ޚަބަރު
ސްރީލަންކާގެ ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ލަންކާގައި އުޅޭ ދިވެހީންގެ ޑޮނޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
ލަންކާގައި މިވަގުތު ކުރިއަށްދާ ޑޮނޭޝަން ޕްރޮގްރާމްގެ ތެރެއިން ފޮޓޯ: ހައިކޮމިޝަން
ސްރީލަންކާގައި ތޫފާން ދިތްވާގެ ސަބަބުން މިފަހުން ކުރި ވިއްސާރައާއި ގުޅިގެން ކުރިމަތިވި މޫސުމީ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް، ލަންކާގައި ދިރިއުޅޭ ދިވެހިން ގުޅިގެން ޚާއްޞަ ޑޮނޭޝަން ޕްރޮގްރާމެއްވަނީ ކުރިއަށް ގެންގޮސްފައެވެ. ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ މި ހަރަކާތް ފަށާފައިވަނީ ޑިސެމްބަރު 2 ގައެވެ.
ފަރުދުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ހައިކޮމިޝަންގެ ފަރާތުން ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ކޮލޮމްބޯގައި ހުންނަ ސޯސަން ވިލާގައެވެ. މިއަދު ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 8:00 އަށް މި ހަރަކާތް ކުރިއަށްދާނެއެވެ. މި ޑޮނޭޝަން ހަރަކާތަށް، ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށް ހައިކޮމިޝަނުން މަޢުލޫމާތުދެއެވެ. އެގޮތުން، ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ހުރިހާ ސާމާނެއް ކަހަލަ ގޮތަށް އެކި ފަރާތްތަކުން ވަނީ ހަދިޔާކޮށްފައެވެ.

ލިބުނު އެހީތަކުގެ ތެރެއިން އެންމެ ގިނައީ ހެދުން، ކާޑުގެ ބާވަތްތައް، ބޭސް، ފެން އަދި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ތަފާތު އެކި ތަކެއްޗެވެ. ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ކަމަކީ، ހަދިޔާކޮށްފައިވާ ތަކެތީގެ ތެރެއިން ގިނައީ ހަމަ އައު ތަކެތިކަމާއި، އަންނައުނުގެ ތެރޭގައި ގިނައީ ލޭބަލް ލައިފައި ހުރި އަންނައުނުކަމެވެ.
ލިބުނު އެހީގެ ތަކެތި ސޯސަން ވިލާގައި ޕެކް ކުރުމަށްފަހު، ލަންކާ ސަރުކާރުގެ މުނިސިޕަލް ސަރވިސްއާ ހަވާލުކުރެވޭނެއެވެ. މިކަންކަން ކުރިއަށް ގެންދިއުމުގައި ދެފުށްފެންނަ ގޮތަކަށް މަސައްކަތް ކުރުމަށްޓަކައި، ކޮންމެ ފަރާތަކުން ހަދިޔާކުރި ތަކެތި ލިސްޓުކޮށް، އެތަކެތީގެ އަދަދާއި ހުރިހާ މައުލޫމާތެއް ވަނީ ހއިކޮމިޝަނުން ނޯޓްކޮށް އިންވެންޓަރީ ބަލަހައްޓާފައެވެ. ހައިކޮމިޝަންގެ އުންމީދަކީ މި އެހީގެ ތަކެތި ވީހާވެސް ގިނަ މީހުންނަށް ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން، ލަންކާގައި މިކާރިސާގެ ސަބަބުން ހާލުގައި ޖެހުނު ދިވެހި ތިން އާއިލާއަކަށްވެސް ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެތެރެއިން ބަލިކުއްޖެއް ގޮވައިގެން މާލެބޭ ސަރަހައްދުގައި ދިރިއުޅޭ އާއިލާއަކުން ހޮޓްލައިންއަށް ގުޅުމުން، އެހީތެރިކަން ފޯރުކޮށްދިނުމަށް އެތަނަށް ދިޔައިރު، އެގެއަށް ފެން ވަދެ 3 ފޫޓަށް އަރާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. ވަގުތުކޮޅެއްގެ ތެރޭގައި ފެންގަނޑު 5 ފޫޓަށް އަރާފައިވާއިރު، 2 ފަންގިފިލާގެ އެގޭގެ ތިރީ ފްލޯއަށް ފެންވަދެ، ދެވަނަ ފްލޯއާ ހަމައަށް ފެން އެރިކަމަށް މައުލޫމާތު ލިބެއެވެ.
މި އާއިލާ ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅެނިކޮށް އިތުރު ދެ އާއިލާއަކުންވެސް ހާލުގައި ޖެހި އެހީއަށް އެދި ހައިކޮމިޝަނާ ގުޅާފައިވެއެވެ. ފެންބޮޑުވެފައިވާ ސަރަހައްދުތަކުން މީހުން ސަލާމަތްކުރަން ޖެހުނީ ޑިންގީއެއްގެ އެހީގައެވެ. މީގެ އިތުރުން، ކޯރުގެ ގިނަ ތަންތަނަށް ފެންއެރިފައިވާތީ، ކިނބުލާ އާއި ހަރުފަ ފަދަ ނުރައްކާތެރި ސޫފިވެސް އެސަރަހައްދުގައި އުޅޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ދިވެހިންގެ އެކުވެރިކަމާއި އޯގާތެރިކަން ދައްކުވައިދިން މި ޕްރޮގްރާމަކީ ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ހައިކޮމިޝަން ގުޅިގެން ކާރިސާގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރި މުހިންމު މަސައްކަތެކެވެ. ރާއްޖޭގެ މީޑިއާތައް ގުޅިގެން ޓެލެތޯނެއް ކުރިއަށް ގެންދިޔައިރު، ސަރުކާރުން ވަނީ ލަންކާއަށް އެހީވުމަށް 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ފޯރުކޮށްދީފައެވެ. މިހާތަަނަށް ދިވެހިން ލަންކާއަށް ދޭން އެއްކުރި އެހީތެރިކަމުގެ އަދަދު 2.4 މިލިޔަން ޑޮލަރަށްވުރެެ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ވިދާޅުވެފައެވެ.