ކުޅިވަރު
އެތުލެޓިކޯ ބަލިކޮށް ބާސެލޯނާއިން އެއްވަނައިގައި ލީޑު ފުޅާކޮށްފި
ބާސެލޯނާގެ ތިންވަނަ ގޯލު ފެރަން ޓޮރޭސް ކާމިޔާބުކުރަނީ / ފޮޓޯ: ގެޓީ އިމޭޖަސް
ސްޕެނިޝް ލަ ލީގާގައި އެތުލެޓިކޯ މެޑްރިޑް ބަލިކުރުމަށްފަހު ބާސެލޯނާއިން ލީގުގެ އެއްވަނައިގައި 4 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ކޭމްޕް ނޯގައި އަންގާރަ ދުވަހުގެރޭ ކުޅުނު މި މެޗު ބާސެލޯނާ ކާމިޔާބުކުރީ 3-1އިންނެވެ.
އެ މެޗުގައި އެލެކްސް ބޭނާގެ ގޯލަކުން 19ވަނަ މިނެޓުގައި ފުރަތަމަ ލީޑު ނެގީ އެތުލެޓިކޯއެވެ. ނަމަވެސް އޭގެ 7 މިނެޓު ފަހުން ރަފީނިއާ ވަނީ ޗެމްޕިއަނުންނަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
އެއަށްފަހު ދެވަނަ ހާފުގައި ޑެނީ އޮލްމޯ އާއި ފެރަން ޓޮރޭސް ކާމިޔާބުކުރި ގޯލުތަކާއެކު ބާސެލޯނާއިން ވަނީ އެތުލެޓިކޯ ބަލިނުވެ ލީގުގައި ދަމަހައްޓަމުން އައި ރެކޯޑު 13 މެޗަށްފަހު ނިމުމަކަށް ގެނަސްފައެވެ.
ބާސެލޯނާއިން ލީޑު ނެގި ގޯލު އޮލްމޯ ކާމިޔާބުކުރި 65ވަނަ މިނެޓުގައެވެ. އަދި ފެރަން ލީޑު ފުޅާކޮށްދިނީ އިތުރު ވަގުތުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއަށް ލީޑު ނެގުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް އެ ޓީމަށް ލިބުނު ޕެނަލްޓީ ރޮބާޓް ލެވަންޑޯސްކީ ފޮނުވާލިއިރު، އެ ބޯޅަ ދިޔައީ ގޯލަށް އަމާޒުނުވެ ހުރަސްދަނޑި މަތިންނެވެ.
ލީގުގައި ބާސެލޯނާ ނަގާފައިވާ ލީޑުގެ ފަރަގު ކުޑަ ކުރުމަށް ދެވަނައިގައި އޮތް ރެއާލް މެޑްރިޑް މިރޭ ނިކުންނާނީ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ. އެ މެޗު ރެއާލުން ކާމިޔާބުކޮށްފިނަމަ، ބާސެލޯނާގެ ލީޑު އަނެއްކާ ވެސް ޕޮއިންޓަކަށް ހަނިވާނެއެވެ.
މިހާރު ލީގުގެ ހަތަރުވަނައިގައި އޮތް އެތުލެޓިކޯއާ ދެކޮޅަށް ބާސެލޯނާއިން ހޯދި ކާމިޔާބާއެކު، އެ ޓީމު މިވަނީ އޮކްޓޫބަރު މަހު އެލްކްލެސިކޯ މެޗުން ބަލިވި ފަހުން ޖެހިޖެހިގެން ލީގުގައި 5 މެޗުން މޮޅުވެފައެވެ. އަދި ލީގުގައި ކުޅުމުގެ ފެންވަރު އެއް ހަމައެއްގައި ހިފެހެއްޓެމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ ބާސެލޯނާއަށް، ލީގުގެ ތައްޓަށް ވާދަކުރާ އެތުލެޓިކޯ ބަލިކުރެވުމަކީ އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމެއްކަމަށް ޤަބޫލު ކުރެވެއެވެ.
މި މެޗަށް ބާސެލޯނާއިން ނިކުތީ އެ ޓީމުގެ ޑިފެންޑަރު ރޮނާލްޑް އަރައޫހޯ ނުލައެވެ. އެއީ އޭނާ ތަޙައްމަލު ކުރަމުންދާ ނަފްސާނީ އުނދަގޫތަކެއްގެ ސަބަބުންކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިކަމުގެ ފުރިހަމަ މަޢުލޫމާތު ބާސެލޯނާއިން ވެސް ހާމަކޮށްފައެއް ނުވެއެވެ.