ޚަބަރު
ތ. ތިމަރަފުށީގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
ޕާސްޕޯޓު ދޫކުރުން/ފޮޓޯ: އިމިގްރޭޝަން
ތ. ތިމަރަފުށީގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ތ. ތިމަރަފުށީގައި މިމަހުގެ 1 ވަނަ ދުވަހުގެ ރޭ ވަނީ ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފައި ކަމަށެވެ. އެގޮތުން، ވިލުފުށި، ވޭމަންޑޫ، އަދި ގުރައިދޫ ހިމެނޭހެން ތ. އަތޮޅުގެ 4 ރަށަކުން މިހާރު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތު ދެއްވައެވެ.
މުޅި ރާއްޖޭގައި ޕާސްޕޯޓުގެ ޚިދުމަތް ޤާއިމުކުރުމުގެ އިތުރުން ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެ ގޮތުން މެލޭޝިއާ، ސްރީލަންކާ އަދި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. އެމަނިކުފާނުގެ މިސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.
ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފުއްދަވާފައެވެ.