ދުނިޔެ

ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޙާލު ރަނގަޅު، ނަމަވެސް ހުންނެވީ އެކަހެރިކަމުގެ ތެރޭގައި: ކޮއްކޮ

ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޙާލު ރަނގަޅު، ނަމަވެސް ހުންނެވީ އެކަހެރިކަމުގެ ތެރޭގައި: ކޮއްކޮ

ޢިމްރާން ޚާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޑިސެމްބަރު 2025، 10:01

03 ޑިސެމްބަރު 2025، 10:01

ހުލާސާ


ޕާކިސްތާނުގެ ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޙާލު ރަނގަޅު ކަމަށާޢި ނަމަވެސް ޢިމްރާން ޖަލުގެ އެހެން ގައިދީންނާއި ވަކިކޮށް އެކަހެރިކޮށް ބަހައްޓާކަމަށް ޢިމްރާންގެ އަންހެން ކޮއްކޮ ވިދާޅުވެއްޖެއެވެ.

މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޢިމްރާންގެ ކޮއްކޮ އުޒްމާ ޚާނޫމް ވިދާޅުވީ ގިނަ ވަގުތު ގިނިކަންޏާ ހުންނަވަން ޖެހިވަޑައިގަތުމުން އެކަމުގެ އަސަރު އެމަނިކުފާނަށް ކޮށްފައިވާކަމަށެވެ. އޭނާއާ ބައްދަލުކުރުމުގެ ހުއްދަ ލިބުނު ފުރަތަމަ އާއިލީ މެންބަރަކީ ވެސް ކޮއްކޮ އުޒްމާ ޚާނޫމްއެވެ.

އުޒްމާ ޚާނޫމް މި މަޢުލޫމާތު ހާމަކުރެއްވީ އަންގާރަ ދުވަހު ރާވަލްޕިންޑީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. އެއީ ޢިމްރާން ޚާން ބަންދުކޮށްފައި ހުންނެވި ސިޓީ އެވެ. ޚާނޫމް ވިދާޅުވީ، "އޭނާގެ ހާލުކޮޅު ރަނގަޅު. އެކަމަކު އޭނާ ގިނަ ވަގުތު ހުންނަން ޖެހެނީ އެތެރޭގައި، އަދި ބޭރަށް ނިކުމެވޭނީ ކުޑަ ވަގުތުކޮޅަކަށް. އެއްވެސް މީހަކާ ގުޅުމެއް ނެތް،" ކަމަށެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެކަހެރިކޮށްފައިހުރުމުގެ ސަބަބުން ލިބޭ "ނަފްސާނީ އަނިޔާ" އަކީ "ޖިސްމާނީ އަނިޔާއަށް ވުރެ ވެސް ގޯސް" ކަމެކެވެ. އެ ދެބެންގެ މެދުގައި ބޭއްވުނު ކުރު ބައްދަލުވުން ވެސް ކުރިއަށްދިޔައީ ވަރުގަދަ ސެކިޔުރިޓީ އާއި އެކުކަމަށާއި އެ ވަގުތު މޯބައިލް ޑިވައިސް ބޭނުންކުރުމުގެ ހުއްދަ ނުދޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޢިމްރާން ޚާންގެ ޕާކިސްތާން ތެހްރީކް-އިންސާފް (ޕީޓީއައި) ޕާޓީގެ ސަޕޯޓަރުން ވަނީ އަންގާރަ ދުވަހު ހެނދުނާ ވެސް އަދިޔާލާ ޖަލުގެ ބޭރުގައި އެއްވެ، އޭނާގެ ޙާލުކޮޅު އެނގޭނެ ގޮތެއް ވޭތޯ މަޑުކޮށްފަ އެވެ. ޚާނޫމްގެ މި ބައްދަލުވުމުގެ ކުރިން، ޕީޓީއައި އާއި ޢިމްރާންގެ އާއިލާއިން ވަނީ ގާތްގަނޑަކަށް އެއް މަސް ދުވަސް ވަންދެން އޭނާގެ އެއްވެސް އާއިލީ މެންބަރަކަށް ނުވަތަ ގާތް މީހަކަށް ބައްދަލުކުރުމުގެ ހުއްދަ ނުދީ ހުރުމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޢިމްރާންގެ ޢާއިލާގެ މީހަކު ބުނެފައިވަނީ ސަރުކާރުން ޢިމްރާނާއި ގުޅުންހުރި ކަމެއް ސިއްރުކުރަމުންދާ ކަމަށާއި އެއީ ކޮންކަމެއް ކަން އެނގިފައިނުވާތީ ބިރު ހީވާ ކަމަށް ވެސް ބުނެފައިވެއެވެ.

އަންގާރަ ދުވަހު، ކުރީގެ ލީޑަރުގެ ތަރުޖަމާނު ޒުލްފިކާރު ބުޚާރީ ވަނީ ޢިމްރާން ޚާންގެ އާއިލާ މެންބަރުންނާއި ޤާނޫނީ ޓީމަށް ޤަވާއިދުން ބައްދަލުކުރުމުގެ ހުއްދަ ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފަ އެވެ. އޭނާގެ އާއިލާއިން ބޭނުންވަނީ އޭނާގެ އަމިއްލަ ޑޮކްޓަރުން އޭނާގެ ޙާލުކޮޅު ބަލައިދިނުމަށެވެ. މިކަން މިހާރު ވަނީ އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ނުވެ އެވެ.

ޕާކިސްތާނުގެ މިނިވަން ހައްޤުތައް ބަލާ މުއައްސަސާ ކަމަށްވާ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ޢިމްރާން ޚާން ބަންދުކޮށްފައި ހުންނެވި ހާލަތާ މެދު "ބޮޑަށް ކަންބޮޑުވާ" ކަމަށް ބުނެފަ އެވެ. ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުނަނީ ޢިމްރާން ޚާނަށް އެއްވެސް އަނިޔާއެއް ނުދޭ ކަމަށެވެ. އަދި ދާޚިލީ ކަންކަމާ ބެހޭ ވަޒީރު ތަލާލް ޗޯދްރީ ވިދާޅުވީ ޖަލު ބައްދަލުވުންތަކަކީ ސަރުކާރުގެ ޒިންމާއެއް ނޫން ކަމަށާއި އެއީ ޖަލުގެ އޮފިޝަލުންގެ ޒިންމާއެއް ކަމަށެވެ.

ކުރީގެ ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ ޢުމުރުން 73 އަހަރުގެ ޢިމްރާން ޚާން، 2018 އިން 2022 ވަނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރެއްވި އެވެ. އޭނާ ބޮޑުވަޒީރުކަމުން ވަކިކުރެވުނީ އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ. އޭނާ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޖަލުގައި ހުންނެވިއިރު، ކޮރަޕްޝަނާއި ދައުލަތުގެ ސިއްރުތައް ހާމަކުރުން ފަދަ އެތައް ދައުވާއަކަށް ވަނީ ކުށް ސާބިތުވެފަ އެވެ. ނަމަވެސް ބައެއް ދައުވާތަކުން އޭނާ މިހާރު ވަނީ ބަރީޢަވެފަ އެވެ.

ޢިމްރާން ޚާން ދެކެވަޑައިގަންނަވާ ގޮތުގައި އޭނާއާ ދެކޮޅަށް އުފުލާފައިވާ ދަޢުވާތަކަކީ ސިޔާސީ ބޭނުމަކަށް އުފުލައިފައިވާ ދައުވާތަކެއް ކަމަށެވެ.

ޢިމްރާން ޚާން އަކީ އަދިވެސް ޕާކިސްތާނުގެ ގިނަ ބަޔަކު ތާއީދު ކުރާ ލީޑަރެކެވެ. އޭނާގެ ޕާޓީން ވަނީ 2024 ވަނަ އަހަރުގެ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯދާފަ އެވެ. އެއީ އެންމެ ގާތުން ވާދަކުރި ޕާޓީއަށް ވުރެ 4.5 މިލިއަން ވޯޓު އިތުރަށެވެ. ނަމަވެސް، ވާދަވެރި ޕާޓީތަކުން ވަނީ ކޯލިޝަން ސަރުކާރެއް އެކުލަވާލައި، ޕީޓީއައި އަށް ސަރުކާރުން ފުރުސަތުނުދީ އެކަހެރިކޮށްލައިފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން