Ads by Stelco

ޚަބަރު

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ދަރަވަންދޫއަށް!

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ދަރަވަންދޫއަށް!

ވިއްސާރަ ދުވަހެއް ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޑިސެމްބަރު 2025، 11:22

01 ޑިސެމްބަރު 2025، 11:22

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ބ. ދަރަވަންދޫއަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ދުވަސްވަރަކީ މުޅި ރާއްޖެއަށް މޫސުން ގޯސްވެ، އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހެމުންދާ ދުވަސްވަރެކެވެ.

މެޓުން އާންމުކުރެއްވި ތަފާސްހިސާބުތައް ދައްކާގޮތުން، އާދީއްތަ ދުވަހުގެ ހެނދުނު 8 އިން ހޯމަ ދުވަހުގެ ހެނދުނު 8 އަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ބ. ދަރަވަންދޫއަށެވެ. އެއީ 51.0 މިލިމީޓަރުގެ ވާރޭއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ރ. އިފުރަށެވެ. އެއީ 26 މިލިމީޓަރުގެ ވާރޭއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރިކޯޑު ކުރެވިފައިވަނީ އދ. މާމިގިއްޔަށެވެ. އެއީ 25.5 މިލިމީޓަރުގެ ވާރޭއެވެ.

މޫސުން ގޯސްވުމާ ގުޅިގެން، މެޓުން ވަނީ ހއ. އަތޮޅުން ފެށިގެން އއ. އަތޮޅަށް މިއަދު ހެނދުނު 6:50 އިން މެންދުރުފަހު 12:40 އަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީއެވެ.

މެޓުން ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށެވެ. ނަމަވެސް ދެކުނުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށް ލަފާކުރެވެއެވެ. ކަނޑުތަކުގެ ހާލަތަށް ބަލާއިރު، މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވެ، އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓުން ވިދާޅުވިއެވެ. ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރެވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެއާ ކައިރިން ސްރީލަންކާ ސަރަހައްދުގައި އުފެދިފައިވާ ތޫފާނަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެއް ކަމަށް ވިދާޅުވެފައެވެ. މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން