ޚަބަރު
ނޮވެންބަރުގެ ނިޔަލަށް ރާއްޖެއަށް ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި!
ރާއްޖޭގެ ރިސޯޓެއް ފޮޓޯ:އިންޓަނެޓް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިދިޔަ ނޮވެންބަރު މަހު ބޮޑު ކުރިއެރުމެއް ލިބި، އެމަހު 195،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިއަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު %2.4 އިތުރު އަދަދެކެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ހާމަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު ރާއްޖެއަށް ޖުމްލަ 195،127 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށްވުރެ %12 އިތުރު އަދަދެކެވެ. އަދި މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި 190,445 ފަތުރުވެރިންނާ އަޅާބަލާއިރު %2.4 އިތުރު އަދަދެކެވެ.
ނޮވެންބަރު މަހުގެ ނިޔަލަށް މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު 2،022،061 އަށް އަރައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %10 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 1،837،635 ފަތުރުވެރިންނެވެ. މި އަދަދުން ދައްކައިދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ހޯދަމުންދާ ފުޅާ ކާމިޔާބީއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ފަސް ޤައުމަކީ:
ޗައިނާ: 312،478 ފަތުރުވެރިން
ރަޝިއާ: 253،834 ފަތުރުވެރިން
އިނގިރޭސިވިލާތް: 181،300 ފަތުރުވެރިން
ޖަރުމަނުވިލާތް: 152،739 ފަތުރުވެރިން
އިޓަލީވިލާތް: 132،004 ފަތުރުވެރިން
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މިވަގުތު ރާއްޖޭގައި 1306 ތަން ހުޅުވާފައިވެއެވެ. މި ހުރިހައި ތަނެއްގެ ބެޑް ކެޕޭސިޓީ ޖުމްލަ 66571 އަށް އަރައެވެ.