Ads by Stelco

ޚަބަރު

"މަގޭ ސޯލާ" ޕްރޮގްރާމުގެ ދަށުން މިހާތަނަށް 783 ކިލޯވޮޓުގެ ސޯލާ ނިޒާމު ގޭބިސީތަކުގައި ހަރުކޮށްފި

"މަގޭ ސޯލާ" ޕްރޮގްރާމުގެ ދަށުން މިހާތަނަށް 783 ކިލޯވޮޓުގެ ސޯލާ ނިޒާމު ގޭބިސީތަކުގައި ހަރުކޮށްފި

ގެެއެއްގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްފައި ފޮޓޯ: އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ޑިސެމްބަރު 2025، 11:06

06 ޑިސެމްބަރު 2025، 11:06

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ ގޭބިސީތަކުގައި އިރުގެ އަލިން ކަރަންޓު އުފައްދާ ސޯލާ ޕީވީ ނިޒާމުތައް ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިންގާ "މަގޭ ސޯލާ" ޕްރޮގްރާމުގެ ދަށުން، މިހާރު ޖުމްލަ 783 ކިލޯވޮޓުގެ ސޯލާ ޕީވީ ނިޒާމު ގޭބިސީތަކުގައި ހަރުކޮށްފައިވާ ކަމަށެވެ. މި ޕްރޮގްރާމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

"މަގޭ ސޯލާ" ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ އާންމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމާއި، ތެލުން އުފައްދާ ހަކަތަ ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުމެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި ލިބެންހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުން އިތުރުކޮށް، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް މި ޕްރޮގްރާމަކީ އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ޕްރޮގްރާމުގެ ދަށުން އެންމެ ފުރަތަމަ ސޯލާ ސިސްޓަމް ހަރުކޮށްފައިވަނީ ހއ. ފިއްލަދޫގައެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު 783 ކިލޯވޮޓުގެ ސޯލާ ޕީވީ ނިޒާމު ރާއްޖޭގެ 10 އަތޮޅެއްގެ ގޭބިސީތަކުގައި ހަރުކޮށްފައިވާކަމަށް ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްލަ 3 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ގޭބިސީތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ގޭބިސީތަކަށް އަމާޒުކޮށްގެން އިތުރު 1.5 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ އިއުލާންކޮށްފައެވެ. މީގެ އިތުރުން، އިތުރު 7 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ޖުމްލަ 748 ގޭބިސީއެއްގައި ސޯލާ ނިޒާމު ހަރުކުރަން ނިންމާފައިވެއެވެ.

މި ފިޔަވަހީގެ ދަށުން ސޯލާ ޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް ސޯލާ ޕީވީ ނިޒާމުތައް އިންސްޓޯލްމަންޓް އުސޫލުން ގަތުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި މިނިޒާމުތައް ގާއިމުކުރަނީ ނެޓްމީޓަރިންގެ އުސޫލުގެ ދަށުންނެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން