވާފައިވާ ކަމަށެވެ. އަދި ކުށަކަށް ހިތްވަރު ދިނުމަކީ ވެސް ކުށެއް ކަމަށް ފާހަގަކުރައްވައި، އެ ދެ ބޭފުޅުންނަށް ވެސް ސުލޫކީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވިއެވެ.
މަޖިލީހުގެ ނިޒާމު ހިފެހެއްޓުމަށްޓަކައި މިފަދަ ކަންކަމަށް ފިޔަވަޅު އެޅުން މުހިންމުކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ، ސުލޫކީ ކޮމިޓީން މި މައްސަލަ ބަލައި، މަދުވެގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށް މަޖިލީހުގެ އެއްވެސް ކޮމިޓީއަކަށް ހާޒިރުނުވެވޭ ގޮތަށް މައުރޫފް ސަސްޕެންޑް ކުރަންޖެހޭ ކަމަށެވެ.
މަޖިލީހުގެ ތަޅުން ހޫނުވެގެންދިޔަ މި ބަހުސަށް ފަހު، ރިއަލްއެސްޓޭޓް ވިޔަފާރީގެ ބިލު ވަނީ މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށްޓަކައި ކަމާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވާފައެވެ.