ޚަބަރު
އަންނަ ދިރާސީ އަހަރަށް ރަށްރަށަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް ފަށައިފި
އަރަބި ޓެކްސްޓް ފޮތް ފޮޓޯ: އެޑިޝަން
އަންނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ތަޢުލީމީ ވުޒާރާއިން ފަށައިފިއެވެ. އަހަރުތަކަކަށް ފަހު، މިފަހަރުގެ ދިރާސީ އަހަރު ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ފެށޭނެއިރު، ސްކޫލްތައް ހުޅުވުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ފޮތްތައް ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ.
ތަޢުލީމީ ވުޒާރާއިން ވިދާޅުވީ، އަތޮޅުތަކުގެ ރަށްރަށަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި، ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފުރިހަމައަށް ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، ދުރާލާ ސްކޫލްތަކާއި އެ ވުޒާރާއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވުޒާރާއިން ބުނެއެވެ. ވުޒާރާގެ އަމާޒަކީ ސްކޫލް ހުޅުވުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކޮށް ނިންމުމެވެ.
ދިރާސީ އަހަރެއް ފެށުމުގެ ކުރިން ތަޢުލީމީ ވުޒާރާއިން އަންނަނީ ދަަރިވަރުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޚާއްސަކޮށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ކިޔެވުން ފެށުމުގެ ކުރިން ފޯރުކޮށްދިނުމާއި، މުދައްރިސުން ހަމަކުރުމުގެ މަސައްކަތްތައް ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން ސްކޫލްތައް އާބާތުރަ ފިލުވުމުގެ މަސައްކަތަކީވެސް ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ކުރާ މުހިއްމު މަސައްކަތެކެވެ. މިގޮތުން އަންނަ ދިރާސީ އަހަރައް ތައްޔާރުވުމަށް 40 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާކަމަށް ތަޢުލީމީ ވަޒީރު ވަނީ ވިދާޅުވެފައެވެ. ދިރާސީ އައު އަހަރަށް ތައްޔާރުވަމުން އަންނައިރު، ސްކޫލްތަކުގެ ކިޔެވުން ފަށާއިރު ރާއްޖޭގެ ހުރިހާ ސްކޫލްއެއްގެ ކްލާސްރޫމްތައް އޭސީކޮށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި ދިރާސީ އައު އަހަރުގައި ދަރިވަރުން ކިޔަވާނީ އެސީކޮށްފައިވާ ކްލާސްރޫމްތަކެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިފައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން ތަރައްޤީކުރާ ފުރަތަމަ ސްކޫލް "ޝަހީދު އަލީ" ސްކޫލްގައި ކިޔެވުން ފަށާނެއެވެ.
މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީ ފެށޭނީ މި މަހުގެ 25 ވަނަ ދުވަހުގައެވެ. އަދި ޗުއްޓީ ނިންމުމަށް ފަހު އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ. ފުރަތަމަ ޓާމްގެ މިޑް ބްރޭކް މެއި މަހުގެ 24 އިން 30 އަށް ލިބޭއިރު ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި މަހުގެ 17 އިން އޯގަސްޓް މަހުގެ ފުރަތަމަ ދުވަހާ ހަމައަށެވެ.
އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރު އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ފަށާއިރު، ދެވަނަ ޓާމްގެ ކިޔެވުން ނިންމާ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ. އަދި 2027 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 17 ވަނަ ދުވަހުއެވެ.
މިފަހަރުގެ ކަލަންޑަރުގައި ވަނީ އަލަށް ސްކޫލްއަށް ދަރިވަރުން ވައްދާ ތާރީޚާއި އެއް ސްކޫލްއިން އަނެއް ސްކޫލްއަށް ދަރިވަރުން ބަދަލުކުރެވޭނެ މުއްދަތުވެސް ހިމަނާފައެވެ. އެގޮތުން މެއި މަހުގެ 17 އިން ޖޫން 15 ހަމައަށް މުއްދަތެއް ހިމަނާފައިވާއިރު، 18 އޮކްޓޫބަރުން 17 ނޮވެމްބަރާ ދެމެދު އެއް ސްކޫލްއިން އަނެއް ސްކޫލްއަށް ދަރިވަރުން ބަދަލުކުރުމުގެ ފުރުޞަތު ދިނުމަށް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން އަންނަ އަހަރު އަލަށް ސްކޫލަށް ކުދިން ވެއްދުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 12 ޖުލައިން 31 އޯގަސްޓްއާ ހަމައަށެވެ.