ޚަބަރު
އެފްޑީސީން ތާވަލު އާންމުކޮށްފި ، މިމަހުގެ 2 ވަނަ ހަފްތާގައި 5 ޓަވަރުގެ ތަޅުދަނޑި ހަވާލުކުރަނީ
އެފްޑީސީގެ ފްލެޓްގެ ދަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ތެރެއިން، އުދަރެސްގެ 5 ޓަވަރެއްގެ ތަޅުދަނޑި މިމަހުގެ ދެވަނަ ހަފްތާގައި ހަވާލުކުރުމަށް ތައްޔާރުވަމުންދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވިދާޅުވެއްޖެއެވެ. އެފްޑީސީން ވަނީ ފްލެޓްތައް ދޫކުރުމަށް މިހާރު ތާވަލުކޮށްފަވާ ތާރީޚުތަކާ ގުޅޭ ބައެއް ތަފްސީލްތައް އާއްމުކޮށްފައެވެ.
އެފްޑީސީން ވިދާޅުވީ، ދެން އެންމެ އަވަހަށް ދޫކުރުމަށް ހަމަޖެހިފައިވަނީ، އުދަރެސްގެ 11، 12، 13، 15، 16 ވަނަ ޓަވަރުގެ ތަޅުދަނޑިތައް ކަމަށެވެ. މީގެކުރިން، އަމާން އުދަރެހުގެ 14 ވަނަ ޓަވަރުގެ އެޕާޓްމަންޓްތައް ދޫކުރަން ފަށާފައިވަނީ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
އެފްޑީސީން ހާމަކުރި ތާވަލަށް ބަލާއިރު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ އުދަރެހާއި ދޯދި ޓަވަރުތަކުގެ ތަޅުދަނޑި ހަވާލުކުރުމަށް ލަފާކުރާ ތާރީޚުތައް ތިރީގައި މިވަނީއެވެ:
ޑިސެންބަރު 2 ވަނަ ހަފްތާ: އުދަރެސް ޓަވަރު - 11، 12، 13، 15، 16
ޑިސެންބަރު 5 ވަނަ ހަފްތާ: ދޯދި ޓަވަރު - 1، 2، 3، 4، 12، 13، 14
ޖަނަވަރީ 2 ވަނަ ހަފްތާ: ދޯދި ޓަވަރު - 15، 16
ޖަނަވަރީ 3 ވަނަ ހަފްތާ: އުދަރެސް ޓަވަރު - 5، 6، 8
ޖަނަވަރީ 4 ވަނަ ހަފްތާ: އުދަރެސް ޓަވަރު - 1، 2، 3، 4، 7
ޖަނަވަރީ 5 ވަނަ ހަފްތާ: އުދަރެސް ޓަވަރު - 5، 10
ޖަނަވަރީ 5 ވަނަ ހަފްތާ: ދޯދި ޓަވަރު - 5، 6، 7، 8، 9، 10، 11
އެފްޑީސީން ފާހަގަކުރައްވާފައިވަނީ، މިއީ ޓަވަރުތައް މިހާރު ދޫކުރުމަށް ލަފާކުރާ ތާވަލު ނަމަވެސް، ކޮންމެވެސް ވަރެއްގެ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއްކަމުގައެވެ. ސަރުކާރު އަދި އެފްޑީސީގެ ޢަމާޒަކީވެސް ޖަނަވަރީ މަހުގެ ނިޔަލަށް ހުރިހާ ފްލެޓްތަކެއް ހަވާލުކުރުމެވެ.
މި ފްލެޓްތަކުގައި މިހާރު ވަނީ އިމާރާތުގެ ހުރިހާ މަސައްކަތްތައް ނިމިފައެވެ. ގިނަ ޓަވަރުތަކުގައި ކުރިއަށްދަނީ ޔުޓިލިޓީ ޚިދުމަތްތަކާ ގުޅޭ، ޓެސްޓްތައް ކުރުމުގެ މަސައްކަތްތަކެވެ. ފްލެޓްތައް ދޫކުރަނީ ފިނިޝިން ހުރިހާ މަސައްކަތްތަކެއް ނިންމާފައެވެ.
ފްލެޓް ލިބޭ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން، ޤަވާޢިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދޭން ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ޤަވާޢިދުން ކުލި ދައްކާނަމަ، 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި 7000 ރުފިޔާއަށް ކުޑަކޮށްދިނުމަށް ވަނީ ނިންމަވާފައެވެ. މިގޮތަށް ކުލި ކުޑަކުރުމުގެ ސަބަބުން، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ގިނަ ރައްޔިތުންނަށް ދިރިއުޅުމުގެ ޚަރަދުގައި ބޮޑު ލުޔެއް ލިބިގެންދާނެއެވެ.