ދުނިޔެ

ސޫދާނުގެ ރެފިއުޖީ ކޭމްޕަކަށް އާރްއެސްއެފް އިން ދިން ހަމަލާ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ތަޙުޤީޤު ކުރުމަށް އެމްނެސްޓީން ގޮވާލައިފި

ސޫދާނުގެ ރެފިއުޖީ ކޭމްޕަކަށް އާރްއެސްއެފް އިން ދިން ހަމަލާ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ތަޙުޤީޤު ކުރުމަށް އެމްނެސްޓީން ގޮވާލައިފި

ސޫދާނުގައި ޙާލުގައި ޖެހިފައި ތިބި މީހުންތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޑިސެމްބަރު 2025، 04:15

03 ޑިސެމްބަރު 2025، 04:15

އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލް އިން ސޫދާނުގެ އުތުރު ދާފޫރު ސްޓޭޓުގައި ހުންނަ ހިޖުރަކޮށްފައިވާ މީހުންގެ ކޭމްޕަކަށް މި އަހަރުގެ ކުރީކޮޅު ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އިން ދިން ހަމަލާއެއް ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ތަޙުޤީޤު ކުރުމަށް ގޮވާލައިފިއެވެ.

އެމްނެސްޓީން ބުދަ ދުވަހު ނެރުނު ރިޕޯޓެއްގައިވަނީ ޒަމްޒަމް ކޭމްޕަށް އާރްއެސްއެފް އިން ބޮޑު ހަމަލާއެއް ދިން އިރު ހިންގާފައިވާ އަނިޔާވެރި ޢަމަލުތަކުގެ ތަފްސީލު ހިމަނާފައެވެ. 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސޫދާނުގެ ޢަސްކަރީ ސަރުކާރާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައިގައި އާރްއެސްއެފް އިން ވަނީ ގިނަ ޢަދަދެއްގެ މީހުން ޤަތުލުކުރުމާއި، ބޮޑެތި ޖިންސީ އަނިޔާތައް ދިނުން ފަދަ ޖަރީމާތައް ހިންގާފައިވާ ކަމަށް ތަކުރާރުކޮށް ތުހުމަތުކުރެވިފައެވެ.

ބަނޑުހައި ހޫނުކަމުގެ ތެރޭގައި އޮތް މި ކޭމްޕަށް ހަމަލާދީފައިވަނީ އާރްއެސްއެފް އިން އުތުރު ދާފޫރުގެ ވެރިރަށް ކަމަށްވާ އެލް-ފާޝިރަށް ވަށާލާފައިވާ ދަނޑިވަޅެއްގައެވެ. މިހާރު އާރްއެސްއެފް އިން ވަނީ އެ ސްޓޭޓްގެ މައްޗަށް މުޅިން ކޮންޓްރޯލް ހޯދައި، އިރުމަތީ ސޫދާނުގެ ހުޅަނގު ކޯޑޮފާން ސަރަހައްދަށް ކުރިއަރަމުން ގޮސްފައެވެ. މިއީ މިލިއަނަކަށް ވުރެ ގިނަ މީހުން ހިޖުރަކޮށްފައިވާ ސަރަހައްދެކެވެ.

އުތުރު ދާފޫރު ސްޓޭޓުގެ އެންމެ ބޮޑު ހިޖުރަކޮށްފައިވާ މީހުންގެ ކޭމްޕު ކަމަށްވާ ޒަމްޒަމް އަށް އޭޕްރީލް 11 އާއި 13 އާ ދެމެދު ދިން ހަމަލާތަކުގައި އާރްއެސްއެފްގެ ހަނގުރާމަވެރިން ވަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ބާރުގަދަ ގޮވާ ތަކެތި ބޭނުންކޮށް، ރެންޑަމްކޮށް ބަޑި ޖަހާފައި ކަމަށް އެމްނެސްޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

 މި ރިޕޯޓުގައި ވަނީ އާންމުންނަށް ދިން ނުރައްކާތެރި ހަމަލާތަކުގެ އެތައް ހާދިސާއެއް ތަފްސީލުކޮށްފައެވެ. ހެކިވެރިން ބުނެފައިވާ ގޮތުގައި، ގެތަކުގައި ފިލައި ތިބި، ނުވަތަ ހަމަލާތަކުން ސަލާމަތްވުމަށް ދުވެފައި ދިޔަ، ނުވަތަ މިސްކިތެއްގައި ހިމާޔަތް ހޯދި 47 އާންމު ރައްޔިތުންނަށް އާރްއެސްއެފްގެ ހަނގުރާމަވެރިން ބަޑި ޖަހާ މަރާލާފައިވާތަން ފެނިފައިވެއެވެ.

"ޒަމްޒަމް ކޭމްޕުގައި ތިބި، ބަނޑުހައިވެފައިވާ ނިކަމެތި އާންމުންނަށް އާރްއެސްއެފް އިން ގަސްތުގައި ދިން ނުރައްކާތެރި ހަމަލާއިން އަނެއްކާވެސް އެމީހުން އިންސާނީ ފުރާނައަށް ދޭ އަހަންމިއްޔަތު ކުޑަކަން ހާމަވެގެންދިޔަ، އާންމުންނަށް ވަނީ އަނިޔާވެރިކަމާއެކު ހަމަލާދީ، މަރާލާފައި. އަދި އެމީހުންގެ ދިރިއުޅުމަށް މުހިންމު ތަކެތި ފޭރިގަނެ، އިންސާފު ހޯދުމުގެ އެއްވެސް މަގެއް ނެތި ދޫކޮށްލާފައި." އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކްރެޓަރީ ޖެނެރަލް އެގްނެސް ކަލަމާޑް ވިދާޅުވިއެވެ. 

އާރްއެސްއެފްގެ ހަނގުރާމަވެރިން ގަސްތުގައި ގެތަކާއި އެހެނިހެން އިމާރާތްތަކުގައި ރޯކޮށްލާފައިވާ މި ހަމަލާގައި، ރޭޕްކުރުމާއި ފޭރުމުގެ ޢަމަލުތައް ވެސް ހިންގާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މި ހަމަލާގެ ސަބަބުން އެންމެ ދެ ދުވަހުގެ ތެރޭގައި 400,000 އެއްހާ މީހުން ކޭމްޕުން ފިލައިގެން ގޮސްފައިވާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

މަންޒަރުދުށްމީހުންނާއި، ސަލާމަތްވި މީހުންނާއި، ގިނަ އަދަދެއްގެ މީހުންގެ އާއިލާގެ މެންބަރުން ވެސް ހިމެނޭ ގޮތަށް 29 މީހުންނާ އިންޓަވިއު ކުރުމަށްފަހު، އަދި ވީޑިއޯތަކާއި ސެޓެލައިޓްގެ ފޮޓޯތަކަށް ބަލާފައި އެކުލަވާލާފައިވާ މި ރިޕޯޓަކީ، ސޫދާނުގައި 30 މަސް ދުވަހުގެ ތެރޭގައި ހިންގާފައިވާ ހަނގުރާމައިގައި އާރްއެސްއެފް އިން ބޮޑެތި ޖަރީމާތައް، އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ މީހުން މެރުމާއި، އަވަސް މަރުގެ ޙުކުމްތައް ތަންފީޒުކުރުމާއި، ރޭޕްކުރުން ހިމެނޭ ކަމަށް ތުހުމަތުކުރާ އެންމެ ފަހުގެ ރިޕޯޓެވެ.

 ޢަސްކަރީ ސަރުކާރުގެ ސުޑާނީޒް އާމްޑް ފޯސަސް (އެސްއޭއެފް) އަށް ވެސް ވަނީ ހަނގުރާމައިގެ އެތައް ޖަރީމާއެއްގެ ތުހުމަތުކުރެވިފައެވެ. ޒަމްޒަމް ކޭމްޕަށް ދިން ހަމަލާގައި ސަލާމަތްވި މީހުން ބުނާ ގޮތުގައި، އާރްއެސްއެފްގެ ހަނގުރާމަވެރިން ވަނީ ރައްޔިތުން ފިލުވުމަށްޓަކައި ބަޑި ޖަހައި، ގަސްތުގައި އަލިފާން ރޯކޮށްލާފައެވެ. އެމްނެސްޓީއަށް އެކަކު ބުނެފައިވަނީ "[އާރްއެސްއެފް] ހަނގުރާމަވެރިން ހަޅޭއްލަވައި، ކޮންމެ ތަނަކަށް ބަޑި ޖަހަމުން ދިޔައީ، އެހެންކަމުން ގިނަ ބަޔަކު މަރުވީ އެގޮތަށް." އަނެކަކު ބުނެފައިވަނީ "ބޮމުގެ ހަމަލާ އަންނަނީ ކޮންތަނަކުންކަން ދެނެގަނެވޭނެ ގޮތެއް ނެތް. ހުރިހާ ތަނަކުން ވެސް އަންނަނީ." އެންޖީއޯއެއްގެ ހިދުމަތްތެރިއެއް ކަމަށްވާ އަންހެނަކު ބުނެފައިވަނީ، ކޭމްޕުގެ މައި މާރުކޭޓާ ކައިރިން ދުއްވާފައި ދިޔަ އާރްއެސްއެފްގެ ހަނގުރާމަވެރިއަކު އޭނާގެ އުޅަނދުން ރެންޑަމްކޮށް ބަޑި ޖެހި ކަމަށެވެ. އެމްނެސްޓީން ބުނެފައިވަނީ، އަސްކަރީ ވަކި އަމާޒަކާ ނުލައި ބަޑި ޖެހުމަކީ އިންޑިސްކްރިމިނޭޓް ހަމަލާއެއްގެ ގޮތުގައި ބެލެވިދާނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން