Ads by Stelco

ޚަބަރު

ޤާނޫނުގެ ކުރިމަތީގައި އެންމެންގެ ހަމަހަމަކަން، ފާއިޒު ވަކިކުރުމުން ހާމަވެގެން ގޮސްފި: ދާޚިލީ ވަޒީރު

ޤާނޫނުގެ ކުރިމަތީގައި އެންމެންގެ ހަމަހަމަކަން، ފާއިޒު ވަކިކުރުމުން ހާމަވެގެން ގޮސްފި: ދާޚިލީ ވަޒީރު

ދާޚިލީ ވަޒީރު ޢަލީ އިޙުސާން.

farudhun logo

ފަރުދުން

03 ޑިސެމްބަރު 2025، 04:18

03 ޑިސެމްބަރު 2025، 04:18

ޤާނޫނާއި ޤަވާޢިދުގެ ކުރިމަތީގައި އެންމެންގެ ހަމަހަމަކަން މިއަދު ހާމަވެގެން ގޮސްފި ކަމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކޮށްފައި ހުރި މީހަކު އެއްވެސް ޝަރުޠަކާ ނުލައި ދޫކޮށްލުމުގެ ސަބަބުން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދު މިއަދު މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ.

ދާޚިލީ ވަޒީރު ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، ކިތަންމެ މަތީ މަޤާމެއްގައި މަސައްކަތްކުރާ މީހަކު ކަމުގައި ވިޔަސް، އަމިއްލަ ޢަމަލުތަކާ މެދު ޒިންމާދާރީކުރުވުމުގައި ތަފާތުކުރުމެއް ނުގެންގުޅުމުގެ އިންޞާފުވެރި އުޞޫލު މިއަދު ފާޅުވެގެން ގޮސްފި ކަމަށެވެ.

ފުލުހުންނާއި، ވަކީލުންނާއި، ފަނޑިޔާރުން ވެސް ހިމެނޭހެން، އެންމެން ޖަވާބުދާރީ ވާން ޖެހޭ [ކަން] އަދި ކުރުވާނެ ކަން މިއަދު އިޙުސާސްވޭ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން

ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައި ހުންނެވި ޙުސައިން ފާއިޒު ރަޝާދު މަޤާމުން ވަކިކުރުމާ މެދު ގޮތެއް ނިންމައިދިނުން އެދި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅީ، މިދިޔަ މަހުގެ 24ވަނަ ދުވަހުގައެވެ. މައްސަލަ ދިރާސާކުރުމަށް ފަހު، އިއްޔެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ، މެންބަރުންގެ ވޯޓެއް ހޯދުމަށް މައްސަލަ ތަޅުމަށް ފޮނުވުމަށެވެ. ވީމާ، މިއަދު މި މައްސަލައާ ގުޅިގެން ނެގި ވޯޓުގައި، 56 މެންބަރުންގެ ތާއީދާ އެކު، ފާއިޒް މަޤާމުން ވަކިކުރީއެވެ.

ދާޚިލީ ވަޒީރު ޢަލީ އިޙުސާން ޙިއްޞާކުރެއްވި ޕޯސްޓުގައި އިތުރަށް ފާހަގަކުރެއްވީ، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ޤާނޫނަށް ގެނައި އިޞްލާޙެވެ. އެ އިޞްލާޙު، މިއަދު އެ ކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގަތް 65 މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފައިވާއިރު، ވަޒީރު އިޙުސާން ވިދާޅުވީ، އެއީ ރާއްޖެއަށް މި ވަޤުތު ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ.

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ނިންމުމަކީ މި ވަޤުތަށް ވަރަށް މުހިންމު ނިންމުމެއް.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން

ވަޒީރުގެ ޕޯސްޓުގައި ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްލކުރުމަށް މުޅި ދައުލަތުން ތެދުވެ، އެއް ރޫޙެއްގައި މަސައްކަތް ކުރަމުން ދާ ތަން މިއަދު ރައްޔިތުންނަށް ފެންނަމުން ދާ ކަމަށެވެ. ވީމާ، ދިވެހި އެންމެހައި ރައްޔިތުންނާއި، އަދި ދިވެހި ފުލުހުންގެ ނަމުގައި، ވަޒީރު އިޙުސާން ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.

Drugs ge vabaain raajje salaamaiyy kurumah miadhu mulhi dhaulathun thedhuve eh roohegga masahkaiyy fashaifikan...

Posted by Ali Ihusaan on Wednesday, December 3, 2025

Ads by MSS

މި ލިޔުން ކިޔާލުމުން