ދުނިޔެ
ތޫފާން "ޑިޓްވާ": ލަންކާއިން ޖަޕާނު ސަރުކާރުގެ ފަރާތުން އެހީއަށް އެދިއްޖެ
ބައްދަލުވުމުގެ ތެރެއިން--
ތޫފާން "ޑިޓްވާ" ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް ލަންކާއިން ޖަޕާނު ސަރުކާރުގެ ފަރާތުން އެހީއަށް އެދިއްޖެ އެވެ.
ލަންކާގެ އިދިކޮޅު ލީޑަރު ސާޖިތު ޕްރޭމަދާސާ އާއި ޖަޕާނުގެ ސަފީރު އަކިއޯ އިސޯމާޓާ ވަނީ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ ކާރިސާގެ ހާލަތާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ސާޖިތު ޕްރޭމަދާސާ ވަނީ، މި މުހިންމު ދުވަސްވަރު ލަންކާއަށް އެހީތެރިވުމަށް ރިލީފް އަދި އިމަޖެންސީ ސާވިސް ޓީމުތައް ފޮނުވުމުން ޖަޕާނު ސަރުކާރަށް ޝުކުރު ދަންނަވާފައެވެ. ހަމަ އެހެންމެ، ދިމާވާ ކާރިސާތަކުގެ ވަގުތުތަކުގައި އަބަދުވެސް ލަންކާއާ އެކުގައި އިތުބާރު ހުރި ރަޙްމަތްތެރިއެއްގެ ގޮތުގައި ޖަޕާނުން ހުންނަވާކަން ފާހަގަކޮށް، އަނެއްކާވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ ވަނީ އެދިވަޑައިގަންނަވާފައެވެ.
އެގޮތުން، ހަލާކުވެފައިވާ މަގުތަކުގެ ނެޓްވޯކް އަލުން އާރާސްތުކޮށް، ތޫފާނުގައި އަސަރުކޮށްފައިވާ ރޭލު ނިޒާމު މަރާމާތު ކުރުމަށް ޖަޕާނުގެ ޚާއްޞަ ތަޖުރިބާއާއި ޓެކްނޮލޮޖީ އަދި ވޯކްފޯސް ސަޕޯޓް ދިނުމަށް އޭނާ އެދިވަޑައިގަތެވެ. އަދި ދިރިއުޅުމުގެ ވަޞީލަތްތައް ހަލާކުވުމާއި، ގިނަ ރައްޔިތުން އެ މީހުންގެ ގެދޮރު ދޫކޮށް ދިއުމާއި، ޒަރޫރީ ޚިދުމަތްތަކުގެ ބޮޑެތި ދަތިކަން ހިމެނޭ ގޮތަށް މޫސުމީ ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ މިންވަރާ ބެހޭ ގޮތުން އޭނާ ވަނީ ސަފީރަށް މަޢުލޫމާތު ދެއްވާފައެވެ.
އެހެންކަމުން، ލަންކާއަށް މިވަގުތު ޖަޕާނުގެ އެއްބާރުލުން ވަރަށް އަވަހަށް ބޭނުންވާކަން ފާހަގަކުރައްވައި، އިންސާނީ އެހީތެރިކަން އިތުރަށް ވަރުގަދަ ކުރުމަށް އިދިކޮޅު ލީޑަރު އެދިވަޑައިގެންނެވިއެވެ.