ދުނިޔެ
އޮކްސްފޯޑް ޑިކްޝަނަރީން އަހަރުގެ ލަފުޒުގެ ގޮތުގައި ކަނޑައެޅީ "ރޭޖްބެއިޓް"!
ރޭޖްބެއިޓް.
ފަރުދުން
02 ޑިސެމްބަރު 2025، 05:10
02 ޑިސެމްބަރު 2025، 05:10
ބައެއް ފަހަރު އިންޓަނެޓުގައި ތިބާ ނުރުހޭ އެއްޗެއް ފެނުމުން، އެއީ ސީދާ ތިބާ ރުޅިއެރުވުމުގެ މަޤުޞަދުގައި މީހަކު ފަރުމާކޮށްފައިވާ އެއްޗެކޭ ހިތަށް އަރާ ހެއްޔެވެ؟ އެހެން ކަމަށް ވާ ނަމަ، ތިބާއަށް ތިޔަ ފެނުނީ ހަމަ "ރޭޖްބެއިޓް" ކަން ޔަޤީނެވެ.
"ރޭޖް" (ރުޅި) އަދި "ބެއިޓް" (އެން) މި ދެ ލަފުޒުން އުފެދިފައިވާ މުރައްކަބު (ކޮމްޕައުންޑް) ލަފުޒެއް ކަމަށްވާ "ރޭޖްބެއިޓް" އަކީ، މީހުންގެ ރުޅި "ބާނަންވެގެން" ބުޅީގައި އަޅާ އެމެވެ. ނުވަތަ ސާފު ބަހުން ބުނާ ނަމަ، މީހުންގެ ފަރާތުން އިދިކީލި(ނެގަޓިވް) ރައްދުތައް ލިބޭ ފަދަ ގޮތަކަށް ފަރުމާކޮށްފައި ހުންނަ ޕޯސްޓުތަކެވެ. މި ލަފުޒު ބޭނުންކުރުން މި އަހަރުގެ ތެރޭގައި އިތުރުވެފައިވާލެއް ބޮޑުކަމުން، އިނގިރޭސިވިލާތުގެ މަޝްހޫރު އޮކްސްފޯޑް ޑިކްޝަނަރީގައި މި ލަފުޒަކީ 2025ވަނަ އަހަރުގެ ޚާއްޞަ ލަފުޒުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
އޮކްސްފޯޑުން ހާމަކުރާ ގޮތުގައި، ފާއިތުވެދިޔަ އަހަރު ދުވަހުގެ މުއްދަތުގައި މި ލަފުޒު ބޭނުންކުރުން އޭގެ ކުރިއާ އަޅާބަލާއިރު ތިން ގުނަ ވަނީ އިތުރުވެފައެވެ. އެ ޑިކްޝަނަރީން އިތުރަށް ބުނީ، މީހުން ރުޅިއެރުވުމުގެ ނިޔަތުގައި ޕޯސްޓުތައް ޙިއްޞާކުރުމަކީ މީސްމީޑިޔާގެ މަންސަތަކުގައި ތަޢުރީފުލިބެނިވި ޢަމަލެއް ކަމަށެވެ. ސަބަބަކީ، ގިނަ މީހުން ރުޅި އަންނަ ފަދަ ޕޯސްޓުތަކަށް ގިނަ މީހުންގެ ފަރާތުން ރައްދުތައް ލިބި، އެ ޕޯސްޓު އިތުރަށް ދައުރުވުމަށް މަގު ފަހިވެ، އެ ކަމުގެ ސަބަބުން ޕޯސްޓު ތައްޔާރުކުރި ފަރާތަށް މާލީ މަންފާތައް ލިބިގެންދިޔުމެވެ.
އޮކްސްފޯޑް ޑިކްޝަނަރީގެ އިތުރުން، ދުނިޔޭގެ އެހެނިހެން އިނގިރޭސި ރަދީފުތަކުގައި ވެސް މި އަހަރު އިންޓަނެޓުގެ އަސަރު ފާޅުވެއެވެ. މި ގޮތުން، އިނގިރޭސި ބަހުގެ މަޝްހޫރު ހުރިހައި ރަދީފަކުން ކަހަލަ ގޮތަކަށް އަހަރީ ލަފުޒުގެ ގޮތުގައި އިޚުތިޔާރުކޮށްފައިވަނީ، އިންޓަނެޓާ ގުޅުން ހުރި އިޞްޠިލާޙުތަކެވެ. މިސާލަކަށް، ކޮލިންސް ޑިކްޝަނަރީން ކަނޑައެޅި ލަފުޒަކީ "ވައިބް ކޯޑިންގ" އެވެ. އޭގެ މުރާދަކީ، އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި.) ލައްވައި، ޢާންމު ބަހުރުވައިން ލިޔެފައިވާ ލިޔުމެއް ކޯޑިންގ ލެންގުއެޖަށް ބަދަލުކުރުވުމެވެ. ހަމަ މި ފަދައިން، ކޭމްބްރިޖް ޑިކްޝަނަރީގެ އިޚުތިޔާރަކީ، އިންޓަނެޓުގައި ތިމާ ނުދަންނަ މީހުންގެ ޕޯސްޓުތަކާއި ތަޞްވީރުތައް ބަލައިގެން އުފެދޭ ޝައުޤުވެރިކަމުގެ ގުޅުން ދޭހަކޮށްދިނުމަށް ބޭނުންކުރާ ލަފުޒެއް ކަމުގައިވާ "ޕެރަސޯޝަލް" މިއެވެ.
މިދިޔަ 2024ވަނަ އަހަރުގެ ޚާއްޞަ ލަފުޒުގެ ގޮތުގައި އޮކްސްފޯޑުން ކަނޑައެޅީ "ބްރެއިންރޮޓް"އެވެ. އޮކްސްފޯޑުން ބުނާ ގޮތުގައި، "ބްރެއިންރޮޓް" އަދި "ރޭޖްބެއިޓް" ފަދަ ލަފުޒުތަކުން ދޭހަވަނީ، މިނަށް ވުރެ ގިނައިން އިންޓަނެޓު ބޭނުންކުރުމުގެ ސަބަބުން އަހަރެމެންގެ ސިކުނޑިތަކަށް ކުރާ ނޭދެވޭ އަސަރުތަކެވެ.
މި އަހަރު އެންމެ ގިނައިން އިސްތިޢުމާލުކުރެވިފައިވާ ލަފުޒުތަކުގެ ތެރެއިން ފުރާނާލެވިފައިވާ ޚާއްޞަ ލަފުޒުތަކެއްގެ ތެރެއިން، އަހަރުގެ ލަފުޒު ހޮވުމަށްޓަކައި އޮކްސްފޯޑުން ޢާންމުންގެ ޚިޔާލު ވަނީ ހޯދާފައެވެ. ވޯޓުގެ ނަތީޖާއެއްގެ ގޮތުން، "އޯރާ ފާމިންގ" އަދި "ބަޔޯހެކް" ފަދަ ލަފުޒުތައް ހިމެނުނު އެ ލިސްޓުން މި އަހަރުގެ ޚާއްޞަ ލަފުޒުގެ ގޮތުގައި ފާސްވެފައިވަނީ، "ރޭޖްބެއިޓް" މި ލަފުޒެވެ.
އިންޓަނެޓުގެ ސަބަބުން އަހަރެމެންގެ ބަސްމޮށުމަށް އިތުރުވާ މި ފަދަ ލަފުޒުތައް ރަދީފުތަކުގައި ހިމެނުމުން ދޭހަވަނީ، އިނގިރޭސި ބަސް ފަދަ ޢާލަމީ މަޝްހޫރު ބަހަކަށް ވެސް، އިންޓަނެޓުގެ އަސަރު ފޯރާފާނެ ކަމެވެ. އަދި ބަހަކީ ދުވަހުން ދުވަހަށް ބަދަލުވެ، އަހަރެމެންގެ ޒަމާނީ ކުރިއެރުމާ އެއްގޮތަށް ބައްޓަންވަމުން އަންނަ އެއްޗެއް ކަމެވެ.