ރިޕޯޓް / ވިޔަފާރި
އެސްއެމްއީ ޑިޖިޓަލް: ޝަރުޢީ ހަމަތަކުގެ މަތިން ޚިދުމަތް ފޯރުކޮށްދޭ މާލީ މުއައްސަސާއަކަށް ބަދަލުވުމަށް އަމާޒު ހިފާފައި
އެސްއެމްއީ ޑިޖިޓަލްއިން މަސައްކަތްކުރަމުން ދަނީ ަރުޢީ ހަމަތަކުގެ މަތިން ޚިދުމަތް ފޯރުކޮށްދޭ ފުރިހަމަ މާލީ މުއައްސަސާއަކަށް ބަދަލުވުމަށް / ފޮޓޯ: އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާ
ފަރުދުން
03 ޑިސެމްބަރު 2025، 09:18
03 ޑިސެމްބަރު 2025، 09:18
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ ވާގިވެރިކަން ހޯދުމަށް ހުރި ގޮންޖެހުންތައް ހުރަސްކޮށްދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު އުފެއްދި "އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން" (އެސްޑީއެފްސީ)ގައި އޮތް ސަރުކާރުގެ ޚިއްޞާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ވިއްކާލުމަށް މިދިޔަ ޖުލައި މަހު ރައްޔިތުންގެ މަޖިލީހުން ނިންމުމާއެކު، އެއީ ބީއެމްލްގެ ސަބްސިޑަރީ ކުންފުންޏެއް ގޮތުގައި ހިންގާ އިދާރާއަކަށް ބަދަލުކުރިއެވެ. އަދި އޭގެ ފަހުން އެ ކުންފުނީގެ ނަން "އެސްއެމްއީ ޑިޖިޓަލް ޕްރައިވެޓް ލިމިޓެޑް" ގެ ނަމަށް ބަދަލުކޮށްފައިވާއިރު، މިހާރު އެ ކުންފުނިން އަމާޒު ހިފާފައި ވަނީ ކުންފުނީގެ ހިންގުމުގެ ނިޒާމު އަލުން އެކުލަވާލައި، އިސްލާމިކް ފައިނޭންސް އާއި ޒަމާނީ ޑިޖިޓަލް މަންސަތައް އެއްކޮށްލައި، ޝަރުޢީ ހަމަތަކުގެ މަތިން ޚިދުމަތް ފޯރުކޮށްދޭ ފުރިހަމަ މާލީ މުއައްސަސާއަކަށް ބަދަލުވުމަށްކަމަށް، އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މިފަދަ ބަދަލެއް އެ ކުންފުންޏަށް ގެނައުމަށް މަސައްކަތްކުރަމުންދާ ސަބަބުތަކަށް އަލިއަޅުވާލަމުން އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނީ، މިއީ އިސްލާމިކް ފައިނޭންސް އާއި ޒަމާނީ ޑިޖިޓަލް ވަސީލަތްތައް އެއްކޮށްލައިގެން ގެނެވޭ އިސްތިރާޖީ ބަދަލެއް ކަމަށެވެ. އެގޮތުން އެމްއެމްއޭއިން ދޫކުރާ ފައިނޭންސިންގ ބިޒްނަސް ލައިސަންސާއެކު، އެސްއެމްއީ ޑިޖިޓަލް ދެމިއޮންނާނީ ރަސްމީ ބޭންކިންގ ނިޒާމަށް ވާސިލުވާން އުނދަގޫ، އެންމެ ކުދި ވިޔަފާރިތަކާއި، އަންހެނުންނާއި، ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހިންގާ ވިޔަފާރިތަކަށް ޚިދުމަތް ދިނުމުގެ ތެރެއިން އިޤުތިޞާދުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައިކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
އެ ކުންފުނިން ފާއިތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ވަނީ ވޯކިން ކެޕިޓަލް ފައިނޭންސިން، ބިޒްނަސް އެސެޓް ފައިނޭންސިން، އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަ ފައިނޭންސިންގެ އިތުރުން، ރަށު ފަތުރުވެރިކަން ކުރިއެރުވުމަށާއި، ކްރިއޭޓިވް އިކޮނޮމީ ހަރުދަނާ ކުރުމަށް ފައިނޭންސިން ތަޢާރަފްކޮށްފައެވެ. އެއާއެކު ކުންފުނީގެ މިހާރުގެ އަމާޒަކީ، ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަށް ޝާމިލުވާހެން، މާލީ ހައްލުތައް ފޯރުކޮށްދިނުމަށް އިސްލާމީ އުސޫލުތަކުގެ ތެރެއިން ތަފާތު އެކި ފައިނޭންސިންގ ޕްރޮޑަކްޓްތައް ތަޢާރަފްކުރުންކަމަށް ހާމަކުރެއެވެ.
އެގޮތުން، އެ ކުންފުނީގެ ޕޯޓުފޯލިއޯއަށް ގެނެވުނު މި މުހިންމު ބަދަލާއެކު، ހުރިހާ ދާއިރާއަކުން ހިންގަމުންދާ ވިޔަފާރިތަކަށް އިސްލާމީ ޝަރީޢަތާ އެއްގޮތް ފައިނޭންސިން ޙައްލެއް ލިބިގެންދާނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ހާމަކުރެއެވެ.
އެ ކުންފުންޏަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ މި ބަދަލުތައް 2026ވަނަ އަހަރު ފުރިހަމަ ކުރުމަށް ނިންމާފައިވާއިރު، ކުންފުނީގެ ހުރިހާ ޚިދުމަތްތަކެއް ކުރިއަށް އޮތް ތަނުގައި ފޯރުކޮށްދޭނީ އިސްލާމީ ޝަރީޢާގެ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށްކަމަށް ވެސް އެސްއެމްއީ ޑިޖިޓަލްއިން ހާމަކުރެއެވެ. އަދި މި ބަދަލު އެ ކުންފުނިން ސިފަކުރަނީ، މިއީ ރާއްޖޭގެ ވިޔަފާރިތަކަށް އިތުބާރު ހުރި އަދި ދީނީ ގޮތުން ޙުއްދަ މާލީ ޙައްލުތަކެއް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ.
އެ ކުންފުނިން ވަނީ ފާއިތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށް ތަފާތު އެކި ފައިނޭންސިން ސްކީމްތަކާއެކު އިޤްތިސާދުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ވިޔަފާރިތަކަކަށް ފައިނޭންސިން ފޯރުކޮށްދީ އެ ވިޔަފާރިތައް ކުރިއެރުވުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަކޮށް ހިމެނޭ 100 މިލިއަން ރުފިޔާގެ ސްޓާޓަޕް ލޯނު ސްކީމްގެ ދަށުން 83 ފަރާތަކަށް އެޕްރޫވްކޮށްފައިވާ 21.17 މިލިއަން ރުފިޔާއާއި ފަރުމަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި 68 ފަރާތަކަށް އެޕްރޫވްކޮށްފައިވާ 34.52 މިލިއަން ރުފިޔާގެ އެހީތެރިކަން ވެސް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި، ލޮނުފެނުން މަސް ފިނިކުރާ ނިޒާމު މަސްދޯނިތަކުގައި ގާއިމުކުރުމަށް 35 ފަރާތަކަށް 44.99 މިލިއަން ރުފިޔާގެ ފައިނޭންސިންގ ވަނީ އެޕްރޫވްކޮށްފައެވެ.
މި ސްކީމްތަކަކީ ސަރުކާރުގެ އިސްނެގުމުގެ ދަށުން، ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާ ގުޅިގެން ތަޢާރަފްކޮށްފައިވާ ސްކީމްތަކެއްކަމަށް ހާމަކޮށް އެ ކުންފުނިން ބުނީ، މި ސްކީމްތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން ދިމާވެފައިވާ ގިނަ ދަތިތަކަށް ހައްލެއް ލިބިގެން ދިޔަކަމަށެވެ. އަދި އެއީ އެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބާރު އެޅިގެން ދިޔަ ކަމެއްކަމަށް ވެސް ހާމަކުރެއެވެ.
މީގެއިތުރުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެ ކުންފުނިން ދަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ޑިޖިޓަލް އީޖާދީ ހައްލުތަކާއި، އިސްލާމިކް ފައިނޭންސްގެ އުސޫލުތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ލިބިދެވޭނެ މާހައުލެއް ޤާއިމުކުރަމަށް މަސައްކަތްކުރަމުންނެވެ.
އަދި މި ބަދަލުތަކާއެކު އެ ކުންފުނިން މިސްރާބު ހިފާފައި ވަނީ އުފެއްދުންތެރި ޑިޖިޓަލް އީޖާދު ތަކުގެ އެހީގައި، ކުދިވިޔަފާރިތައް ބާރުވެރިކުރުވަމަށް، ޝަރުޢީ އިމުގެތެރެއިން، ގުޅި ލާމެހިފައިވާ މާލީ ހައްލުތައް ފޯރުކޮށްދިނުމުގައި ދިވެހިރާއްޖޭގެ އެންމެ އިސް އަދި މަޤުބޫލު ކުންފުނި ކަމުގައި އެސްއެމްއީ ޑިޖިޓަލް ހެދުންކަމަށް ވަނީ ހާމަކޮށްފައެވެ.
އެ ކުންފުނިން އަންނަނީ ފަށައިގަންނަ ކުދި ފަންތީގެ ވިޔަފާރިތަކަށް ވެސް ކުރިއަރައި ދިއުމަށް ބޭނުންވާ ވަސީލަތްތަކާއި ފުރުސަތުތައް ވެސް ފަހިކޮށްދެމުންނެވެ. އަދި މި ހުރިހާ ބަދަލަކާއެކު ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމުގެ އާ ދައުރަކަށް ވަނުމަށް އެ ކުންފުނިން ތައްޔާރުވެފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.