ޚަބަރު
ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް، ރާއްޖޭގެ ތާރީޚުގައި އެކުލަވާލާފައިވާ ފުރަތަމަ ޒަކާތުގެ ޤާނޫނު މަޖިލީހުން ފާސްކޮށްފި
މާލޭގައި ޒަކާތް ދޫކުރުން ފޮޓޯ: ސަމަރީ އެމްވީ
ޒަމާނީ ހަމަތަކާއި އޮނިގަނޑަކާއެކު ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް އެކުލަވާލި ފުރަތަމަ ޒަކާތުގެ ޤާނޫނު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ. މި ޤާނޫނަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ޒަކާތަށް ޚާއްސަކޮށް އެކުލަވާލާފައިވާ ފުރަތަމަ ޤާނޫނެވެ.
މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅުއްވީ، މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ވަޙީދެވެ. ޒަކާތުގެ ބިލު މަޖިލީހުން ފާސްކުރީ، ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ.
މި ޤާނޫނުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި އިސްލާމްދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤުޞަދުތައް ޙާސިލުކުރުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން ދިރިއުޅުމުގެ ހަމަހަމަކަމާއި، އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ އުޞޫލުތައް ކަނޑައެޅުމަކީވެސް ބިލުގެ މުހިންމު މަޤުޞަދެކެވެ.
މި ބިލު ޤާނޫނަކަށްވުމުން ރާއްޖޭގައި ޒަކާތް ނެގުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭ ގޮތުން ޒަކާތާއި ބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ، ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ޒަކާތާއި ގުޅޭގޮތުން އެއިރެއްގައި ހުންނަވާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރެއްގެ މަސްއޫލިއްޔަތުތައް ވަކިވަކިން ކަނޑައެޅިފައިވެއެވެ. ވަޒީރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޒަކާތާއި ގުޅޭ ސިޔާސަތުތައް ޢާންމުކޮށް، އެ ސިޔާސަތުތަކާއި ގުޅޭގޮތުން ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށާއި، ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ޢާންމު އިރުޝާދާއި ލަފާދިނުން ހިމެނެއެވެ.
ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށްޓަކައި، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި "ޒަކާތު ކައުންސިލް"ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށް ބަޔާންކުރެއެވެ. މި ކައުންސިލްގައި ވަޒީރާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްއާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ 2 މެންބަރުން ހިމެނޭ ގޮތުން ޖުމުލަ 9 މެންބަރުން ތިއްބަވާނެއެވެ.
އައު ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއްވެސް އުފެދޭނެއެވެ. މި އިދާރާ ހިނގަމުންދާނީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުންނެވެ. ޒަކާތު ހައުސްގެ ޒިންމާތަކުގެ ތެރޭގައި ޒަކާތް ނެގުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި ގުޅޭ އެންމެހައި އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމާއި، ޒަކާތުގެ ބެހެނިވެރިންގެ ދަފްތަރުތައް އެކުލަވާލައި އަދާހަމަކޮށް ބެލެހެއްޓުން ހިމެނެއެވެ.
މީގެ އިތުރުން އައު ޤާނޫނާއެކު "ޒަކާތާއި ބެހޭ ޝަރުޢީ އެޑްވައިޒަރީ ކޮމިޓީއެއް"ވެސް އުފެދޭނެއެވެ. މި ކޮމިޓީގެ މަޤުޞަދަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާއި ގުޅޭ ކަންކަމުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުޢީ ލަފަޔާއި އިރުޝާދު ދިނުމެވެ.
ޒަކާތުގެ ބިލުގައި ފިޠުރު ޒަކާތާއި، މުދަލު ޒަކާތް ދެއްކުން ލާޒިމުވުމުގެ ޝަރުތުތައް އެ މީހެއްގެ ކިބައިގައި ފުރިހަމަވެއްޖެ ކޮންމެ މީހަކު ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކުރާ ގޮތުގެ މަތިން ޒަކާތް ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޒަކާތުގެ ނިސާބު ކަނޑައަޅަންޖެހޭ ގޮތްތަކާއި، ޒަކާތް ދައްކާ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި، ޒަކާތް ލިބޭ މީހުންނަކީ ކޮބައިކަންވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.