ކުޅިވަރު
އެމްބައްޕޭގެ ދެ ގޯލާއެކު ރެއާލްއިން އެތުލެޓިކް ކްލަބް ބަލިކޮށް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފި
ގޯލު ކާމިޔާބުކުރުމަށްފަހު ކީލިއަން އެމަބއްޕޭ އުފާފާޅުކުރަނީ---
ކީލިއަން އެމްބައްޕޭ ކާމިޔާބުކުރި ދެ ގޯލާއެކު، ރެއާލް މެޑްރިޑުން އެތުލެޓިކް ކްލަބް ބަލިކޮށް، ބާސެލޯނާއާ ދެމެދު އޮތް ފަރަގު އަނެއްކާ ވެސް އެއް ޕޮއިންޓަށް ކުޑަކޮށްފިއެވެ.
ރަށުން ބޭރުގައި ރެއާލްއިން ކުޅުނު މި މެޗުގައި އެމްބައްޕޭ ވަނީ މެޗުގެ 7ވަނަ މިނެޓުގައި އިދިކޮޅު ޓީމުގެ ގޯލު ހުޅުވާފައެވެ. މިއީ ރެއާލްއަށް ބަދަލުވުމަށްފަހު އެ ޓީމުގެ ކަނާތްފަރާތުން ފަހަތަށް ކުޅޭ އެލެކްސެންޑާރ އާރނޯލްޑް، އެ ޓީމުގެ ޖާރޒީގައި ހެދި ފުރަތަމަ އެސިސްޓެވެ. ނަމަވެސް ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެވަނަ ހާފުގެ ކުރީކޮޅު އޭނާ ވަނީ ބަދަލުކޮށްފައެވެ.
މި މެޗުގައި ދެވަނަ ހާފު ނިމުމުގެ ކުރިން ރެއާލްއިން ލީޑު ފުޅާކުރީ ވެސް އާރނޯލްޑް ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅައަކުން ތަނަވަސްވި ފުރުސަތަކުންނެވެ. އާރނޯލްޑްގެ އެ ބޯޅަ ގޯލުގެ ފަހަތުގައި ހުރި އެމްބައްޕޭއަށް ލިބުނު ނަމަވެސް، އެ ބޯޅަ ފަސޭހަކޮށް ގޯލަށް ފޮނުވާލެވޭނެ ތަނެއްގައި ކަމަވިންގާ ހުރުމުން، އެމްބައްޕޭ ވަނީ ބޮލުން އެ ބޯޅަ ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްދީފައެވެ. އަދި ފަސޭހަކަމާއެކު އެ ބޯޅަ ގޯލުގެ ދާގަނޑަށް ފޮނުވާލީ ކަމަވިންގާއެވެ.
ރެއާލްއިން މެޗު ނިންމާލީ މެޗުގެ 55ވަނަ މިނެޓުގައި އެމްބައްޕޭ އެ މެޗުގައި ކާމިޔާބުކުރި ދެވަނަ ގޯލާއެކުއެވެ. ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ދުރުން ގޯލަށް ފޮނުވާލި ހަމަލާ ދިފާއު ކުރުމަށް ގޯލްކީޕަރަށް އުނދަގޫވީ، އެމްބައްޕޭ އާއި އޭނާއާ ދެމެދު އެ ޓީމުގެ ޑިފެންޑަރެއް ހުރުމުންނެވެ. މިއީ މި އަހަރު އެމްބައްޕޭ ކާމިޔާބުކުރި 62ވަނަ ގޯލެވެ. އަދި މި ސީޒަނުގެ 16ވަނަ ލީގު ގޯލުވެސް މެއެވެ.