Ads by Stelco

ޚަބަރު

ސްރީލަންކާއަށް އެހީވުމަށް މީޑިއާތަކުން ފެށި ޓެލެތޯނަށް 7 މިލިޔަނަށް ވުރެ ގިނަ ރުފިޔާ

ސްރީލަންކާއަށް އެހީވުމަށް މީޑިއާތަކުން ފެށި ޓެލެތޯނަށް 7 މިލިޔަނަށް ވުރެ ގިނަ ރުފިޔާ

ސިލޯނާއެކު ދިވެހީން ޓެލެތޯން ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޑިސެމްބަރު 2025، 02:07

01 ޑިސެމްބަރު 2025، 02:07

ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނަށް މިހާތަނަށް 7 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިއްޖެއެވެ. މި ޓެލެތޯންގެ މުއްދަތު އިތުރުކޮށްފައިވަނީ ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ.

މި ޓެލެތޯން ފެށީ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރުއެވެ. ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް މިއަދުގެ (ހޯމަ ދުވަހުގެ) މެންދުރު 13:00 ޖެހުމާއާ ހަމައަށް ޖުމްލަ 7,014,711 ރުފިޔާ ވަނީ ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ 6,255,399 ރުފިޔާ އަދި 42,757 ޑޮލަރެވެ.

ޖުމްލަ 37 މީޑިއާއެކު ކުރިއަށް ގެންދާ މި ޓެލެތޯން ކުރިން ނިންމާފައި އޮތީ އާދިއްތަ ދުވަހުގެރޭ މެންދަމު 1:00 ޖެހުމާ ހަމައަށެވެ. ނަމަވެސް، މި ޓެލެތޯނުގައި ބައިވެރިވެ، ސްރީލަންކާއަށް އެހީތެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމުގެ ގޮތުން، މިހާރު ވަނީ މިއަދުގެ (ހޯމަ ދުވަހުގެ) މެންދުރުފަހު 2:00 ޖެހުމާއި ހަމައަށް މުއްދަތު އިތުރުކުރުމަށް ނިންމާފައެވެ.

މީޑިއާ ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މާލޭގެ އެކި ސަރަޙައްދުތަކާއި ޓީވީ ބިލްޑިންގގައި ބަހައްޓާފައިވާ ޚާއްސަ ފޮށިތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މިމަހުގެ 26 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ތޫފާން ދީތުވާއާއި ގުޅިގެން އެޤައުމު ވަނީ ކާރިސާގެ ޙާލަތުގައެވެ. ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބަޔެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން