ދުނިޔެ
ޕާކިސްތާނުން ލަންކާއަށް އެހީގެ ގޮތުގައި މުއްދަތު ހަމަވެފައިވާ ކާނާ، ގިނަ ބަޔެއްގެ ފާޑުކިޔުން
ޕާކިސްތާނުން ލަންކާއަށް ހަދިޔާކުރި ހަނޑޫ ބަސްތާތައް އުފެއްދީ 2022ވަނަ އަހަރު ކަމާއި، މުއްދަތު ހަމަވީ މިދިޔަ 2024ވަނަ އަހަރުގައި ކަން، އެ ބަސްތާތަކުގެ ތަޞްވީރުން ރީތިކޮށް ފެނެއެވެ.
ފަރުދުން
02 ޑިސެމްބަރު 2025، 06:41
02 ޑިސެމްބަރު 2025، 06:41
ސްރީލަންކާއަށް ދިމާވެފައިވާ މޫސުމީ ކާރިސާގައި އެ ޤައުމަށް އެހީވުމުގެ ގޮތުން ޕާކިސްތާނުން ފޮނުވި ކާނާގެ މުއްދަތު ހަމަވެފައިވާކަން ހާމަވެ، ގިނަ ބަޔަކު އިޖުތިމާޢީ ވިޔުގަތަކުގައި ފާޑުކިޔަމުން ދެއެވެ.
ލަންކާގައި ހުންނަ ޕާކިސްތާނުގެ ސަފާރާގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ޙިއްޞާކުރި ޕޯސްޓެއްގައި ލިޔެފައި ވަނީ މި ފަދައިންނެވެ: "ޕާކިސްތާނުން ފޮނުވި އެހީގެ ސާމާނު، ސްރީލަންކާއަށް މި ފަހަކުން ކުރިމަތިވި ފެންބޮޑުވުމުގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާމިޔާބުކަމާ އެކު ފޯރުކޮށްދެވިއްޖެ. މިއީ އަހަރެމެންގެ ގުޑުމެއް ނާރާ އެއްބާރުލުމުގެ ނިޝާނެއް. ޕާކިސްތާނު މިއަދު ވެސް، އަދި އަބަދު ވެސް ވަނީ ސްރީލަންކާއާ އެކީގައި."
މި ލިޔުމާ އެކު، އެހީގެ ބައެއް ސާމާނު ފެންނަ ފޮޓޮއެއް ވަނީ ޕޯސްޓުކޮށްފައެވެ. ހަނޑޫ އަޅާފައި ހުރި ބަސްތާތަކެއް އެ ފޮޓޮއިން ފެންނަ އިރު، އެ ބަސްތާތަކުގައި ލިޔެފައިވާ މުއްދަތު ހަމަވާ ތާރީޚަކީ 2024ވަނަ އަހަރުގެ ތާރީޚެއްކަން މީހުންގެ ލޯތަކުގައި އަޅައިގަންނާކަށް މާ ގިނަ އިރުތަކެއް ނުނެގިއެވެ. މި ކަން ފާހަގަކޮށް ގިނަ ބަޔަކު ކޮމެންޓުކުރަން ފެށުމުން، ޕާކިސްތާނުގެ ހައި ކޮމިޝަނުން ވަނީ އެ ޕޯސްޓު ޑިލީޓުކޮށްލާފައެވެ.
މި ކަމުގެ ސަބަބުން ޢާންމުން އިންޓަރނެޓުގައި ނުރުހުން ފާޅުކުރަމުން ދާ އިރު، މިއީ ޕާކިސްތަނަށް ނުހަނު ލަދުވެތި ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ސްރީލަންކާގެ އިދާރާއަކުން މި ކަމާ ގުޅޭ ރަސްމީ ބަޔާނެއް އަދި ނެރިފައި ނުވި ނަމަވެސް، ލަންކާގެ އޮފިޝަލުންނަށް މި ކަން ފާހަގަވެގެން އެ ވާހަކަތައް ދެކެވިފައިވާ ކަމަށް އެތައް ނޫސްތަކަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި ބައެއް ނޫސްތަކުގައި ވާ ގޮތުން، ލަންކާ އޮފިޝަލުން މި މައްސަލައިގެ ޝަކުވާ އިސްލާމްއާބާދަށް ވެސް ވަނީ ހުށަހަޅާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ޕާކިސްތާނަށް މި ފަދަ ޢަމަލެއްގެ ސަބަބުން މަލާމާތް ރައްދުވި ފުރަތަމަ ފަހަރެއް ނޫނެވެ. 2021ވަނަ އަހަރު އެ ޤައުމުން އަފްޣާނިސްތާނަށް ފޮނުވި އެހީގެ ތަކެއްޗަށް ގެއްލުން ލިބިފައި ވުމުން ވެސް އިންޓަރނެޓުގައި ހޫނު ބަޙުސްތަކެއް ކުރެވުނެވެ.
"ދިތުވާ" ޠޫފާނުގެ ސަބަބުން ސްރީލަންކާއަށް އިންތިހާ ދަރަޖައިގެ މޫސުމީ ގެއްލުންތައް ލިބިފައިވާއިރު، މި ކަމުގައި އެ ޤައުމުގެ 334 މީހުން ވަނީ މަރުވެފައެވެ. ލަންކާގެ މަގުތަކުގައި ހެދިފައިވާ ފެންގަނޑު އިތުރަށް އުފުލެމުން ދާ އިރު، ބިންގަނޑު ކަނޑައިގެން ދިޔުން ފަދަ ޤުދުރަތީ ނުރައްކާތައް ވަނީ ނުހަނު ގާތުގައެވެ. މި މޫސުމީ ކާރިސާއާ ގުޅިގެން، ސްރީލަންކާގެ ރައީސް އަނުރާ ކުމާރަ ދިސަނަޔާކެ ވަނީ ޤައުމީ ކުއްލި ޙާލަތު އިޢުލާނުކުރައްވައި، ބައިނަލްއަޤުވާމީ މަދަދުވެރިކަމަށް އެދިވަޑައިގެންފައެވެ.