Ads by Stelco

ޚަބަރު / ވިޔަފާރި

މަޝްރޫޢުތަކާއި މުސާރަ ހަމަހަމަކުރުމުގެ ސިޔާސަތާއެކުވެސް އާމްދަނީ އިތުރުވެ، ޑެފިސިޓް ކުޑަވެއްޖެ: މާލީ ވުޒާރާ

މަޝްރޫޢުތަކާއި މުސާރަ ހަމަހަމަކުރުމުގެ ސިޔާސަތާއެކުވެސް އާމްދަނީ އިތުރުވެ، ޑެފިސިޓް ކުޑަވެއްޖެ: މާލީ ވުޒާރާ

މާލީ ވުޒާރާ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

01 ޑިސެމްބަރު 2025، 08:00

01 ޑިސެމްބަރު 2025، 08:00

މަޝްރޫޢުތަކާއި މުސާރަ ހަމަހަމަކުރުމުގެ ސިޔާސަތާއެކުވެސް އާމްދަނީ އިތުރުވެ، ޑެފިސިޓް ކުޑަވެފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މާލީ ވުޒާރާއިން ވަނީ، 20 ނޮވެމްބަރ 2025 ވަނަ ދުވަހުގެ ނިޔަލަށް އެކުލަވާލާފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓް ޢާންމުކޮށްފައެވެ.

މި ރިޕޯޓުން ހާމަވާ ގޮތުގައި، ޖުމްލަ އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 30.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.5 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ޖުމްލަ ޚަރަދުތައް 12.6 އިންސައްތަ ދަށްވެ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 40.1 ބިލިއަން ރުފިޔާއިން 35.1 ބިލިއަން ރުފިޔާއަށް ދަށްވުމުގެ ނަތީޖާއެއްގެ ގޮތުން، މި މުއްދަތުގެ އޯވަރޯލް ޑެފިސިޓް ވަނީ 2024 ވަނަ އަހަރުގެ 9.5 ބިލިއަން ރުފިޔާއިން 1.5 ބިލިއަން ރުފިޔާއަށް ކުޑަވެފައެވެ. މިއީ ގާތްގަނޑަކަށް 84 އިންސައްތައިގެ ދަށްވުމެކެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، ޓެކްސް އާމްދަނީ އާއި ޓެކްސް ނޫން އާމްދަނީން ވެސް ރަނގަޅު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން، ޓެކްސް އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 8.5 އިންސައްތަ އިތުރުވެ، 2024 ވަނަ އަހަރުގެ އެއް މުއްދަތުގައި ލިބުނު 23.3 ބިލިއަން ރުފިޔާއިން 25.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މައިގަނޑު ގޮތެއްގައި ޖީ.އެސް.ޓީ. އިތުރުވުމުގެ ނަތީޖާއެއްކަން ފާހަގަކުރައްވާ އެ ވުޒާރާއިން ވިދާޅުވީ، ޖުމްލަ ޖީ.އެސް.ޓީ. އާމްދަނީ 12.0 އިންސައްތަ އިތުރުވެ، 12.2 ބިލިއަން ރުފިޔާއިން 13.7 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

މީގެ އިތުރުން،  ޖީ.ޖީ.އެސް.ޓީ 8.0 އިންސައްތަ އިތުރުވެ 4.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޓޫރިޒަމް ޖީ.އެސް.ޓީ ވަނީ 14.2 އިންސައްތަ އިތުރުވެ 9.1 ބިލިއަން ރުފިޔާއަށް އަރާފައިކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ. އަދި ގްރީން ޓެކުހުގެ އާމްދަނީ ދެގުނައަށް ނުވަތަ 107.1 އިންސައްތަ އިތުރުވެ 914.0 މިލިއަން ރުފިޔާއިން 1.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޑިޕާޗަރ ޓެކްސް ވަނީ 60.5 އިންސައްތަ އިތުރުވެ 988.3 މިލިއަން ރުފިޔާއިން 1.6 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މީގެ އިތުރުން، ޓެކްސް ނޫން އާމްދަނީ ވެސް ބޮޑު ކުރިއެރުމެއް ހޯދާފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން، އެއަރޕޯޓް ތަރައްގީކުރުމަށް ނެގޭ ފީއިން ލިބޭ އާމްދަނީ 150.5 އިންސައްތަ އިތުރުވެ 1.3 ބިލިއަން ރުފިޔާއަށް އަރާފައިވުމާއި، ރިސޯޓު ބިމުކުލި 2.1 އިންސައްތަ އިތުރުވެ 1.5 ބިލިއަން ރުފިޔާއަށް އަރާފައިވުމުގެ ސަބަބުން، ޓެކްސް ނޫން އާމްދަނީ ވަނީ 17.6 އިންސައްތަ އިތުރުވެ 6.8 ބިލިއަން ރުފިޔާއިން 8.0 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް މާލީ ކަންކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން ޚަރަދުތަކަށް ބަލާއިރު، ސަރުކާރުން ދަނީ ޖުމްލަ ޚަރަދުތައް ކުޑަކޮށް، އަސާސީ ހިދުމަތްތަކާއި މަޝްރޫޢުތަކަށް އިސްކަންދެމުންނެވެ. އެގޮތުން، ރިކަރަންޓް ޚަރަދުތައް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ކުޑަ މިންވަރަކަށް އިތުރުވެ، 29.2 ބިލިއަން ރުފިޔާއިން 30.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން، މުސާރައާއި، އުޖޫރައާއި، ޕެންޝަނަށް ކުރާ ޚަރަދުތައް 6.6 އިންސައްތަ އިތުރުވެ 11.3 ބިލިއަން ރުފިޔާއިން 12.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ޕޭ ހާމަނައިޒޭޝަން ފަދަ ސިޔާސަތުތަކާއި، މުހިންމު ޚިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާ ކުރުމުގެ މަސައްކަތްތަކުގެ ސަބަބުން އިތުރުވި އިތުރުވުމެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ސަރުކާރުން މުހިންމު ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި މުސާރަ ހަމަހަމަކުރުމުގެ ސިޔާސަތު 1 ނޮވެމްބަރ 2025 އިން ފެށިގެން ތަންފީޒްކުރަން ފެށުމާ ގުޅިގެން އޮކްޓޯބަރ މަހުގެ ނިޔަލަށް އޯވަރޯލް ބެލެންސް ޑެފިސިޓެއް ދައްކާފައިވީ ނަމަވެސް، 2025 ވަނަ އަހަރުގެ ފުރަތަމަ 40 ހަފްތާގައި ބެލެންސް ހުރީ ސަރޕްލަސްއެއްގައެވެ. އަދި ނޮވެމްބަރު 20 ގެ ނިޔަލަށް، އޯވަރޯލް ބެލެންސް 1.5 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައި ހުރިއިރު، ޕްރައިމަރީ ޑެފިސިޓް ހުރީ 2.6 ބިލިއަން ރުފިޔާގެ ސަރޕްލަސް އެއްގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން