ޚަބަރު
ދަރުމަވަންތަ އާއި އައިޖީއެމްއެޗްގައި ބަރުދަންލުއިކޮށްދޭ ބެރިއަޓްރިކް ސާޖަރީގެ ޚިދުމަތް ފަށައިފި
ބަރުދަންލުއިކޮށްދޭ ބެރިއަޓްރިކް ސާޖަރީގެ ޚިދުމަތް ފެށުމަށް ކުރިއަށްދިޔަ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: މާލޭ ސިޓީ ގްރޫޕް
އާދަޔާޚިލާފަށް ބަރުދަން މަތިވެފައިވާ ފަރާތްތަކަށް ދާއިމީ ހައްލެއް ގެނެސްދިނުމުގެ ގޮތުން، ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ބެރިއަޓްރިކް ސާޖަރީގެ ޚިދުމަތް ރަސްމީކޮށް ގާއިމުކޮށްފިއެވެ. މިއީ ގައިންގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ލިބިގެންދާ މުހިންމު ކުރިއެރުމެކެވެ.
ބެރިއަޓްރިކް ސާޖަރީއަކީ ހަޖަމުކުރާ ނިޒާމު މަސައްކަތް ކުރާގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލު ގެނެސް، އާދަޔާޚިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް އެހީތެރިވުމަށް ކުރާ ވަރަށް ކާމިޔާބު އޮޕަރޭޝަންތަކެކެވެ. މި އޮޕަރޭޝަންތަކުގެ ސަބަބުން ބަލިމިހާއަށް ރަނގަޅު ސިއްހަތެއް ލިބި، ނަފުސާނީ ދުޅަހެޔޮކަން ރަނގަޅުވެ، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އިތުރުވެ، އަލުން ހަޔާތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދެއެވެ.
މި ޚިދުމަތް ގާއިމުކުރުމާ ގުޅިގެން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް ވިދާޅުވީ، ކުރިން ބޭސްކުރަމުން އައި ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް މި ޚިދުމަތުގެ ސަބަބުން ނިމުމެއް ގެނެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ޓައިޕް 2 ހަކުރުބައްޔާއި، ލޭ މައްޗަށް ދިއުމާއި ކޮލެސްޓެރޯލް މަތިވުމާއި، ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވުން ހިމެނޭ ކަމަށް ހަލީމް ފާހަގަކުރެއްވިއެވެ. މިއީ ގައިންގަޔަށް ނާރާ ބަލިތަކަށް ޒަމާންތަކެއް ވަންދެން ބޭސްކަމުން އަންނަ، އެކަށީގެންވާ ވަރަށްވުރެ ހަށިގަނޑުގެ ބަރުދަން މަތިވެ، އުންމީދު ނެތިފައިވާ އެތައް ބަޔަކަށް ލިބޭނެ ވަރަށް އުންމީދީ ހައްލެއްކަން ކަށަވަރެވެ.
މިއީ ގައިންގަޔަށް ނާރާ ބަލިތަކަށް ޒަމާންތަކެއް ވަންދެން ބޭސްކަމުން އަންނަ، އެކަށީގެންވާ ވަރަށްވުރެ ހަށިގަނޑުގެ ބަރުދަން މަތިވެ، އުންމީދު ނެތިފައިވާ އެތައް ބަޔަކަށް ލިބޭނެ ވަރަށް އުންމީދީ ހައްލެއްކަން ޔަޤީން
އައިޖީއެމްއެޗްގެ ސީއީއޯ
ސަރުކާރުގެ ހޮސްޕިޓަލެއްގައި މުޅިން އަލަށް މިފަދަ މުހިންމު ޚިދުމަތެއް ފެށުމަށް ސާޖަރީ ޑިޕާޓްމަންޓުގެ ޓީމުން މަސައްކަތްކުރާތާ ދުވަސްތަކެއް ވެފައިވާކަން ފާހަގަކުރައްވައި، ސީއީއޯ ހަލީމް ވިދާޅުވީ، މި މަސައްކަތް މިއަދު މި ކާމިޔާބުވީ އެތައް ބައެއްގެ މަސައްކަތުންނާއި އެހީތެރިކަމާ އެކުގައި ކަމަށެވެ. އެގޮތުން ހޮސްޕިޓަލުގެ އޮޕަރޭޝަން ޑޮކްޓަރުންނާއި، ހޭނައްތާ ޑޮކްޓަރުން، ނަރުހުން، އެހެނިހެން ޓެކްނިކަލް/ކްލިނިކަލް މަސައްކަތްތެރިންނާއި އިދާރީ މުވައްޒަފުން އަދި ސަޕޯޓް ސްޓާފުންގެ ނަން ފާހަގަކުރެއްވިއެވެ. ހާއްސަކޮށް، ދިވެހިރާއްޖޭގެ ފުރަތަމަ ބެރިއަޓްރިކް ސާޖަން، ޑރ. އަޒްނާގެ ނަން ވަކިން ފާހަގަކޮށް މަރުހަބާ ދެންނެވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޞިއްޙީ ދާއިރާއަށް ގެންނަވަމުންދާ ހަރުދަނާ އަދި ތަރައްޤީގެ ކުރިއެރުންތަކަކީ ފަހުގެ ތާރީޚެއްގައި މި ދާއިރާއިން ދެކުނު ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއްކަން ޔަޤީންކަމާއި މިފަދަ އައު ޚިދުމަތްތައް ތަޢާރަފުކޮށް، ރައްޔިތުންނަށް ފުޅާދާއިރާއެއްގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ނުހަނު އިޚްލާސްތެރިކަމާއެކު ސީއީއޯ ހަލީމް ވަނީ ޝުކުރުދަންނަވާފައެވެ.