ޚަބަރު
ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ޚަރަދު ކުޑަކޮށް، ނައިބު ރައީސުންނަށް ޢިނާޔަތް ދިނުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ކުރީގެ ބައެއް ރައީސުން ފޮޓޯ: އިންޓަނެޓް
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާ ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި އިސްލާޙުގެ ދަށުން ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ދޭ ފައިސާ އުނިކޮށް، ކުރީގެ ނައިބު ރައީސުންނަށް ޢިނާޔަތެއް ދިނުމަށް ވަނީ ހިމަނާފައެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ނޮވެންބަރު މަހުގެ 27 ވަނަ ދުވަހު، ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއެވެ. މަޖިލީހުގައި މި ބިލަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ވެސް ތާޢީދާއެކު، ބިލު ފާސްވެފައި ވާއިރު، މިއީ ގިނަ ބަޔެއްގެ ސަމާލުކަން ހޯދި ބިލެކެވެ.
އިސްލާޙުތަކުގެ ތެރޭގައި، ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދައުލަތުން ކޮންމެ މަހަކު ދޭ 175,000 ރުފިޔާ ދެން ނުދިނުމަށް ހިމަނާފައިވެއެވެ. މީގެ އިތުރުން، ރައީސްކަން ކުރެއްވި ބޭފުޅަކު ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ އެހެންވެސް މަޤާމަކަށް އައްޔަން ކުރެވިއްޖެނަމަ، އެ މަޤާމެއްގެ މުއްދަތުގައި ޤާނޫނުން ދޭ ޢިނާޔަތްތައް މެދުކަނޑާލަންޖެހޭނެ ކަމަށްވެސް މި އިސްލާޙުގައި ވަނީ ބަޔާންކޮށްފައެވެ. މިހާރުގެ ޤާނޫނުގައި ޢިނާޔަތް މެދުކަނޑާލަން ޖެހެނީ ދެވަނަ ދައުރަކަށް އިންތިޚާބުވުމުން އެކަންޏެވެ.
މި ބިލުގެ މުހިންމު އަނެއް ބަދަލަކީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންގެ ޢިނާޔަތްތަކަށް ބަދަލު ގެނައުމުގެ އިތުރުން ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ޢިނާޔަތް ދިނުމަށް ހިމެނުން. މި ދެ ބަދަލާއެކު ދައުލަތުގެ ޚަރަދަށް އަންނާނެ ބަދަލުތަކުގެ އެސްޓިމޭޓެއްވެސް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެ އެސްޓިމޭޓްގައިވާ ގޮތުން، ކުރީގެ ރައީސުންގެ އޮފީސް ހިންގަން ދޭ ފައިސާ އުނިކުރުމުން އަންނަ އަހަރު 10,500,000 ރުފިޔާ ޚަރަދު ކުޑަވާނެއެވެ. މީގެ ސަބަބުން އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުން ކުރީގެ ރައީސުންނަށް ޢިނާޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ 19.7 މިލިޔަން ރުފިޔާ، 10.2 މިލިޔަން ރުފިޔާއަށް ކުޑަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ނައިބު ރައީސުންނަށް ދޭ ޢިނާޔަތް ހިމެނުމުން އަންނަ އަހަރު އެކަމަށް 360,000 ރުފިޔާ އަދި ބޭސްފަރުވާގެ ޚަރަދަށް 700,000 ރުފިޔާ ޚަރަދުވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ. ކުރިން ބިލުގައި ނައިބު ރައީސުންނަށް މަހަކު 25,000 ރުފިޔާގެ ޢިނާޔަތެއް ދޭން ހިމެނި ނަމަވެސް، ކޮމިޓީން ވަނީ އެ އަދަދު 30,000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން، ދައުލަތުން ޢިނާޔަތް ދޭންޖެހޭނީ 5 އަހަރުގެ ދައުރު ފުރިހަމަ ކުރާ ނައިބު ރައީސުންނަށް އެކަންޏެވެ. މި އުސޫލުން ބަލާއިރު، މިހާތަނަށް 5 އަހަރުގެ ދައުރު ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސަކީ މިދިޔަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރެއްވި ފައިޞަލް ނަސީމެވެ. އޭގެ ކުރިން ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް އެކި ސަބަބުތަކާހުރެ 5 އަހަރުގެ ދައުރު ފުރިހަމަ ކުރެއްވިފައެއް ނުވެއެވެ.
މި ބިލަށް ޢަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.