ޚަބަރު
ޓެލެތޯނަކީ ކޮބައިކަންވެސް ނޭނގޭ، ނަމަވެސް ލިބެމުންދާ އެހީ ފެނި ފެންކަޅިވެއްޖެ: ސަފީރު
ސަފީރު ވާހަކަފުޅުދެއްކެވުން/ފޮޓޯ: ޕީއެސްއެމް
ޓެލެތޯނަކީ ކޮބައިކަންވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި، ދިވެހީންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފެނި ފެންކަޅިވެއްޖެކަމަށް ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން ވިދާޅުވެއްޖެއެވެ.
ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން މިފަދައިން ވިދާޅުވީ، "ސިލޯނާއެކު ދިވެހީން" ޓެލެތޯންގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޓެލެތޯންގައި ވާހަކަފުޅުދައްކަވަމުން ސަފީރު ވަނީ، ލަންކާއަށް އެހީވުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ. ހަމަ އެހެންމެ، މުޅި ދިވެހިރާއްޖެއިން ގުޅިގެން އަވަށްޓެރި ޤައުމަކަށް އެހީވުމަށް މަސައްކަތް ކުރުމަކީ ދެ ޤައުމުގެ ގާތް ގުޅުން ހާމަވެގެންދާ ކަމެއް ކަމަށާއި މިއީ ދެ ޤައުމުގެ ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމެއް ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ 37 މީޑިއާއެއްގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މި ޓެލެތޯނަށް އަލިއަޅުއްވާލާ ސަފީރު ވިދާޅުވީ، ކުރިން ޓެލެތޯނަކީ ކޮބައިކަންވެސް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި ޓެލެތޯން ފެށިގެން ލިބެމުންދާ އެހީ ފެނި ފެންކަޅިވި ކަމަށެވެ. ހަމަ އެހެންމެ، މިފަދަ ހަރަކާތެއްގައި ލިބޭ އެއްޗަކަށްވުރެ ބޮޑަށް މި ދަތި ދަނޑިވަޅުގައި ދިވެހީން ލަންކާގެ ރައްޔިތުންނާއެކު ތިބިކަން ސާބިތުކޮށްދިނުމަކީ އެންމެ މުހިންމުކަން ކަމުގައި ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ސަފީރު ވިދާޅުވީ، ރާއްޖެފަދަ ކުޑަ އާބާދީއެއް އޮތް ޤައުމަކުން ފޯރުކޮށްދޭ އެހީތެރިކަމަކީ ކުޑަ އެއްޗެއް ކަމުގައި ހީވިނަމަވެސް އެއީ ހަޤީގަތުގައި ލަންކާގެ ރައްޔިތުންނަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށެވެ. އެގޮތުން، ޓެލެތޯނުން ހަދިޔާ ކުރާ ފައިސާ ހޭދަކުރެވޭނީ ޤައުމު އާރާސްތުކުރުމަށް ކަމަށާއި، މަގު ހެދުމާއި އިމާރާތްތައް ހެދުމާއި ދަނޑުބިންތައް އަލުން އާރާސްތުކުރަން މި ފައިސާ ހޭދަކުރެވިގެންދާނެކަމުގެ ޔަޤީންކަން ސަފީރު ވަނީ ދެއްވާފައެވެ.
ޤައުމުތަކުގެ ގުޅުން ހާމަވެގެންދާނީ މިފަދަ ހިތާމަވެރި ވަގުތުތަކުގައިކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ، މިވާހަކަތައް ލަންކާގެ ޖީލުތަކަށް ކިޔައިދެވި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން އޮންނަވާ ކަމަށެވެ.