ކުޅިވަރު
އަނިޔާގައި ހުރި ނޭމާގެ ހެޓްރިކަކާއެކު، ސަންތޯސް ރެލިގޭޝަން ޒޯނުން މައްޗަށް ޖެހިލައިފި
ގޯލު ކާމިޔާބުކުރުމަށްފަހު ނޭމާ އުފާފާޅުކުރަނީ---
ބްރެޒިލް ލީގުގެ ރެލިގޭޝަނުން ސަލާމަތްވުމަށް ސަންތޯސް ކުރަމުންދާ މަސައްކަތުގައި، އަނިޔާގައި ހުރި އެ ޓީމުގެ ތަރި ނޭމާ ހެދި ހެޓްރިކް އެހީވެދީފިއެވެ.
ބުދަ ދުވަހުގެރޭ ކުޅުނު މި މެޗަށް ނިކުތް އިރު ނޭމާ ދިޔައީ އަނިޔާވެފައިވާ އޭނާގެ ކަކުލަށް ވަގުތީ ފަރުވާ ހޯދަމުންނެވެ. ނަމަވެސް މެޗުގެ ހުރިހާ ގޯލެއް ކާމިޔާބުކުރީ އޭނާއެވެ. އެގޮތުން މެޗު ނިމުނީ ރެލިގޭޓުވެފައި އޮތް ޖުވެންޓޫޑުގެ މައްޗަށް 3-0އިން ސަންތޯސް ކުރިހޯދައިގެންނެވެ.
ރިޕޯޓުތައް ބުނާ ގޮތުން، އުމުރުން 33 އަހަރުގެ ނޭމާގެ ކަކުލުގެ މެނިސްކަސްއަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން އޭނާ ޖެހެނީ އޮޕަރޭޝަނެއް ކުރާށެވެ. މިކަމުގައި ނޭމާ ނިންމާފައި ވަނީ ލީގު ނިމެންދެން އޮޕަރޭޝަން ފަސްކުރާށެވެ.
މި މެޗުގައި ނޭމާ ހެދި ހެޓްރިކަކީ 2022ވަނަ އަހަރުގެ އެޕްރީލްއަށް ފަހު އޭނާ ހެދި ފުރަތަމަ ހެޓްރިކެކެވެ. އެ ފަހަރު އެއީ ޕީއެސްޖީގެ ކުޅުންތެރިއެއްގެ ގޮތުގައި ކްލާރމޮންޓާ ދެކޮޅަށް ހެދި ހެޓްރިކެކެވެ.
އެ މެޗުގައި، ބާސެލޯނާގެ ކުރީގެ ތަރި ސަންތޯސްއަށް ލީޑު ނަގައިދިނީ މެޗުގެ 56ވަނަ މިނެޓުގައި، ކައުންޓާރ އެޓޭޓަކުން ލިބުނު ފުރުސަތެއްގައެވެ. އޭގެ ފަހުން 10 މިނެޓު ނުވަނީސް، އޭނާ ވަނީ އިގޯރ ވިނިސިއަސްގެ ހުރަހަކުން އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި ނޭމާ އޭނާގެ ހެޓްރިކް ފުރިހަމަކުރީ، އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.
މި ނަތީޖާއާއެކު ރެލިގޭޝަން ޒޯނާއި ސަންތޯސްއާ ދެމެދު އޮތީ 2 ޕޮއިންޓެވެ. އަދި ލީގުގައި ދެން ބާކީ އެއް މެޗު އޮތްއިރު، އެ މެޗުގައި ސަންތޯސް ނިކުންނާނީ ތިންވަނައިގައި އޮތް ކުރުޒޭރޯއާ ދެކޮޅަށެވެ. ރެލިގޭޝަނުން ޔަގީންކަމާއެކު ސަލާމަތްވުމަށް، އެ ޓީމަށް އެންމެ މަދުވެގެން އެ މެޗުން ޕޮއިންޓެއް ބޭނުންވާނެއެވެ.
މި ފަހުން އަނިޔާގެ ގިނަ މައްސަލަތަކެއްގައި ނޭމާއަށް ކުޅުމުގެ ފުރުސަތު ލިބެނީ މަދުންނެވެ. އެހެންނަމަވެސް އޭނާގެ އުއްމީދަކީ މިއަންނަ އަހަރު އޮންނަ ވޯލްޑް ކަޕަށްދާ ބްރެޒިލްގެ ޓީމުން ޖާގަ ހޯދުމެވެ. ބްރެޒިލްގެ ކޯޗެއްގެ މަޤާމުގައި ހުރި ކާރލޯ އެންޗެލޮޓީ ވެސް ވަނީ އޭގެ ފެހި ސިގްނަލް ދީފައެވެ.