Ads by Stelco

ޚަބަރު

ސްރީލަންކާއަށް އެހީވުމަށް ދިވެހި މީޑިއާތަކުން ފެށި ޓެލެތޯނަށް 6.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ!

ސްރީލަންކާއަށް އެހީވުމަށް ދިވެހި މީޑިއާތަކުން ފެށި ޓެލެތޯނަށް 6.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ!

ސިލޯނާއެކު ދިވެހީން ޓެލެތޯން ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޑިސެމްބަރު 2025، 12:13

01 ޑިސެމްބަރު 2025، 12:13

ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނަށް މިހާތަނަށް 6.2 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިއްޖެއެވެ. 37 މީޑިއާއެއް ގުޅިގެން ކުރިއަށްގެންދާ މި ޓެލެތޯން ފަށާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގައެވެ.

ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް، ހޯމަ ދުވަހުގެ ހެނދުނު 11:00 އާ ހަމައަށް ޖުމްލަ 6,205,637 ރުފިޔާ ވަނީ ލިބިފައެވެ. މި އަދަދުގެ ތެރޭގައި 5,556,579 ރުފިޔާ އާއި 42,092 ޑޮލަރު ހިމެނެއެވެ.

މި ޓެލެތޯން ހޯމަ ދުވަހުގެ މެންދުރު 2:00 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ. ކުރިން އާދިއްތަ ދުވަހުގެ ރޭ މެންދަމު 1:00 އާ ހަމައަށް ޓެލެތޯން ކުރިއަށްގެންދިއުމަށް ނިންމާފައި އޮތްނަމަވެސް، ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިހާރު ވަނީ މުއްދަތު އިތުރުކޮށްފައެވެ.

މީޑިއާ ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމުގެ އިތުރުން، ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

ސްރީލަންކާއަށް މިމަހުގެ 26 ވަނަ ދުވަހު ކުރިމަތިވި ތޫފާން ދީތުވާއާ ގުޅިގެން އެޤައުމު ވަނީ ކާރިސާގެ ޙާލަތުގައެވެ.

ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބަޔެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން