Ads by Stelco

ޚަބަރު

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ތާރުއެޅުމުގެ މަސައްކަތް ފަށައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ތާރުއެޅުމުގެ މަސައްކަތް ފަށައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޑިސެމްބަރު 2025، 03:46

04 ޑިސެމްބަރު 2025، 03:46

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ސެގްމަންޓް 1 ގައި ތާރުއެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީ (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ) އިންނެވެ.

މި މަޝްރޫޢަކީ މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ދުއްވާ ފަރާތްތަކަށާއި ހިނގާ ފަރާތްތަކަށް ލުއިފަސޭހަ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރަނީ މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ހުޅުމާލެ ފެރީ ޓަރމިނަލްއާ ހަމައަށެވެ. މި ފިޔަވަހި ކުރިއަށްގެންދަނީ 5 ސެގްމަންޓަކަށް ބަހާލައިގެންނެވެ.

އެމްޓީސީސީން ވިދާޅުވީ، މިހާރު ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ ސެގްމަންޓް 1 ގައި ކަމަށެވެ. ސެގްމަންޓް 1 ގެ މަސައްކަތް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށް ކުރިއަށްދާނެއެވެ. މިއީ 130 މީޓަރުގެ ސަރަޙައްދެކެވެ. މަގު ތަރައްޤީކުރުމަށްޓަކައި، އެ ސަރަޙައްދުގެ އެއްގަމު ތޮށި ވަނީ މަގު ފުޅާކުރުމަށްޓަކައި 6 މީޓަރު ބޭރަށް ޖައްސައިގެން ތަރައްޤީކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން މަގު ތަރައްޤީކުރަނީ ޒަމާނީ ފެން ހިންދާ ނިޒާމަކާއެކުއެވެ. މުޅި މި މަޝްރޫޢުގެ 5 ސެގްމަންޓްގައި ޖުމްލަ 830 މީޓަރުގެ މަގު ތަރައްޤީކުރެއެވެ. މަސައްކަތްތައް އަވަސްކުރުމަށްޓަކައި އެމްޓީސީސީން 24 ގަޑިއިރު އަންނަނީ މަސައްކަތް ކުރަމުންނެވެ. 4 ލޭނަކަށް ތަރައްޤީކުރާ މިމަގުގެ މަސައްކަތް ނިމޭއިރު، ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ހިނގާ މީހުންނަށް ޚާއްސަ ލޭނެއްވެސް މަގުގައި ހިމެނޭނެއެވެ.

ބޮޑު ތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144.5 މިލިޔަން ރުފިޔާއަށެވެ. މި މަސައްކަތް އެއް އަހަރާއި ތިން މަސްތެރޭގައި ނިންމާގޮތަށް ވަނީ ހަވާލުކޮށްފައެވެ.

މިމަސައްކަތް ފުރަތަމަ ފިޔަވަހީގެ ތާރުއެޅުމުގެ މަސައްކަތް ފަށާފައިވާއިރު، އެމްޓީސީސީން މިހާރު އަންނަނީ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށްވެސް ތައްޔާރުވަމުންނެވެ. އެގޮތުން، ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދު ތަރައްޤީކުރުމަށްޓަކައި އާންމުގެ ޚިޔާލު ހޯދާ އީއައިއޭ (އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމެންޓް) ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން