ޚަބަރު
ޤާޟީ ފާއިޒް މަޤާމުން ވަކިކުރުމަށް ކޮމިޓީން ފާސްކޮށް، ތަޅުމަށް ފޮނުވަން ތައްޔާރު
ކްރިމިނަލް ކޯޓުގެ ޤާޟީ، އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު.
ފަރުދުން
02 ޑިސެމްބަރު 2025، 03:50
02 ޑިސެމްބަރު 2025، 03:50
ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، އެ ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރީ، ފާއިޒް ޤާޟީކަމުން ވަކިކުރުމުގެ މައްސަލައިގައި އިޖުރާއީ ގޮތުން އެއްވެސް މައްސަލައެއް ނެތްކަމަށް ފާހަގަވެފައިވާތީ، މި މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރިޕޯޓުގައި އޮތް ގޮތުގެ މަތީން، ގޮތެއް ނިންމުމަށް މަޖިލިސް ތަޅުމަށް ފޮނުވުމަށެވެ.
ކްރިމިނަލް ކޯޓުގެ ޤާޟީ ޙުސައިން ފާއިޒު ރަޝާދު ފަނޑިޔާރުކަމުން ވަކިކުރުމަށް އެދި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅީ، މިދިޔަ މަހުގެ 26ވަނަ ދުވަހުގައެވެ.
ޤާޟީ ފާއިޒް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް އެދި ޖޭ.އެސް.ސީ.އިން ހުށަހެޅި ސިޓީގައިވާ ގޮތުން، އައްޑުއަތޮޅު ހިތަދޫ، ކޯޒީކޯނަރ، ޢަލީ އަންވަރުގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމުގައި ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ޤާޟީ ޙުސައިން ފާއިޒު ރަޝާދު ގޮތް ނިންމަވާފައިވާ ކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ، ޤާޟީގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރުމަށް ފަހު، މި މައްސަލައިގައި ތުހުމަތުކޮށްފައިވާ ޢަމަލު ޤާޟީ ފާއިޒު ކުރައްވާފައިވާކަން ޘާބިތުވެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޤާޟީ ފާއިޒު ރަޝާދުގެ އަމުރަށް ބަންދުން ދޫކޮށްލި ޢަލީ އަންވަރަކީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭކަމަށް ފުލުހުން ތުހުމަތުކުރާ މީހެކެވެ. މީގެ ކުރީން، 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ވެސް ފުލުހުން އޭނާ ހައްޔަރުކޮށްފައިވެއެވެ. އޭގެ ފަހުން ފެންމަތިވި އިތުރު މައްސަލައެއްގައި، 5 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރު ކުރުމަށް ފަހު، މުއްދަތު ހަމަވާތީ އަނެއްކާ ވެސް އޭނާ ކޯޓަށް ޙާޟިރުކުރުމުން، އެއްވެސް ޝަރުޠަކާ ނުލައި އޭނާ ދޫކޮށްލުމަށް، ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ ޤާޟީ ޙުސައިން ފާއިޒު ރަޝާދާ ގުޅޭ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް 2 މައްސަލައެއް ހުށަހެޅުނެވެ. މި ކަމާ ގުޅިގެން މިދިޔަ އޮކްޓޫބަރު މަހުގެ 23ވަނަ ދުވަހު ޤާޟީ ފާއިޒު ސަސްޕެންޑްކުރުމަށް ވަނީ ނިންމާފައެވެ. އެނގިފައިވާ ގޮތުގައި، ޤާޟީ ފާއިޒާ ގުޅޭ ގޮތުން ހުށައެޅުނު 2ވަނަ މައްސަލައަކީ، މަރުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ޙަލީމަތު ލަމްޙާގެ ބަންދާ މެދު ނިންމެވި ގޮތާ މެދު ހުށަހެޅި މައްސަލައެކެވެ.
މި މައްސަލަތަކާ ގުޅިގެން ޤާޟީ ފާއިޒު އޭރު ސަސްޕެންޑްކުރީ، ފަނޑިޔާރަކު ސަސްޕެންޑްކުރެވޭ އެންމެ ދިގު މުއްދަތު ކަމުގައިވާ 60 ދުވަހުގެ މުއްދަތަށެވެ. 2021 ވަނަ އަހަރުވެސް ޤާޟީ ފާއިޒު ރަޝާދު 2 މަސް ދުވަހަށް ސަސްޕެންޑްކޮށްފައިވާއިރު، އޭރު ފާއިޒު ސަސްޕެންޑްކުރީ، އޯޑިޔޯއެއް ލީކުވި މައްސަލައިގައެވެ. އެހެން ނަމަވެސް، އެ އަހަރުގެ ޑިސެންބަރު މަހުގެ 26ވަނަ ދުވަހު އެ ސަސްޕެންޝަން އުވާލިއެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ފަނޑިޔާރަކު ވަކިކުރެވޭނީ، ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލު ނޫންކަމަށް ނުވަތަ އެ މަޤާމާ އެކަށީގެންނުވާ ފަދަ ޢަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން، އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައި، މަޖިލިހުގެ ޖަލްސާއަށް ޙާޟިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.