ޚަބަރު
ހުޅުމާލޭ ހޮސްޕިޓަލުގައި އަންނައަހަރު އެޑްމިޓްކޮށްގެން ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ޚިދުމަތް ފަށަނީ
ހުޅުމާލޭ ހޮސްޕިޓަލް ފޮޓޯ: ސަން އޮންލައިން
މާލެ ސަރަޙައްދުގެ ޞިއްޙީ ޚިދުމަތްތައް އަންނަ އަހަރު އިތުރު ހަރުފަތަކަށް ޖެހި، ހުޅުމާލޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ޚިދުމަތް ފެށޭނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ޕީއެސްއެމް ނިއުސްގެ "ހަފްތާ 104" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވި ގޮތުގައި، އަންނަ އަހަރު މާލެ ސަރަޙައްދުގެ ޞިއްޙީ ޚިދުމަތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު އިންސައްތައެއް ކަނޑައަޅާފައިވާ އެއް ދާއިރާއަކީ ޞިއްޙީ ދާއިރާއެވެ. މި ދާއިރާއަށް 8 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު، ޢުމްރާނީގޮތުން ވަޞީލަތްތައް ހޯދުމަށް މި ބަޖެޓުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް އަންނަ އަހަރަށް ޕްލޭންކޮށްފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ. އެގޮތުން އިތުރު އެނދުތައް ޤާއިމުކުރުމާއި، ބައެއް އިތުރު ޚިދުމަތްތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް ފާހަގަކުރެއްވިއެވެ. މީގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ މެންޓަލް ހެލްތުގެ ދާއިރާ ފުޅާކުރުމެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައިވެސް އިތުރު އެނދު އިތުރުކުރެވިގެންދާނެ. އެގޮތުން 28 އެނދު އިތުރުކުރުމަށް މިދަނީ މަސައްކަތް ކުރަމުން. އީއީޖީގެ ޚިދުމަތް އަދި ޔޫރޮލޮޖީގެ ޚިދުމަތް ފަށަން މިދަނީ ތައްޔާރުވަމުން. މެންޓަލް ހެލްތުގެ މިހާރު ހަމައެކަނި އައުޓް ޕޭޝަންޓް ޚިދުމަތް މިދެނީ. އިންޕޭޝަންޓް ވޯޑަކާއެކު އެދާއިރާ ފުޅާކުރުމަށްދަނީ މަސައްކަތް ކުރަމުން.
ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް
މީގެ އިތުރުން ވިލިމާލޭ ހޮސްޕިޓަލް ތަރައްޤީކުރުމަށްޓަކައި ވަގުތީގޮތުން ހޮސްޕިޓަލްގެ ޚިދުމަތް ހުޅުމާލޭ ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. އަދި އެސެޓަޕްގައިވެސް އިތުރު ޚިދުމަތްތައް ފެށުމަށް ހަމަޖެހިފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި 10 ބުރީގެ އިތުރު ޢިމާރާތެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މާލެ ސަރަޙައްދުގައި ދެވޭ ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އިތުރު ޖެނެރަލް ވޯޑުތައް ޤާއިމުކުރުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށާފައެވެ.
އަންނަ އަހަރު ޞިއްޙީ ދާއިރާއިން މާލެ ސަރަޙައްދުގައި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާއިރު، އަތޮޅުތަކުގެ ރަށްރަށުގެ ރީޖަނަލް ހޮސްޕިޓަލްތަކާއި އަރބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްޤީކުރާ ސަރަޙައްދުތަކުގައި ހުންނަ ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ޢުމްރާނީގޮތުން ގިނަ މަޝްރޫޢުތަކެއް މިހާރުވެސްވަނީ ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައެވެ. މީގެ އިތުރުން ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށްޓަކައި އިތުރު ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މިގޮތުން އަންނަ އަހަރު ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކަށް ފުޅާ ކުރިއެރުންތަކެއް އަންނާނެކަމަށް ބެލެވެއެވެ.