ޚަބަރު
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބުމުގެ ޝަރުތު ހަމަވަނީ ޖުމްލަ 4 ސިޔާސީ ޕާޓީ
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބުމުގެ ޝަރުތު ހަމަވާ ޕާޓީ ތަކުގެ ލޯގޯ ފޮޓޯ: އިންޓަނެޓް
އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބުމުގެ ޝަރުތު ހަމަވަނީ ޖުމްލަ 4 ސިޔާސީ ޕާޓީއަކަށެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުތަކުން މިކަން ހާމަވަނީ، ގާނޫނުގައި ބުނާ 10،000 މެންބަރުން ހަމަވަނީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި ވެރިކަން ކުރާ ޕީއެންސީއަށް ކަމަށް ވުމުންނެވެ. މީގެ ސަބަބުން މި އަހަރު ފައިސާ ލިބުނު އަދާލަތު ޕާޓީ އަންނަ އަހަރުގެ ބަޖެޓުން އުނިވާނެއެވެ.
އަންނަ އަހަރުގެ ބަޖެޓް ފާސްކުރި ދުވަސްކަމުގައިވާ ނޮވެންބަރު 25 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10,000 މެންބަރުން ހަމަވެފައިވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ)، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުން ކޮންމެ އަހަރަކުވެސް ފާސްކުރާ ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރަނީ 10,000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ.
2026 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހުގެ (25 ނޮވެންބަރު 2025) ނިޔަލަށް، 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތައް pic.twitter.com/IlrDViaMI1
— Elections Commission (@ElectionsMv) December 6, 2025
މި އަހަރުގެ ބަޖެޓުން ފައިސާ ދޫކުރީ ޖުމްލަ 5 ސިޔާސީ ޕާޓީއަކަށެވެ. އެއީ ޕީއެންސީ، އެމްޑީޕީ، ޖޭޕީ، އެމްޑީއޭ އަދި އަދާލަތު ޕާޓީއެވެ. ނަމަވެސް މިހާރު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އަދާލަތު ޕާޓީގެ މެންބަރުންގެ އަދަދު 10،000 އަށްވުރެ ދަށަށް ގޮސްފައިވާތީ، އެ ޕާޓީ އަންނަ އަހަރު ބަޖެޓުން ފައިސާ ލިބޭ ލިސްޓުން އުނިވާނެއެވެ.
މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރި ފައިސާގެ ތަފްސީލު ހާމަކޮށްފައިވާ ގޮތުގައި، އެންމެ ގިނަ އަދަދެއްގެ މެންބަރުން ތިބި ޕާޓީއެއްގެ ގޮތުން އެންމެ ގިނަ ފައިސާ ލިބުނީ ވެރިކަން ކުރާ ޕީއެންސީއަށެވެ. އެ ޕާޓީއަށް 13,316,689.57ރ ލިބިފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާ ލިބުނީ އިދިކޮޅު އެމްޑީޕީއަށް (8,454,780.51ރ). އަދި ޖުމްހޫރީ ޕާޓީއަށް 2,656,598.57ރ، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް 1,769,648.69ރ ލިބިފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޖޫން މަހުގެ ނިޔަލަށް 10,000 މެންބަރުން ތިބީ 3 ސިޔާސީ ޕާޓީއެއްގައެވެ. އެހެން ނަމަވެސް، އަންނަ އަހަރުގެ ބަޖެޓް މަޖިލީހުން ފާސްކުރި ތާރީޚާއި ހަމައަށް، ޤާނޫނުގައި ބުނާ މިންވަރަށް މެންބަރުންގެ އަދަދު ހަމަވާ ޕާޓީތަކުގެ އަދަދުވަނީ 4 އަށް އިތުރުވެފައެވެ.
މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕާޓީތަކުގައި މެންބަރުން ތިބި އަދަދުތައް ހާމަކޮށްފައިވާ ގޮތުގައި:
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) - 68,665 މެންބަރުން
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - 43,765 މެންބަރުން
ޖުމްހޫރީ ޕާޓީ (ޖޭޕީ) - 13,456 މެންބަރުން
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) - 9,011 މެންބަރުން
އަދާލަތު ޕާޓީ (އޭޕީ) - 8,844 މެންބަރުން
އެކްޓިވް 9 ސިޔާސީ ޕާޓީއެއް ދަފްތަރުގައި އޮތްއިރު، އޭގެ ތެރެއިން ގިނައީ 10,000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ބަލާއިރު، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގައި، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ 3,000 މެންބަރުންވެސް ހަމަނުވާކަން ފާހަގަކުރެވެއެވެ.