Ads by Stelco

ޚަބަރު

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބުދެވޭގޮތަށް ޤާނޫނު އިސްލާހުކުރަން ފާސްކޮށްފި

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބުދެވޭގޮތަށް ޤާނޫނު އިސްލާހުކުރަން ފާސްކޮށްފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް މަސްތުވާތަކެތި ނައްތާލުން ފޮޓޯ: ފުލުހުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ޑިސެމްބަރު 2025، 11:30

03 ޑިސެމްބަރު 2025، 11:30

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ހަރުކަށި އިސްލާޙުތަކެއް ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު ފާސްކޮށްފައިވަނީ 65 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލަކީ ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހުންނާއި، އެތަކެތީގެ ވިޔަފާރިކުރާ މީހުންނާއި، ނުޙައްޤުން މުއްސަނދިވެފައިވާ މީހުންނަށް ހަރުކަށި އަދަބުތައް ކަނޑައެޅުމަކީ މި ބިލުގެ މައިގަނޑު މަގުސަދެކެވެ.

ސަރުކާރުގެ ބިލަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ގެނެސްފައިވާ އިސްލާޙުތަކުގެ ތެރޭގައި، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ވަނީ ހިމަނާފައެވެ. އެގޮތުން، 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސްއާއި، 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިފޯމިންއާއި، އަދި އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި ނަމަ 100 ގްރާމަށްވުރެ އިތުރުނަމަ މަރުގެ އަދަބު ދެވޭނެއެވެ. މީގެ އިތުރުން ރާއްޖެއަށް އެތެރެވާއިރު، މަސްތުވާތަކެތި އެތެރެ ކުރުމުންވެސް މަރުގެ އަދަބު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މަރުގެ އަދަބު ދެވޭނީ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުން ޙުކުމް ކުރުމުންނެވެ. އިއްތިފާޤުން މަރުގެ ޙުކުމް ކަނޑަނާޅުއްވާނަމަ، އެ ހާލަތުގައި އެ މީހަކު އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއާއި 10،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ކޮމިޓީން ހުށަހެޅުއްވި އިތުރު އިސްލާޙުތަކުގެ ތެރޭގައި، މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކޮށްގެން މަރުގެ އަދަބު ނުވަތަ އުމުރު ދުވަހަށް ޖަލު ޙުކުމެއް އިއްވާ މީހަކަށް އަބަދުވެސް މަޢާފުކޮށް ނުވަތަ ލުއިކޮށް ނުދެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ޕެރޯލްގެ ދަށުން ދޫ ނުކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގެ މަގުސަދަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިއާއި ޓްރެފިކް ކުރުން އިތުރަށް ފުޅާވެ، ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީއާއި މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަންކަން ހުއްޓުވުމަށްޓަކައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމެވެ. އަދި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ހަރުދަނާ ގޮތެއްގައި ފަރުވާދީ، ހެޔޮ ގޮތުގައި މުޖުތަމައުއަށް އަނބުރާ ރުޖޫޢަވެވޭނެ ފުރުޞަތު ދިނުމަށް ނިޒާމު އިތުރަށް ހަރުދަނާ ކުރުމަކީވެސް މި ބިލުގެ މަގުސަދެއްކަން ވަނީ ބަޔާންކުރައްވާފައެވެ.

މި އިސްލާޙުގައި، ޤާނޫނުގެ ދަށުން މިހާރު ކޮންޓްރޯލް ކޮށްފައިވާ މަސްތުވާތަކެތީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފު ކުރުމާއި، މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާއި، ޑްރަގް ކޯޓު ހިންގުމުގެ އުސޫލުތަކާއި، ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖަޢާ ކުރުމަށް ވަނީ ހިމަނާފައެވެ.

އަދި މި އިސްލާޙުގައި ޤާނޫނުގެ 161 ވަނަ މާއްދާއަށް ގެނައި އިސްލާޙުގެ ދަށުން، މަސްތުވާތަކެތީގެ ކުށްތަކުގައި ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. ކުށް ކުރުމަށް ބޭނުންކުރި ފައިސާ ނުވަތަ މުދަލާއި، ކުށް ކޮށްގެން ހޯދާ މުދާ ނުވަތަ އެ މުދަލުން ހޯދާ ފައިސާއާއި މުދަލާއި، ކުށް ކޮށްގެން ހޯދަން އުޅޭ ފައިސާ ނުވަތަ މުދަލާއި، ކުށް ކުރުމަށް ބޭނުން ކުރި މުދަލާއި، ކުށް ކޮށްގެން ހޯދާފައިވާ މުދަލަކާ އެކުވެފައިވާ ފައިސާ ނުވަތަ މުދަލާއި، ކުށް ކޮށްގެން ހޯދާ މުދަލުން ސީދާކޮށް ނުވަތަ ނުސީދާކޮށް ލިބޭ މުދާ ދައުލަތަށް ނެގުމަށް ކޯޓުން އަމުރު ކުރަންޖެހޭނެއެވެ. މީގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށެއްގެ ޝަރީޢަތުގައި ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތު ނުވިޔަސް، ވަކި ޝަރުތެއް ފުރިހަމަވާނަމަ، އެ ކުށަކާ ގުޅިފައިވާ ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމަށް ކޯޓުން އަމުރު ކުރަން ވާނެ ކަމަށް ބިލުގައި ވަނީ ބަޔާންކުރައްވާފައެވެ.

ރާއްޖެއަށް ވައިގެ މަގުންނާއި، ކަނޑުމަގުން އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުމަށް ކަސްޓަމްސްގެ އޮފިސަރުންނާއި ފުލުހުންނަށް ލިބޭ ބާރުތައްވެސް މި ބިލުގެ ދަށުން ވަނީ ހަރުކަށި ކޮށްފައެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން