Ads by Stelco

ޚަބަރު

ކުޅުދުއްފުއްޓަށް 50 ގްރާމް ޑައިމޯފިން އެތެރެކުރަން އުޅުނު މީހާއަށް 25 އަހަރުގެ ޖަލު ޙުކުމެއް

ކުޅުދުއްފުއްޓަށް 50 ގްރާމް ޑައިމޯފިން އެތެރެކުރަން އުޅުނު މީހާއަށް 25 އަހަރުގެ ޖަލު ޙުކުމެއް

ކުޅުދުއްފުށި ސިޓީގެ ބަނދަރު. / ފޮޓޯ: ޒުވާން މަސްވެރިޔާ.

farudhun logo

ފަރުދުން

01 ޑިސެމްބަރު 2025، 04:27

01 ޑިސެމްބަރު 2025، 04:27

ހދ. ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ޢުމުރު ދުވަހަށް ޖަލަށް ލުމަށް، އެ ރަށު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ޙުކުމް އިއްވައިފިއެވެ.

މި މައްސަލައިގައި ޢުމުރަށް ޖަލަށްލާން ޙުކުމްކޮށްފައިވަނީ، ކުޅުދުއްފުށީ ލޫނާ، ޢަލީ މުޙައްމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއެވެ. 

ޢަލީ މުޙައްމަދު ހައްޔަރުކޮށްފައިވަނީ 2023ވަނަ އަހަރުގެ ޖަނަވަރީ މަހު، ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މާލޭ ނޯތު ހާބަރު ސަރަޙައްދުން އޭނާ ހިފަހައްޓައި ޗެކުކުރިއިރު، އޭނާގެ ޖިންސުގެ ޖީބުން 50 ގްރާމް ޑައިމޯފިން ވަނީ ފެނިފައެވެ. ޢަލީ މުޙައްމަދަކީ ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މީހެކެވެ.

ޝަރީޢަތުގައި އޭނާ އަމިއްލަ ދިފާޢުގައި ބުނީ، އެ ކޮތަޅުގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭ ކަމަށާއި، އެއީ ޢަބްދުﷲ ކިޔާ މީހެއްގެ އެއްޗެއް ކަމަށެވެ. ނަމަވެސް، ކޯޓުގެ އިސް މެޖިސްޓްރޭޓް މުޙައްމަދު އިސްމާޢީލް ނިޔާކުރެއްވީ، މި މައްސަލައިގައި ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ޙިޔާޒަތުގެ ދަށުން ފެނުނު ތަކެތިކަން ސާބިތުވާ ކަމަށެވެ. އެއީ، މަސްތުވާތަކެތި ފެނިފައިވަނީ ދަޢުވާ ރައްދުވާ މީހާ ލައިގެން ހުރި ޖިންސުގެ ވާތްފަރާތު ކުރިމަތީ ޖީބުގައި އޮތް ކޮތަޅެއްގެ ތެރެއިންކަން ސާބިތުވާތީ ކަމަށް ޙުކުމްގައި ބުނެފައިވެއެވެ.

ޢަލީ މުޙައްމަދުގެ މައްޗަށް އިއްވި ޖަލު ޙުކުމްގެ އިތުރުން، 100,000 ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ވެސް އޭނާއަށް ވަނީ އަމުރުކޮށްފައެވެ. ތަޙުޤީޤީ މަރުޙަލާގައި އޭނާ ބަންދުގައި ބެހެއްޓި 5 ދުވަސް އުނިކުރުމަށް ފަހު، ޢަލީ މުޙައްމަދު މި މައްސަލައިގައި ތަންފީޒުކުރަން ޖެހޭނީ 24 އަހަރާއި، 11 މަހާއި 24 ދުވަހުގެ ޙުކުމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން